ކުޅިވަރު

ޔޫރޮޕާ ލީގުގެ ފަހު 16 އިން ޓޮޓްނަމް ޖާގަހޯދައިފި


ޔުއޭފާ ޔޫރޮޕާ ލީގުގެ ފަހު 16 ޓީމްގެ ބުރުން އިންގްލިޝް ޕްރިމިއަރ ލީގުގެ ޓޮޓްނަމް ހޮޓްސްޕަރ ޖާގަހޯދައިފިއެވެ. މި މުބާރާތުގެ ފަހު 16 އިން ސްޕަރސް ޖާގަހޯދީ ދެވަނަ ބުރުގައި އޮސްޓްރިއާގެ ވުލްފްސްބަރގަރ އާއި ބައްދަލުކުރި ދެވަނަ ލެގް 4 ލަނޑު ސުން ލަނޑުން ކާމިޔާބުކޮށް 8 ލަނޑު އެއް ލަނޑުގެ އެގްރިގޭޓް ނަތީޖާއަކާއެކުއެވެ.

ސްޕަރސްގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގްގައި އެޓީމްގެ ފުރަތަމަ ލަނޑު މެޗްގެ 10 ވަނަ މިނެޓްގައި ޖަހަދިނީ ޑެލީ އަލީއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 50 ވަނަ މިނެޓްގައި ޖަހާދިނީ ކާލޯސް ވިނީޝިއަސްއެވެ. އެޓީމްގެ ތިންވަނަ ލަނޑު މެޗްގެ 73 ވަނަ މިނެޓްގައި ގެރެތު ބެއިލް ކާމިޔާބުކޮށްދިންއިރު އެޓީމްގެ ފަހު ލަނޑު ޖަހައިދިނީ ދެވަނަ ލަނޑުވެސް ޖަހައިދިން ވިނީޝިއަސްއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ސްޕަރސްއަށް ލިބި ބޭނުން ނުހިފި ދިޔައެވެ. މިމެޗްގައި ވުލްފްސްބަރގަރއަށް މާ ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މިދެޓީމް ކުޅުނު ފުރަތަމަ ލެގް 4 ލަނޑު އެއްލަނޑުން ކާމިޔާބުކުރީވެސް ސްޕަރސްއެވެ.

މިމުބާރާތުގެ ފަހު 16 ޓީމްގެ ބުރުގައި ސްޕަރސް ބައްދަލުކުރާނެ ޓީމެއް އެނގިގެންދާނީ މާދަމާ ބާއްވާ ގުރުއަތުލުމުންނެވެ.