ދުނިޔެ

ސަރުކާރުން ޞުލްޙައިގެ އެއްބަސްވުމާއި އެއްގޮތަށް އަމަލެއް ނުކުރޭ- ޠާލިބާން


އަފްޣާނިސްތާނުގައި ސުލްހަ ޤާއިމްކުރުމަށް އެމެރިކާއާއި ޠާލިބާނުންނާއި ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމާއި އެއްގޮތަށް އަފްޣާނިސްތާނުގެ ސަރުކާރާއި ހުޅަނގުގެ ވާގިވެރިން ޢަމަލުނުކުރާކަމަށް ޠާލިބާނުން ބުނެފިއެވެ. ޠާލިބާނުން މިހެން ބުނެފައި މިވަނީ ގިނަ ދުވަސްތަކެއް ވަންދެން މެދުކެނޑިފައި އޮތުމަށްފަހު ޠާލިބާނުންނާއި އަފްޣާނިސްތާނުގެ ސުލްހައިގެ މަޝްވަރާތައް އަލުން ފަށާފައިވަނިކޮށެވެ.

އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމުކުރުމަށް ޠާލިބާނުންނާއި އެމެރިކާއިން މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އަފްޣާނިސްތާނުގެ ސަރުކާރާއެކު ޠާލިބާނުން މަޝްވަރާކުރުމަށް މާރިޗު މަހުގެ ތެރޭގައި ވަނީ ޝަރުތުކޮށްފައެވެ. އެއްބަސްވުމުގެ ދަށުން އަފްޣާނިސްތާނުން ހައްޔަރުކޮށްފައިވާ ޠާލިބާނު ހަނގުރާމަވެރިން މިނިވަންކުރުމަށް އެ ޤައުމުގެ ސަރުކާރުންވަނީ އެއްބަސްވެފައެވެ. އަދި އަފްޣާނިސްތާނުގައި ތިބި ބޭރު ޤައުމުތަކުގެ އަސްކަރީ ފައުޖުތައް އެ ޤައުމުން ފޭބުމަށްވެސް އެއްބަސްވުމުގައިވަނީ ޝަރުތުކޮށްފައެވެ.

މަޝްވަރާތައް ނުފެށި ގިނަ ދުވަސްތަކެއް ވުމަށްފަހު ސުލްހައިގެ ވާހަކަތައް ފެށުމުގެ ކުރިން އަފްޣާނިސްތާނުގެ ސަރުކާރުންވަނީ ޠާލިބާނުންގެ 5،000 ހަނގުރާމަވެރިން މިނިވަންކޮށްފައެވެ. އޭގެ ބަދަލުގައި ޠާލިބާނުންވަނީ އަފްޣާނިސްތާނުގެ 1،000 ސިފައިން ދޫކޮށްލާފައެވެ.

ޤަތަރުގެ ދައުހާގައި ހުންނަ ޠާލިބާނުންގެ ސިޔާސީ އިދާރާގެ އިސް މެންބަރަކު ބުނީ ޠާލިބާނުންނާއި އަފްޣާނިސްތާނުގެ ސަރުކާރާއި ދެމެދު ދައުހާގައި ކުރިއަށްދާ ސުލްހައިގެ މަޝްވަރާތައް ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި، ހައްޔަރުކޮށްފައި ތިބި ހުރިހާ ޠާލިބާނުންގެ ހަނގުރާމަވެރިން ދޫކޮށްލަންޖެހޭކަމަށެވެ. އެހެންނަމަވެސް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މަޝްވަރާތައް ފެށިނަމަވެސް މިހާތަނަށް އެއްވެސް ހަނގުރާމަވެރިއަކު އަފްޣާނިސްޠާނުން މިނިވަންކޮށްފައިނުވާކަމަށް ޠާލިބާނުން ބުނެއެވެ. އަދި ކުށްވެރިން ދޫކުރުން ލަސްވަނީ އަފްޣާނިސްތާނުގެ ސަރުކާރުގެ ސަބަބުންކަމަށްވެސް ޠާލިބާނުން ބުނެއެވެ.

މިކަމުގައި އަފްޣާނިސްތާނުގެ ސަރުކާރުން ބުނަމުންދަނީ ޠާލިބާނުންނާއި އެމެރިކާއާއި ދެމެދު ވެފައިވާ އެއްބަސްވުމަކާއި އެއްގޮތަށް އަފްޣާނިސްތާނުގެ ސަރުކާރުން އަމަލުނުކުރަން ނުޖެހޭކަމަށެވެ. މީގެ ކުރިން ޠާލިބާނުގެ 5،000 ހަނގުރާމަވެރިން މިނިވަންކޮށްފައިވަނީ ޠާލިބާނާއި އެމެރިކާއާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ނޫންކަމަށް އަފްޣާނިސްތާނުގެ ސަރުކާރުން ބުނެއެވެ.

އަފްޣާނިސްތާނުގައި މިހާރު ތިބި އެމެރިކާގެ އަސްކަރީ ސިފައިން އެ ޤައުމުން ފޭބުމުގެ ކަންކަން ލަސްވެފައިވާތީ ޠާލިބާނުންވަނީ އެކަމާއިމެދުވެސް ކަންބޮޑުވުން ފައުޅުކޮށްފައެވެ. މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އެމެރިކާގެ ވެރިކަން ބަދަލުވުމާއިއެކު، އައު ސަރުކާރުންދަނީ 2020ވަނަ އަހަރުގެ ފެބްރުއަރީ މަހު އެކުލަވާލި ދައުހާ އެއްބަސްވުން އަލުން މުރާޖަޢާކުރަމުންނެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަންޕް މަސައްކަތްކުރެއްވި ގޮތަށް އަފްޣާނިސްތާނުގެ މައްސަލައަށް ސިޔާސީ ޙައްލެއް ހޯއްދަވަން ބޭނުންވާކަން މިހާރުގެ ރައީސް ޖޯ ބައިޑަންވެސް ވަނީ އިއުލާންކުރައްވާފައެވެ. އެހެންނަމަވެސް އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ އަސްކަރީ ފައުޖުތައް އެ ޤައުމުން އަނބުރާ ގެނައުމަށް ރައީސް ޓްރަންޕު ކަނޑައަޅުއްވާފައިވާ ތާވަލާއި އެއްގޮތަށް ބައިޑަން އަމަލުކުރައްވާނެކަމާއި މެދުވަނީ ސުވާލު އުފެދިފައެވެ.

ޠާލިބާނުން ބުނީ އެމެރިކާގެ ޤާނޫނީ ސަރުކާރަކާއިއެކު އެ ޖަމާޢަތުން ވެފައިވާ އެއްބަސްވުމެއް އޮތްކަމަށާއި އެ އެއްބަސްވުމާއި އެއްގޮތަށް އެމެރިކާއިން އަމަލުކުރަންވާނެކަމަށެވެ.