ޚަބަރު

އިންޑިޔާގައި ބަލިޖެހޭ މީހުން އިތުރުވަނީ ވޭރިއަންޓުގެ ސަބަބުންނެއް ނޫން: ސަރުކާރު


އިންޑިޔާގެ މަހާރަޝްތްރާ ސްޓޭޓާއި ކެރެލާގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވެފައިވަނީ ވައިރަހުގެ އައު ވޭރިއަންޓުތަކުގެ ސަބަބުން ނޫންކަމަށް އެ ޤައުމުން ބުނެފިއެވެ.

ރަސްމީ ޢަދަދުތަކުން ދައްކާގޮތުގައި އިންޑިޔާގައި މިހާތަނަށް 11 މިލިއަން މީހުންނަށް ކޯވިޑް-19 ޖެހިފައިވާއިރު 156،598 މީހުންވަނީ އެބަލީގައި މަރުވެފައެވެ. އެމެރިކާއަށްފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވާ ޤައުމުގެ ގޮތުގައި އޮތީ އިންޑިޔާއެވެ. އިންޑިޔާގައި ބަލިޖެހިފައިވާ މީހުންގެ ހަޤީޤީ ޢަދަދު 300 މިލިއަނާއި ގާތްކުރާނެކަމަށް އެ ޤައުމުގެ ސަރުކާރުން ކުރި އެންޓިބޮޑީ ތަހުލީލަކުންވަނީ ދައްކާފައެވެ.

އިންޑިޔާގައި މިވަގުތު ކޯވިޑް-19 ޖެހިފައިވާ 147،000 މީހުންގެ ތެރެއިން %75 ޙިއްޞާކުރަނީ އެ ޤައުމުގެ ހުޅަނގުގެ ސްޓޭޓެއްކަމަށްވާ މަހާރަޝްތްރާއާއި ދެކުނުގެ ސްޓޭޓެއްކަމުގައިވާ ކެރެލާއިންނެވެ. ފާއިތުވި ދުވަސްތަކުގައި ދެ ސްޓޭޓުގައިވެސް ބަލިޖެހޭ މީހުންގެ ޢަދަދު ކުއްލިއަކަށް އިތުރުވެފައިވުމުން އެ ޤައުމުގައި ކޯވިޑް-19އާއި ދެކޮޅަށް ވެކްސިން ދޭ ދުވެލި އަވަސްކުރުމަށް ސަރުކާރަށްވަނީ ޕްރެޝަރު ބޮޑުވެފައެވެ.

އިންޑިޔާގެ ސަރުކާރުގެ އިސް ފަރާތަކުންވަނީ މަހާރަޝްތްރާއާއި ކެރެލާ ހިމެނޭގޮތަށް އިންޑިޔާގެ އެކި ސަރަޙައްދުތަކުގައި ކޯވިޑް-19 ގެ ބަދަލު އައިސްފައިވާ ދެ ވައްތަރެއް ގިނަ ދުވަސްތަކެއް ވަންދެން ފެތުރެމުންދާކަން ޔަޤީންކޮށްދީފައެވެ. އޭގެ އިތުރުން އިނގިރޭސިވިލާތުން ފެނިފައިވާ ވޭރިއަންޓުގެ ސަބަބުން ބަލިޖެހިފައިވާ 187 މީހުންނާއި، ދެކުނު އެފްރިކާއިން ފެނުނު ވޭރިއަންޓުގެ ސަބަބުން ބަލިޖެހިފައިވާ ހަ މީހުންނާއި ބުރެޒިލުން ފެނިފައިވާ ވޭރިއަންޓުގެ ސަބަބުން ބަލިޖެހިފައިވާ އެކަކު އިންޑިޔާއިން ފެނިފައިވާކަމަށް އެ ޤައުމުން މީގެ ކުރިންވަނީ ބުނެފައެވެ.

އިންޑިޔާ ސަރުކާރުގެ ވެކްސިނާއިގުޅޭ ކޮމިޓީއެއްގެ އިސްވެރިއެއްކަމަށްވާ ވިނޯދު ކުމާރު ޕޯލް ވިދާޅުވީ މިހާތަނަށް ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ބަލާއިރު މަހާރަޝްތްރާއާއި ކެރެލާގައި ބަލިފެތުރުން އިތުރުވެފައިވަނީ ވައިރަހުގެ އައު ވޭރިއަންޓުތަކުގެ ސަބަބުންކަމަށް ޤަބޫލުނުކުރެވޭކަމަށެވެ. މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އިންޑިޔާގެ ގިނަ ސަރަޙައްދުތަކެއްގައި ބަލިޖެހޭ މީހުންގެ ޢަދަދުދަނީ ވަރަށް ބޮޑަށް ދަށްވަމުންނެވެ. ނަމަވެސް ޕޯލް ވިދާޅުވީ މަހާރަޝްތާގެ ޕޫނޭފަދަ މީގެ ކުރިންވެސް ޙާލަތު ގޯސްވެފައިވާ ސިޓީތަކުގައި އަލުން ބަލި ފެތުރޭ މިންވަރު އިތުރުވެފައިވުމުން އެ ޤައުމުގެ ޙާލަތު އަދިވެސް ވަރަށް ނާޒުކުކަން ދޭހަކޮށްދޭކަމަށެވެ. އަދި މާސްކު އެޅުމާއި ގައިދުރުކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންގެ ކިބައިން އޭނާ އިލްތިމާސްކުރެއްވިއެވެ.

އިންޑިޔާގެ އުތުރުގެ ސްޓޭޓެއްކަމަށްވާ ޕަންޖާބުގައިވެސް ބަލިޖެހޭ މީހުންގެ ޢަދަދުދަނީ އިތުރުވަމުންނެވެ. އެ ސްޓޭޓަކީ ޞިއްޙީ ޚިދުމަތްތެރިންނަށް ވެކްސިން ދިނުމުގައި އެންމެ ފަހަތުގައި އުޅޭ އެއް ސްޓޭޓެވެ. އެ ސްޓޭޓުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް މާރޗު މަހުގެ 1ވަނަ ދުވަހުން ފެށިގެން އިތުރަށް ހަރުކަށިކުރުމަށްވަނީ ހަމަޖެހިފައެވެ.