ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާގައި ކުރީގެ ރައީސް ސިރިސޭނާއަށް ދައުވާކުރަންޖެހޭ - ރިޕޯޓް


2019ވަނަ އަހަރުގެ ތެރޭގައި ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން އެ ޤައުމުގެ ރައީސްގެ ގޮތުގައި އޭރު ހުންނެވި މައިތިރިޕައްލާ ސިރިސޭނާއާއި އޭނާގެ އިންޓެލިޖެންސް ވެރިންނާއި ދެކޮޅަށް ދައުވާކުރަންޖެހޭކަމަށް ތަހުގީގުން ދައްކައިފިއެވެ.

2019ވަނަ އަހަރު އޭޕްރިލް މަހުގެ 21ވަނަ ދުވަހު ސްރީލަންކާގެ ތިން ފައްޅިއަކަށާއި ހޮޓަލަކަށްވަނީ ނުރައްކާތެރި ބޮމުގެ ޙާމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި 279 މީހުންވަނީ މަރުވެފައެވެ. ބޮމުގެ ހާދިޘާ ހިންގުމުގެ ފަސް މަސް ދުވަސްފަހުން އެ ހާދިޘާ ތަހުގީގު ކުރުމަށް އޭރުގެ ރައީސް ސިރިސޭނާ ޤާއިމްކުރެއްވި ރިޔާސީ ކޮމިޝަން ކުރި ތަހުގީގުގެ ހޯދުންތަކާއި ގުޅޭ ރިޕޯޓު އެ ކޮމިޝަނުން ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހެޅީ މި މަހުގެ 23ވަނަ ދުވަހުއެވެ.

ކޮމިޝަނުގެ ރިޕޯޓުގައިވަނީ ބޮމުގެ ހަމަލާގައި ރައީސް ސިރިސޭނާގެ އިހުމާލު އޮތްކަމަށް ފާހަގަކޮށްފައެވެ. 440 ހެކިންގެ ހެކިބަސް އަޑުއަހާފައިވާ އެ ކޮމިޝަނުން ބުނީ ހާދިޘާ ހިންގުމުގެ 17 ދުވަސްކުރިން ޙަމަލާއެއް ދީފާނެކަމުގެ އިންޒާރު އިންޑިޔާގެ ޖާސޫސީ އިދާރާއަކުން ސްރީލަންކާއަށް ދީފައިވާކަމަށެވެ. އެ އިންޒާރުތަކާއި ގުޅޭ މަޢުލޫމާތު ސްރީލަންކާގެ ޖާސޫސީ އިދާރާތަކުން ސިރިސޭނާއަށް ދީފައިވާނޭކަމަށް ޤަބޫލުކުރެވޭކަމަށް ރިޕޯޓުގައިވަނީ ބުނެފައެވެ. ރިޔާސީ ކޮމިޝަނުގެ ފަރާތުން ބުނީ ރައީސް ސިރިސޭނާއާއި ދެކޮޅަށް ޖިނާއީ ދައުވާއެއް އުފުލުމާއިމެދު އެ ޤައުމުގެ ބަންޑާރަ ނައިބު ވިސްނެވުމަށް ކޮމިޝަންގެ ފަރާތުން ލަފާދޭކަމަށެވެ.

ސްރީލަންކާގެ ވެރިކަންކުރާ ޕާޓީގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މިހާރު ހުންނެވި ސިރިސޭނާ މީގެ ކުރިންވަނީ ހަމަލާއާއި ގުޅޭ އެއްވެސް އިންޒާރެއްގެ މަޢުލޫމާތު ލިބިވަޑައިގެންފައިނުވާކަމަށް ވިދާޅުވެފައެވެ. ކޮމިޝަނުގެ ރިޕޯޓާއި މެދު ސިރިސޭނާ މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ސްރީލަންކާގެ ޖާސޫސީ ވެރިޔާ، ނިލަންތަ ޖަޔަވަރުދޭނާއާއި ދެކޮޅަށްވެސް ޖިނާއީ ދައުވާއެއް އުފުލިދާނެކަމަށް ކޮމިޝަނުގެ ރިޕޯޓުގައިވަނީ ބުނެފައެވެ. އިންޑިޔާގެ ޖާސޫސީ އިދާރާއިން ދިން އިންޒާރުތަކާއި ގުޅިގެން އޭނާ އެއްވެސް ފިޔަވަޅެއް އަޅުއްވާފައިނުވާތީ އޭނާ ކުށްވެރިވާނެކަމަށް ރިޕޯޓުގައި ބުނެއެވެ. އަދި އިންޑިޔާގެ ޖާސޫސީ އިދާރާއިން ދިން އިންޒާރު އޭނާ ނަންގަވާފައިވަނީ ވަރަށް ލުއިކޮށްކަމަށް ރިޕޯޓުގައިވަނީ ބުނެފައެވެ.

ސިރިސޭނާއާއި ޖަޔަވަރުދޭނާގެ އިތުރުން ފުލުހުންގެ އިންސްޕެކްޓާ ޖެނެރަލް ޕުޖިތު ޖަޔަސުންދަރައާއި ދެކޮޅަށް އިހުމާލުގެ ދައުވާ އުފުލިދާނެކަމަށް ރިޕޯޓުގައިވަނީ ބުނެފައެވެ. ބޮމުގެ ހާދިޘާއާއި ގުޅިގެން އިންސްޕެކްޓާ ޖެނެރަލް ޕުޖިތު ޖަޔަސުންދަރައާއި ސްރީލަންކާގެ ދިފާޢީ ވުޒާރާގެ އޭރުގެ އެންމެ އިސްވެރިޔާ، ހެމާސިރީ ފާނަންޑޯއާއި ދެކޮޅަށް މިހާރުވެސްވަނީ ދައުވާކޮށްފައެވެ.

ބޮމުގެ ހަމަލާތަކަށް ޚަރަދުކޮށްފައިވަނީ ސްރީލަންކާގެ ވިޔަފާރިވެރިއެއްގެ ޢާއިލާއިންކަމަށް ރިޕޯޓުގައިވަނީ ބުނެފައެވެ. އޭނާގެ ދެ ފިރިހެން ދަރިންނަކީ ބޮމުގެ ހަމަލާތައް ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ ތެރޭގައި ހިމެނޭ ދެ މީހުންނެވެ. ހަމަލާ ދިނުމުގެ ދެ ދުވަސް ފަހުން ހަމަލާގެ ޒިންމާ އައިސިސް ޖަމާޢަތުން އުފުލި ނަމަވެސް ހަމަލާދިނުމުގައި ބައިވެރިވި ސްރީލަންކާގެ މީހުންނާއި އެ ޖަމާޢަތާއި ދެމެދު ސީދާ ގުޅުމެއް އޮތްކަމަށް އެ ކޮމިޝަނަށް ފާހަގަވެފައިނުވާކަމަށް ރިޕޯޓުގައި ބުނެއެވެ.