ދުނިޔެ

2 އަހަރަށްފަހު މިޞްރާއި ޤަތަރުން އެއް މޭޒަކަަށް


މިދިޔަ މަހުގެ ތެރޭގައި ޤަލްފުގެ މައްސަލަ ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކާއި ހަމައަށް އައި ފަހުން ފުރަތަމަ ފަހަރަށް މިޞްރާއި ޤަތަރުގެ ޚާރިޖީ ފަރާތްތަކުން ބައްދަލުކޮށްފިއެވެ.

ނިރުބަވެރި ޖަމާޢަތްތަކަށް އެހީތެރިވެ ޤަތަރުން އީރާނަށް އެއްބާރުލުންދޭކަމަށް ބުނެ، ގަލްފުގެ ބާރުތައްކަމަށްވާ ސަޢުދީއާއި ޔޫއޭއީގެ އިތުރުން ބަޙުރައިނުން ވަނީ 2017ވަނަ އަހަރުގެ ޖޫން މަހު ޤަތަރާއެކު އޮންނަ ސިޔާސީ އަދި ވިޔަފާރީގެ ގުޅުންތައް ކަނޑާލާފައެވެ. އެއާއިއެކު އެ ޤައުމުތަކުން ޤަތަރާއިއެކު ޙިއްޞާކުރާ ސަރަޙައްދީ ރޮނގުތައްވެސް ބަންދުކުރިއެވެ. އެ ޤައުމުތަކާއި ބައިވެރިވެގެން މިޞްރުންވެސް ޤަތަރާ ގުޅުން ކަނޑާލިއެވެ.

މިދިޔަ މަހުގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާގައި ބޭއްވި ގަލްފު ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ބައްދަލުވުމުގައި ސަޢުދީ ޢަރަބިއްޔާއާއި ޔޫއޭއީއާއި ބަހުރައިނުންވަނީ ޤަތަރާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އެއްބަސްވެފައެވެ. އަދި ޤަތަރާއިއެކު އަލުން ޚާރިޖީ އަދި ވިޔަފާރި ގުޅުން ޤާއިމްކުރުމަށްވަނީ އެއްބަސްވެފައެވެ. މީގެއިތުރުން އެ ޤައުމުތަކުގެ ވައިގެ ސަރަޙައްދުވެސް ޤަތަރަށް ހުޅުވައިލުމަށްވަނީ އެއްބަސްވެފައެވެ.

ދެ ޤައުމުގެ ޚާރިޖީ ވަފުދުތައް ކުވައިތުގައި ބައްދަލުކުރުމަށްފަހު އެ ބައްދަލުވުމާއި ގުޅޭގޮތުން ދެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ މަހުގައި ސޮއިކުރި އެއްބަސްވުމަށްފަހު އަޅާފައިވާ ފިޔަވަޅުތަކާއި މެދު ދެ ފަރާތުންވެސް ހިތްހަމަޖެހޭކަމަށާއި ގުޅުން ވަރުދަގަކުރުމަށް އެފަދަ ކަންކަމަށް މަރުހަބާ ކިޔާކަމަށެވެ.

މިޞްރުގެ ވަފުދުން ޤަތަރުގެ ވަފުދާއި ބައްދަލުކޮށްފައިވާއިރު ޔޫއޭއީގެ ވަފުދަކުންވެސްވަނީ ޤަތަރުގެ ވަފުދާއި ބައްދަލުކޮށްފައެވެ. ބަހުރައިނުގެ ޚާރިޖީ ވުޒާރާއިންވެސްވަނީ ޤަތަރުގެ ވަފުދެއް އެ ޤައުމަށް ފޮނުވުމަށް މިދިޔަ މަހުގެ ތެރޭގައި ޤަތަރަށް ދަޢުވަތު ދީފައިވާކަމަށް ބުނެފައެވެ. އެ ދަޢުވަތަށް ޤަތަރުން އަދި ޖަވާބެއް ދީފައި ނުވާކަމަށް ބަހުރައިނުން ބުނެއެވެ.