ދުނިޔެ

އިންޑޮނޭޝިޔާ ބޯޓު ވެއްޓުނީ އޮޓޯ ތުރޮޓުލްގެ މައްސަލައަކުންތޯ ބަލަނީ


މިމަހުގެ ކުރީކޮޅު އިންޑޮނޭޝިޔާގެ ޖާވާ ކަނޑަށް ވެއްޓުނު މަތިންދާބޯޓު ވެއްޓިފައިވަނީ އެ ބޯޓުގެ އެއާ ތްރޮޓުލް ސިސްޓަމަށް ދިމާވި މައްސަލައަކުންތޯ ޔަޤީންކުރުމުގެ މަސައްކަތް ފަށައިފިއެވެ. މަތިންދާބޯޓުގެ އޮޓޯތްރޮޓުލް ނިޒާމަކީ އިންޖީނު މަސައްކަތްކުރާ މިންވަރު އޭގެ އަމިއްލަ ޒާތުގައި ކޮންޓްރޯލުކުރާ ނިޒާމެކެވެ.

62 ފަސިންޖަރުން ގޮވައިގެން އިންޑޮނޭޝިޔާގެ ޕޮންޓިއަކަށް ދަތުރުކުރި އެއާގެ ސްރީވިޖަޔާގެ ބޯޓު ޖަކާޓާ އެއާޕޯޓުން ފުރީ ޖެނުއަރީމަހުގެ 9ވަނަ ދުވަހުގެ ޖީއެމްޓީ ގަޑިން 7:36 ގައެވެ. އެއަށްފަހު ބޯޓުގެ ޕައިލެޓުވަނީ 29،000 ފޫޓުގެ އުހަށް ބޯޓު އުފުލުމަށް އެއާ ޓްރެފިކް ކޮންޓްރޯލަށް ގުޅާ ހުއްދަ ހޯދާފައެވެ. އޭގެ ހަތަރު މިނެޓު ފަހުން ބޯޓު ރާޑަރުން ގެއްލި، ބޯޓާއިއެކު އޮތް މުވާސަލާތީ ގުޅުން ކެނޑުނެވެ. އޭގެ ފަހުން ބޯޓް ދަތުރުކުރަމުންދިޔަ އުސްމިނުން 10000 ފޫޓް ތިރިއަށް މިނެޓެއްގެ ތެރޭގައި ވެއްޓުނުކަން ފްލައިޓްތައް ދަތުރުކުރާ ގޮތް ދައްކުވާދޭ ރާޑާ 24 ވަނީ ރިކޯޑްކުރެވިފައިވެއެވެ.

މި ބޯޓުން ދަތުރުކުރި އެއްވެސް މީހަކު މިހާތަނަށް ފެނިފައިނުވި ނަމަވެސް ބޯޓުގެ ބައެއް ބައިތަކާއި ބޯތުން ދަތުރުކުރި މީހުންގެ ބައެއް ސާމާނުތައް ފެނުމުން ބޯޓުން ދަތުރުކުރި އެ އެންމެން މަރުވެފައިވާކަމަށް މިހާރު ވަނީ ބެލެވިފައެވެ.

އިންޑޮނޭޝިޔާގެ ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ކޮމިޓީގެ މެންބަރެއްކަމަށްވާ ނޫރުސައިހޯ އުތޯމޯ ވިދާޅުޗީ ބޮއިން މަރުކާގެ މި މަތިންދާބޯޓު ގެއްލުމުގެ ހާދިސާގެ ކުރިން ކުރި ދަތުރަކަށްފަހު މަތިންދާބޯޓުގެ އޮޓޯ ތުރޮޓުލް ނިޒާމަށް މައްސަލައެއް ދިމާވެފައިވާކަން އަންގާފައި އޮތްކަމަށެވެ. އެހެންނަމަވެސް އޭރު ދިމާވީ ކޮން މައްސަލައެއްކަން މިހާތަނަށް ސާފުވެފައިނުވާކަމަށް އެނާ ވިދާޅުވިއެވެ.

ބޯޓު ވެއްޓުމަށް މެދުވެރިވި މައްސަލައަކީ އޮޓޯ ތުރޮޓުލް ނިޒާމަށް ދިމާވި މައްސަލައެއްކަމަށް ސީދާ އަދި ބުނަން ނޭނގުނު ނަމަވެސް މަތިންދާބޯޓުގެ މެއިންޓެނަންސް ޓީމުގެ ލޮގުގައި އެ ނޫން އިތުރު މައްސަލައެއް އަޅާގެންފައި ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނޫރުސައިހޯ އުތޯމޯ ވިދާޅުވީ މަތިންދާބޯޓެއްގައި ހުންނަ އޮޓޯ ތުރޮޓުލް ނިޒާމަށް މައްސަލައެއް ދިމާވި ނަމަވެސް އެ ބޯޓެއް ދުއްވުމުގެ ޙުއްދަދޭކަމަށެވެ. އަދި އެގޮތަށް އަމަލުކުރަނީ އެ ނިޒާމް ފެއިލްވިނަމަވެސް އެ ނިޒާމުން ކުރާ މަސައްކަތް ބޯޓުގެ ޕައިލެޓުންނަށްވެސް ކުރެވޭތީކަމަށެވެ.

ބޯޓުގައި ހުންނަ ދެ ކަޅު ފޮށި ތެރެއިން އެއް ފޮށި މިހާރު ވަނީ ފެނިފައެވެ. މިހާރު ހޯދަމުން ދަނީ ކޮކުޕިޓު ތެރޭގައި ދެކެވޭ ވާހަކަތަކާއި އަޑުތައް ރެކޯޑުކުރާ ވޮއިސް ރެކޯޑަރެވެ. މި ރެކޯޑަރު ފެނުމުން ބޯޓު ވެއްޓުމަށް މެދުވެރިވި ސަބަބު ދެނެގަތުމަށް ބޮޑެތި ކުރިއެރުންތައް ލިބޭނެކަމަށް ޤަބޫލުކުރެވެއެވެ. އިންޑޮނެޝިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފެނިފައިވާ ކަޅުފޮއްޓަށް ރެކޯޑްކުރެވިފައިވާ މައުލޫމާތުތަކުން ބޯޓުގެ އެއް އިންޖީނުގައި އޮޓޯ ތުރޮޓުލް ނިޒާމު ރަނގަޅަށް މަސައްކަތްނުކުރާކަން އެނގިފައިވާކަމަށެވެ. ނަމަވެސް އެ ޙާލަތުގައި އޮޓޯ ތުރޮޓުލް ނިޒާމު ނިއްވާލުމުގެ ބަދަލުގައި މަތިންދާބޯޓުގެ ޕައިލެޓުންވަނީ އެ ނިޒާމު ރަނގަޅުކުރުމަށް މަސައްކަތްކޮށްފައިކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ. އޭގެ ސަބަބުން ދެ އިންޖީނު މަސައްކަތްކުރާ މިންވަރުގައި ބޮޑު ފަރަގެއް އުފެދި މަތިންދާބޯޓު ކޮންޓްރޯލުކުރުމަށް އުނދަގޫވާނެކަމަށް މާހިރުންވަނީ ފާހަގަކޮށްފައެވެ.

12 ފަޅުވެރިންނާއި އެކު ޖުމްލަ 62 މީހުން ބޯޓުގައި ދަތުރުކުރަމުންދިޔަ ބޯޓުގައި ދިހަ ކުޑައްކުއްޖަވެސް ވަނީ ދަތުރުކޮށްފައެވެ.