ޚަބަރު

ފޭސްބުކުން އެއްވެސް ހަބަރު ޕޯސްޓެއް އޮސްޓްރޭލިއާއަށް ނުފެންނަ ގޮތް ހަދައިފި


އޮސްޓްރޭލިއާގައި ފޭސްބުކް ބޭނުންކުރާ ފަރާތްތަކަށް ނޫސް އިދާރާތަކުން ޝާޢިރުކުރާ ޚަބަރުތައް އެ އެޕްލިކޭޝަން މެދުވެރިކޮށް ނުފެންނަގޮތަށް ފޭސްބުކުން ހެދުމުން އެ ކުންފުންޏަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ. ފޭސްބުކުން އެފަދަ ޕޭޖުތަކުން ޝާޢިއުކުރާ ޚަބަރުތައް ނުފެންނަ ގޮތަށް ހަދާފައިވަނީ ނޫސް އިދާރާތަކުން ޝާޢިއުކުރާ ލިޔުންތައް ފޭސްބުކުގައި ޝެއާކުރުމުން ފޭސްބުކަށް ލިބޭ ފައިދާއިން އެއްބައި ނޫސް އިދާރާތަކަށް ލިބެންޖެހޭނެކަމަށް އޮސްޓްރޭލިއާއިން ތަންފީޒުކުރަމަށް ތައްޔާރުވަމުންދާ ޤާނޫނަކާއި ގުޅިގެންނެވެ.

ފޭސްބުކުންވަނީ އޮސްޓްރޭލިއާގެ ސްޓޭޓުތަކުގެ ސަރުކާރުތަކާއި ޗެރިޓީތަކާއި އެ ޤައުމުގެ ނޫސް އިދާރާތުގެ އިތުރުން ބައިނަލްއަޤްވާމީ ނޫސް އިދާރާތަކުގެ ޕޭޖުތައް އެ ޤައުމަށް ނުފެންނަ ގޮތް ހަދާފައެވެ. ފޭސްބުކުން ކުއްލިގޮތަކަށް އެ ފިޔަވަޅުއަޅާފައިވަނީ އެ ޤައުމުގެ ކޯވިޑް ވެކްސިން މަޝްރޫޢު ފެށުމަށް ތިން ދުވަހަށް ވެފައި ވަނިކޮށެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން އެމަނިކުފާނުގެ ފޭސްބުކު ޕޭޖުގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ އޮސްޓްރޭލިއާ 'އަންފުރެންޑު' ކުރުމަށް ފޭސްބުކުން ނިންމި ނިންމުމަކީ އޭގެ ސަބަބުން އާންމުންނަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ ޞިއްޙީ އަދި ކުއްލި ޙާލަތްތަކާއި ގުޅޭ މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް ހުރަސްއެޅޭނެ ކަމެއްކަމުގައެވެ. އަދި އެ އަމަލަކީ ބޮޑާކަން ބޮޑު އަމަލެއްކަމަށާއި ފޭސްބުކުގެ ނިންމުމާއިމެދު ހިތްހަމަނުޖެހޭކަމަށެވެ. ބޮޑުވަޒީރު މޮރިސަން ވިދާޅުވީ ފޭސްބުކުގެ ނިންމުމުން ދައްކުވައިދެނީ ބޮޑެތި ޓެކް ކުންފުނިތަކުން ސަރުކާރުތަކުގެ މައްޗަށް ގަދަވެވޭނެކަމަށް ދެކޭ ދެކުމާއިމެދު ޤައުމުތަކުގެ މެދުގައި އޮތް ކަންބޮޑުވުމަކީ ހަގީގަތެއްކަމަށާއި އެފަދަ ކުންފުނިތަކުގެ މައްޗަށް ޤަވާއިދުތައް ނުހިނގާކަމަށް އެ ކުންފުނިތަކުން ޤަބޫލުކުރާކަން ދައްކުވައިދޭކަމެއްކަމަށެވެ.

އޮސްޓްރޭލިއާއިން ތަޢާރަފްކުރުމަށް މަސައްކަތްކުރަމުންދާ ޤާނޫނުގައި ބުނާގޮތުން ފޭސްބުކާއި އަލްފަބެޓް އިންކުގެ ގޫގްލުން ނޫސްއިދާރާތަކުން ޝާޢިއުކުރާ ޚަބަރުތައް އެ ޕްލެޓްފޯމްތަކުގައި ޙިއްޞާކުރުމުން އެ ޕްލެޓްފޯމްތަކުގެ ޓްރެފިކް އިތުރުވާނަމަ ނޫސް އިދާރާތަކާއިއެކު ވިޔަފާރީގެ އުސޫލުން އެއްބަސްވުމެއް ހަދަންޖެހެއެވެ. ނުވަތަ އާބިޓްރޭޝަންގެ ޒަރިއްޔާއިން އަގެއް ކަނޑައަޅަންޖެހެއެވެ.

