ޚަބަރު

ރިޔާސީ ބަޔާނަށް މައިނޯރިޓީ ލީޑަރު ފާޑުވިދާޅުވެއްޖެ


ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވި ރިޔާސީ ބަޔާނަށް، ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ އަޙްމަދު ސަލީމް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައި ބުނެފައިވާގޮތުން ކޮންމެ އަހަރަކު ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމުން މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނައިން މެންބަރުން ތިއްބެވި ޕާޓީތަކުގެ ފަރާތުން އެ ރިޔާސީ ބަޔާނަށް ޖަވާބު ތައްޔާރުކޮށް އެ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި އިއްވަވަންވާނެކަމަށެވެ.

މިހާރު މަޖިލީހުގައި މެންބަރުން ތިއްބެވި ގޮތުން ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާނީ ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމެވެ.

މިމަހުގެ 4ވަނަ ދުވަހު މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ބަޔާނަށް ޖަވާބުދެއްވަމުން ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަޙްމަދު ސަލީމް ވިދާޅުވީ، ރާއްޖޭގައި މިހާރު ވެރިކަން ކުރަމުންދަނީ އިދިކޮޅު ސިޔާސީ ލިޑަރު ނުޙައްޤުން ޖަލުގާ ބަންދުކޮށްގެންކަމަށާއި، އެއީ ޑިމޮކްރަސީއާ ބީރައްޓެހި ސިފައެއްކަމަށެވެ. ސަލީމް ވިދާޅުވީ، ރައީސްގެ ރިޔާސީ ބަޔާނުގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުން ނެރުނު ރިޕޯޓަށް އަލިއަޅުވައިލައްވާފައިނުވާކަމަށާއި، އެކަން ކުށްވެރިކުރާކަމަށެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ފާޑު ވިދާޅުވަމުން ސަލީމް ވިދާޅުވީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ބެލެންސް ގެއްލިފައިވާކަމަށެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އަށް ރައްޔިތުންގެ ހުރިހާ ކަމެއް ސަރުކާރުން ދޫކޮށްލާފައިވާކަމަށާއި، ކޯވިޑް މެނޭޖުކުރުމަށް ސަރުކާރުން އިހުމާލުވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ސަރުކާރުން ހިންގަމުންދާ ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށް އެއްވެސް ފިޔަވަޅެއް އަޅުއްވާނެކަމަށް ރިޔާސީ ބަޔާނުގައި ވިދާޅުނުވުމަކީ ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުތައް ފެއިލްވުންކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

ރައީސްގެ ރިޔާސީ ބަޔާނަށް ރައްދު ދެއްވަމުން ސަލީމް ވިދާޅުވީ، ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރެއް އުފެދުމަކީ ރާއްޖޭގެ އިޤުތިޞާދަށް ކުރިމަތިވެފައިވާ ވަރަށް ޙައްސާސް މައްސަލައެއްކަމަށާއި، ވިޔަފާރިތަކަށާއި، ޢާންމުންގެ ބޭނުންތަކަށް ޑޮލަރު ލިބުމުގާ ވަރަށް ބޮޑެތި ދަތިތަކެއް އެބަހުރިކަމަށެވެ. އަދި އިޤުތިޞާދު ސިންދަފާތު ކުރަންޖެހޭ ކަމަށް ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވިނަމަވެސް، އެކަންކުރާނެގޮތެއް، ކުރާނީ ކޮންކަމަކުންކަން ވިދާޅުނުވާކަމަށްވެސް ސަލީމް ވިދާޅުވިއެވެ

ސަލީމް ވިދާލުވީ، ރާއްޖޭގާ އިޖުތިމާޢީ ޢަދާލަތު ޤާއިމު ކުރެވޭނީ އަދި ޝަރުޢީ ދާއިރާއަށް ރައްޔިތުންގެ އިތުބާރު ލިބޭނީ ޖޭއެސްސީ ސިޔާސީ ނުފޫޒުން މިނިވަންވެގެންކަމަށެވެ.

"ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ސިޔާސީ މީހުން ތިބޭހާ ދުވަހެއްގައި ޝަރުޢީ ނިޒާމު ސިޔާސީ ނުފޫޒުން ސަލާމަތެއް ނުކުރެވޭނެ. މިކަމަށްޓަކާ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ކޮމްޕޮޒިޝަން ބަދަލު ކުރަންޖެހޭ. އެކަމަށް ވަޢުދުވެގެން ވެރިކަމަށް އައި ބަޔަކު، މިހާރު އެކަން ނުކުރަން އުޅުމަކީ ސަރުކާރުގެ އިޚުލާޞްތެރިކަމެއް ނެތްކަން ހާމަވާ ކަމެއް. ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ކޮމްޕޮޒިޝަން ބަދަލު ކުރުމަށް ބަހަނާ ނުދެއްކެވުން އެދެން." ސަލީމް ވިދާޅުވިއެވެ.

ރިޔާސީ ބަޔާނަށް ރައްދު ދެއްވަމުން ސަލީމް ވަނީ ރައީސް ޔާމީނާއެކު ޤައުމު ހަމަމަގަށް އެޅުވުމުގެ މަޝްވަރާތައް ފެށްޓެވުމަށް އިލްތިމާސްކޮށްފައެވެ.

މިއަހަރަށް ރައްޔިތުންގެ މަޖްލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ ކޯވިޑާ ދެކޮޅަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ދުވެލި ހުރިގޮތަށް ބަލާއިރު، އިޤްތިޞާދު އަލުން އާރާސްތުކުރުމަށް، އެއް އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވީއެންމެ އަވަހަކަށް ކުރީގެ ޙާލަތަށް އެނބުރި ދިޔުމަށް ކަމަށް ރައީސް ވިދާޅުވެފައުިވެއެވެ.