ސިޔާސީ

ނޮވެމްބަރު 11ގެ ކުރިން އިތުބާރުނެތްކަމުގެ ވޯޓު ނަގާނަން - ނިހާން


ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބްގެ އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމެވީ އެމަނިކުފާނަށް ޒިންމާއަދާ ނުކުރެއްވޭނެކަން އެއްވެސް ޝައްކެއްނެތް މިންވަރަށް ޔަޤީންވެފައިވާތީކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަދި ޕީ.ޕީ.އެމްގެ ޕީ.ޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ. ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕީ.ޕީ.އެމުން މަޖިލީހަށް ވައްދާފައި ވަނީ 52 މެމްބަރުންގެ ތާއީދާއިއެކުއެވެ.  ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަދި ޕީ.ޕީ.އެމްގެ ޕީ.ޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ، ނައިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހުގެ ވެއްދުމަށް ނިންމި ނިންމެވުމަކީ ރައީސް ޔާމިން ނުވަތަ އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަމިއްލަފުޅަށް ނިންމެވި ނިންމެވުމެއް ނޫންކަމަށެވެ. ނިހާން ވިދާޅުވީ ނައިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ޕީ.ޕީ.އެމުން ނިންމީ، އެޕާޓީގެ ޕީ.ޖީ ގްރޫޕްގެ ބައްދަލުވުމެއް ބޭއްވެވުމަށްފަހު، ހުރިހާ މެމްބަރުންގެވެސް އަޤްލަބިއްޔަތުންކަމަށާއި، މިކަމާއި އެޕާޓީގެ ޕީޖީ ގްރޫޕްގެ އެއްވެސް މެމްބަރަކު ދެކޮޅުހައްދަވާފައިނުވާކަމަށެވެ. އަދި އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ޖެހުނީ، ރައީސް ޔާމިން އަވަހާރަކޮށްލުމަށް ދެވުނު ނުރައްކާތެރި ހަމަލާއަށްފަހު އެމަނިކުފާނަށް ޤާނޫނުން ލާޒިމްކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ނުކުޅެދިފައިވާކަން ކަށަވަރުވުމުން ކަމުގައި ޕީ.ޕީ.އެމްގެ ޕީޖީ ގްރޫޕް ލީޑަރު ވިދާޅުވިއެވެ.އަހުމަދު ނިހާން ވިދާޅުވީ އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ކުރިން ނައިބު ރައީސް އަހުމަދު އަދީބްގެ އިތުބާރުނެތްކަމުގެ ވޯޓު މަޖިލީހުގައި ނެގޭވަރު ކުރައްވާނެކަމަށެވެ. އަދި ޕީ.ޕީ.އެމުން މިކަން ކާމިޔާބުކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ޤާނޫނު އަސާސީ ބުނާގޮތުން ނައިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ފާސްވާނީ މަޖިލީހުގެ 57 މެމްބަރުންގެ ވޯޓާއެކުއެވެ. ޕީ.ޕީ.އެމްގެ ފަރާތުން ނައިބު ރައީސް އަހުމަދު އަދީބްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު، ނިހާން ވިދާޅުވީ މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ޕީ.ޕީ.އެމް އަދި އެމް.ޑީ.އޭ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ މެމްބަރުންގެ އިތުރުން ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންގެ ތާއީދާއެކުގައި ކަމަށެވެ.