ފޭސްބުކުން ބުނީ އެ ކުންފުނިން ގިނަ ޢަދަދެއްގެ ޕޭޖުތައް ބުލޮކުކޮށްފައިވަނީ އޮސްޓްރޭލިއާއިން ހުށަހަޅާފައިވާ ގާނޫނުގައި "ޚަބަރު ކޮންޓެންޓް" އަކީ ކޮބައިކަން ސާފުކޮށް ބަޔާންކޮށްފައި ނުވާތީކަމަށެވެ. ފޭސްބުކުން ބުނީ ދޮގު ޚަބަރާއި ގޯސް މަޢުލޫމާތު ފެތުރުމާއި ދެކޮޅަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތަށް ބަދަލެއް ނާންނަކަމަށާއި އޮޅުމަކުން ބްލޮކު ކުރެވުނު ޕޭޖުތައް އަލުން އަންބުލޮކު ކުރާނެކަމަށެވެ. ފޭސްބުކުގެ ނިންމުމުގެ ބޭނުމަކީ އޮސްޓްރޭލިއާހެ ހަބަރުތަކާއި ބައިނަލްއަޤްވާމީ ޚަބަރުތައް ފޭސްބުކް މެދުވެރިކޮށް އޮސްޓްރޭލިއާގައި ދިރިއުޅޭ މީހުންނަށާޢި ޕަބްލިޝަރުންނަށް ނުފެންނަ ގޮތް ހެދުންކަމަށް އެ ކުންފުނިން ވަނީ ބުނެއެވެ.

އޮސްޓްރޭލިއާއިން ތަޢާރަފްކުރުމަށް މަސައްކަތްކުރަމުންދާ ޤާނޫނާއި ގުޅިގެން ފޭސްބުކުން މިފަދަ ފިޔަވަޅެއް އާޅާފައިވާއިރު ގޫގްލްއިން އަމަލުކުރަމުންދަނީ ތަފާތުކޮށެވެ. ދެ ކުންފުނިންވެސް އެފަދަ ޤާނޫނުތަކާއި މެދު އަޑު އުފުލި ނަމަވެސް ގޫގުލްއިން މިހާރުދަނީ ނޫސްއިދާރާތަކާއިއެކު އެއްބަސްވުންތައް ހަދަމުންނެވެ. ފޭސްބުކުން އަޅާފައިވާ ފިޔަވަޅާއި ގުޅިގެން ގޫގުލްއިން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.

ފޭސްބުކުގައި ޙިއްޞާކުރާ ޚަބަރުތަކަކީ އެ ޕްލެޓުފޯމް ބޭނުންކުރާ މީހުންބަލާ ޕޯސްތުތަކުގެ އެންމެ ހަތަރު އިންސައްތަކަމަށް ފޭސްބުކުންވަނީ ބުނެފައެވެ. ނަމަވެސް އޮސްޓްރޭލިއާގައި ޚަބަރު ފެތުރުމުގައި ފޭސްބުކުގެ ދައުރުދަނީ އިތުރުވަމުންނެވެ. 2020ވަނަ އަހަރުގެ ތެރޭގައި އެ ޤައުމުގެ ޔުނިވަސިޓީ އޮފް ކެންބެރާއިން ކުރި ދިރާސާއަކުންވަނީ އޮސްޓްރޭލިއާގެ ރައްޔިތުންގެ 21 އިންސައްތަ މީހުން ޚަބަރުތައް ހޯދުމަށް ބޭނުންކުރާ މައިގަނޑު ވަޞީލަތަކީ ފޭސްބުކް ކަމަށެވެ. އަދި ޚަބަރު ކިޔާ މައުލޫމާތު ލިބިގަތުމަށް 39 އިންސައްތަ މީހުން ފޭސްބުކް ބޭނުންކުރާކަން އެ ދިރާސައިން ދައްކައެވެ.

ފޭސްބުކުން އަޅާފައިވާ ފިޔަވަޅަކީ ހަމައެކަނި އޮސްޓްރޭލިއާއަށް އަޅާފައިވާ ފިޔަވަޅެއް ނަމަވެސް އެހެން ސަރަޙައްދުތަކުގެ ސިޔާސީ ފަރާތްތަކުންވެސް ބުނަމުންދަނީ ފޭސްބުކުން އަޅާފައިވާ ފިޔަވަޅަކީ އޮސްޓްރޭލިއާއާއި އެއްކަހަލަ ޤާނޫނުތައް ތަޢާރަފްކުރުމަށް ވިސްނަމުންދާ ސަރުކާރުތަކަށް ޕްރެޝަރުކުރުމަށް އަޅާފައިވާ ފިޔަވަޅެއްކަމުގައެވެ.