ވިޔަފާރި

"ޓްރެވަލް މީޓް އޭޝިއާ - ސައުތް އީސްޓް އޭޝިއާ"ގައި ރާއްޖެއިން ބައިވެރިވެއްޖެ


ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށްޓަކައި "ޓްރެވަލް މީޓް އޭޝިއާ -ސައުތް އީސްޓް އޭޝިއާ" ގައި ވިޒިޓް މޯލްޑިވްސްއިން ބައިވެރިވެއްޖެއެވެ.

"ޓްރެވަލް މީޓް އޭޝިއާ -ސައުތް އީސްޓް އޭޝިއާ"އަކީ އައި.ޓީ.ބީ އޭޝިއާގެ ފަރާތުން ކުރިޔަށްގެންދާ ހަތަރު ބަޔަކަށް ބަހާލެވިފައިވާ ސިލްސިލާ ވަރޗުއަލް ރޯޑްޝޯވގެ ދެވަނަ ބައެވެ. މި ރޯޑްޝޯގެ ފުރަތަމަ ސީރީޒް އަމާޒު ކޮށްފައިވަނީ ދެކުނު އޭޝިއާ ގައުމުތަކަށެވެ. މި ގޮތުން 24 އިން 25 ފެބްރުވަރީއާ ހަމަޔަށް ރޭވިފައި ވަނީ ދެކުނު އިރުމަތީ އޭޝިއާގެ ގައުއުމުތަކަށް ހާއްސަ ކުރެވިފައިވާ އިވެންޓެވެ.

"ޓްރެވަލް މީޓް އޭޝިއާ - ސައުތް އީސްޓް އޭޝިއާ"ގެ ނަމުގައި ބާއްވާ މި އިވެންޓްގައި ދެކުނު އިރުމަތީ އޭޝިއާގެ މައިސް އާއި ކޯޕަރޭޓް އަދި ލެޝާރ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ބޭފުޅުންނާއި ބައްދަލުކޮށް ޚިޔާލު ބަދަލުކުރުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ބައިވެރިންނަށް ލިބިގެންދާނެއެވެ. މި ގޮތުން ވިޒިޓް މޯލްޑިވްސްއާއެކު ފަތުރުވެރިކަމުގެ ދާއިރާގެ 7 ކުންފުންޏަކުން މިއިވެންޓުގައި ބައިވެރިވެއެވެ. އަދި މި ރޯޑްޝޯގެ ތެރެއިން ދިވެހިރާއްޖެއަކީ ދެކުނު އިރުމަތީ އޭޝިއާގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރަން ޒިޔާރަތްކުރަން އެންމެ މަގުބޫލު އެއް މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް، ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އެޅިފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން އެންމެ ރައްކާތެރި އެއް ގައުމުގެ ގޮތުގައިވެސް އިޝްތިހާރުކުރެވިގެން ދާނެއެވެ.

މިދިޔަ އަހަރު ދެކުނު އިރުމަތީ އޭޝިއާއިން ދިވެހިރާއްޖެއަށް ވަނީ 12746 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު ދަށް އަދަދެކެވެ. ނަމަވެސް ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުން ބޯޑަރު ހުޅުވާލުމަށްފަހު ދިވެހި ރާއްޖެއަށް ޒިޔާރަތް ކުރާނެ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ގިނަ ސާރވޭތަކުން ލަފާ ކުރެއެވެ.