ވިޔަފާރި

ޓުއަރ އޮޕަރޭޓަރުންނާއި އެޖެންސީތަކުގެ ޤާނޫނުގެ ސަބަބުން ދިވެހި ކުންފުނިތަކަށް ރައްކާތެރިކަން ލިބޭނެ: މައުސޫމް


ޓުއަރ އޮޕަރޭޓަރުންނާއި ޓުއަރ އެޖެންސީތަކަށް ޙާއްސަ ޤާނޫނެއް އެކުލަވާލުމުން ދުނިޔޭގެ ވާދަވެރިކަމުގެ ތެރޭގައި ދިވެހި ކުންފުނިތަކަށް އެކަށީގެންވާ ސަލާމަތާއި ރައްކާތެރިކަން ލިބިގެންދާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ޓުއަރ އޮޕަރޭޓަރުންނާއި ޓުއަރ އެޖެންސީތަކަށް ޙާއްސަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތު ބައްދަލުވުން ފެއްޓެވުމުގެ ގޮތުން ވާހަކަދައްކަވަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީއާއި ރައްޔިތުންގެ މަޖިލީހުން އިސްނަންގަވައިގެން ޓުއަރ އޮޕަރޭޓަރުންނާއި ޓުއަރ އެޖެންސީތަކަށް ޙާއްސަ ޤާނޫނެއް އެކުލަވާލުމުން މަސައްކަތު ބައްދަލުވުމެއް މިއަދު ވަނީ ފަށާފައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ، ލޯކަލް ޓްރެވެލް އެޖެންޓުންނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ފަރާތްތަކަމަށެވެ. އަދި މިއަދު ޓެކްނޮލޮޖީ ކުރިއަރައިގެންގޮސް، މަސައްކަތް ފަސޭޙަވިނަމަވެސް، ކުރިން ޓްރެވެލް އެޖެންޓުން އެތައް މަސައްކަތެއް ކުރަންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިއަދު ރާއްޖޭގެ ޓްރެވެލް އެޖެންޓުންނަށް އެންމެ ބޮޑު ދައްޗަކަށް ދިމާވަނީ ދުނިޔޭގެ ވާދަވެރިކަމުގެ ތެރޭގައި އެކަށީގެންވާ ސަލާމަތާއި ރައްކާތެރިކަން ލިބޭނެގޮތެއް ފަހިވެފައިނެތުންނަކަށެވެ. ނަމަވެސް މި ޤާނޫނުގެ ސަބަބުން ލޯކަލް ޓްރެވެލް އެޖެންޓުންނަށް ރައްކާތެރިކަން ލިބިގެންދާނެކަމަށާއި ޤައުމުގެ އިޤްތިސާދަށްވެސް އެންމެ ރަނގަޅުވާނީ އެގޮތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ލޯކަލް ޓްރެވެލް އެޖެންޓުންނަށް އެންމެ ބޮޑު ގޮންޖެހުމަކަށް މިދިމާވި ކަމަކީ މުޅި ދުނިޔޭގެ އިންޑަސްޓްރީއެއްގެ ތެރޭގައި ހަރަކާތްތެރިވާއިރު ލޯކަލް ރެސިޑެންސީ. މިތަނުގައި ވަޒަންވެރިވެ ނެތަސް އެ ޤައުމެއްގައި ލިބެންހުންނަ ފައިދާތައް ދުނިޔޭގެ ކޮންމެ މީހަކަށްވެސް ނެގޭ. އެހެންވީމަ މިފަދަ އެކުލަވާލެވޭ ޤާނޫނަކުން ދުނިޔޭގެ ވާދަވެރިކަމުގެ ތެރޭގައި އެކަށީގެންވާ ސަލާމަތާއި ރައްކާތެރިކަން ލިއްބައިދެވޭފަދަ ގޮތެއްގައި ވިޔަފާރި ގެންދެވޭގޮތައް ރުކުރުވާލަންޖެހޭ. ޒަމާނީ ވާދަވެރިކަން ޕްރީ ޓްރޭޑް ތެރޭގައިވެސް އެޤައުމެއްގެ ވިޔަފާރިވެރިންނަސް ރައްކާތެރިކަން ދިނުން އެއީ އަޅުގަނޑުހިތުން ވިސްނާލަންޖެހޭ ކަމެއް. ޤައުމެއްގެ އިޤްތިސާދަށް އެންމެ ރަނގަޅުވާނީ އެގޮތައް." މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރ މައުސޫމް ވިދާޅުވީ، މި ބައްދަލުވުމުގައި ބައިވެރިވާ ގިނަ ޓުއަރ އޮޕަރޭޓަރުން ޓެރެވެލް އެޖެންޓުންނަކީ ވަރަށް ބޮޑެތި ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުންކަމަށެވެ. އަދި ޤާނޫނު ހެދިގެން އަންނައިރު ރާއްޖެއަށް ލިބޭ ޑޮލަރުވެސް ރާއްޖޭގައި ބެހެއްޓުމަށް މަގުފަހިވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ޤާނޫނު ހެދިގެން އަންނައިރު އަޅުގަނޑު މި އުންމީދުކުރަނީ ރާއްޖެއަށް ލިބޭ ޑޮލަރު ދިވެހިރާއްޖޭގައި ބެހެއްޓުމުގެ ފުރުސަތުވެސް ތަނަވަސްވުމަށް ކޮންމެވެސް ޖާގައެއް ލިބިގެންދާނެކަމަށް. ބޭރުގައި ހިންގޭ ޓްރާންސެކްޝަންތަކުގެ ސަބަބުން ރާއްޖެއަށް ގެންލޭ ޑޮލަރުވެސް ރާއްޖޭގައި ބެހެއްޓުމުގެ މަގު ތަނަވަސްވެގެންދާނެކަމަށް. އަދި އެއާއިއެއްކޮށް ވާދަވެރި ގޮތެއްގައި ވިޔަފާރިތައް ހިންގާއިރުވެސް ފްރީ އެންޑް ފެއަރ މުއާމަލާތްތައް ކުރުމަށް ޖާގަ ލިބިގެންދާނެކަމަށް." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މައުސޫމް ވަނީ މިފަދަ ބައްދަލުވުމެއް ރައްޔިތުން މަޖިލީހުން އިސްނަގައިގެން ކުރިއަށްގެންދާތީ މަޖިލީހަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ވޯކްޝޮޕްގެ އަލީގައި ކުރިން ހުރި މައްސަލަތައް ހައްލުވެ، ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ޕްރޮމޯޓްވުމަށް އެހީތެރިވެދޭނެކަމަށް ގަބޫލުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.