ކުޅިވަރު

ވެލެންސިޔާ އާއި ސަސް އެއްވަރު


ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ވެލެންސިޔާއަށް މޮޅުވިޔަ ނުދީ ހިފަހަށްޓައިފިއެވެ. 

މެޗުގެ ފުރަތަމަ ވެސް ފުރުސަތު ތަނަވަސްކުރީ ސަސް އިންނެވެ. މެޗުގެ ހަ ވަނަ މިނިޓްގައި އޭރިޔާތެރެއިން ސަސްގެ އަހުމަދު ހަމީދު (އައްމަޑޭ) ފޮނުވާލި ބޯޅަ ކީޕަރު ފައިސަލް ވަނީ މަތަކޮށްފައެވެ. މެޗުގައި ގޯލާ ސީދާކޮށް ދަގަނޑޭގެ ފުރަތަމަ ޝޮޓް ފެނުނީ 36 ވަނަ މިނިޓްގައެވެ. އަލީ ފާސިރު (ސެންޓޭ) ހުސްކޮށްލާފައި ދިން ބޯޅަ ދަގަނޑޭ ފޮނުވާލިއިރު އަމާޒުވީ ކީޕަރު މިރްޒޮހިދު އަތަށެވެ.

ދެ ވަނަ ހާފްގައި ފުރަތަމަ ފުރުސަތު ލިބުނީ ދަގަނޑޭ އަށެވެ. އޭރިއާތެރެއިން ދަގަނޑޭ އަށް ލިބުނު ބޯޅަ ފޮނުވާލުން ލަސްކޮށްލުމުން އޭނާ އަށް ފުރުސަތު ގެއްލުނީއެވެ. މެޗުގެ 60 ވަނަ މިނިޓްގައި ސެންޓޭ ފޮނުވާލި ހިލޭޖެހުން އަމާޒުވީ ހުރަސްދަނޑިއަަށެވެ.

މި ނަތީޖާއާ އެކު ސަސް ވަނީ ހަތަރަކަށް ޖެހިލައިފައެވެ. އެއީ ކުރިން ހަތަރު ވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސްއާ އެއްވަރަށް ޕޮއިންޓް ހޯދި ނަަމަވެސް ލަނޑުގެ ތަފާތުން ކުރި ލިބޭތީއެވެ. ސަސް އަށް މި މެޗާ އެކު ފުރަތަމަ ބުރު ނިމުނުއިރު، ހަތް މެޗުން އެ ޓީމަށް ލިބުނީ އަށް ޕޮއިންޓެވެ. ގްރީން ސްޓްރީޓްސް އިން ހަ މެޗުން އަށް ޕޮއިންޓް ހޯދިއިރު، ފުރަތަމަ ބުރުގައި ބާކީ އޮތް މެޗުން އެ ޓީމުގެ ނަތީޖާ ނުކުންނަ ގޮތުން ކުރިއަށް ޖެހިލެވޭނެއެވެ.

ވެލެންސިއާ ފުރަތަމަ ބުރު ނިންމާލީ ހަތް މެޗުން 12 ޕޮއިންޓާ އެކުގައެވެ.