ކޯވިޑް-19

ކޯވިޑް-19 : އައްޑޫ ސިޓީ އިސްމެހެލަ ހެރައިން 2 މީހަކު ޕޮޒިޓިވްވެއްޖެ


އައްޑޫ ސިޓީގެ އިސްމެހެލަ ހެރަ ރިސޯޓުން 2 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރެއްވި ގޮތުގައި އެމީހުން ޕޮޒިޓިވްވެފައިވަނީ ރާއްޖެއިން ފުރުމުގެ ކުރިން ނެގި ސާމްޕަލްތަކުންނެވެ.

އިސްމެހެލަ ހެރައިން ޕޮޒިޓިވްވި 2 މީހުންނާއި ގުޅިގެން އިތުރު 3 މީހެއްގެ ސާމްޕަލް ނަގާފައިވާކަމަށާއި އެ ސާމްޕަލްތަކުގެ ނަތީޖާ އަދި ލިބިފައިނުވާކަމަށްވެސް އެޗްއީއޯސީއިން ވިދާޅުވިއެވެ.

އެޗްއީއޯސީއިން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރާއްޖޭގެ 6 ރިސޯޓެއްގައި ކޯވިޑް-19 ޖެހިފައިވާ މީހުން ތިބިކަން ހާމަކޮށްފައެވެ. އެއީ ސަން ޝިޔާމް އޮޅުވެލި ރިސޯޓު، އޮބްލޫ ސެލެކްޓް އެޓް ސަންގެލި ރިސޯޓު، އަނަންތަރަ ކިހަވަށް މޯލްޑިވްސް ރިސޯޓު، ސަން ޝިޔާމް އިރުވެލި ރިސޯޓު، ރެސިޑެންސް މޯލްޑިވްސް ރިސޯޓު އަދި އަދާރަން ކްލަބް ރަންނާޅި މި 6 ރިސޯޓެވެ. އައްޑޫ ސިޓީ އިސްމެހެލަ ހެރައިން ޕޮޒިޓިވްވި މީހުންނާއެކު ރިސޯޓުތަކުން 188 މީހުން ދަނީ ކޯވިޑް-19އަށް ފަރުވާ ހޯދަމުންނެވެ.

އެޗްއީއޯސީއިން ހާމަކުރައްވާ ގޮތުގައި ސަން ޝިޔާމް އޮޅުވެލި ރިސޯޓުން ފާއިތުވި 24 ގަޑިއިރު 14 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އެއާއެކު އެރިސޯޓުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 78އަށް އަރާފައެވެ. އަދި އޮބްލޫ ސެލެކްޓް އެޓް ސަންގެލި ރިސޯޓުން 6 މީހަކު ފާއިތުވި 24 ގަޑިއިރުތެރޭގައި ޕޮޒިޓިވްވެފައިވާއިރު، އެރިސޯޓުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 70 އަށް އަރާފައެވެ.

މި ރިސޯޓުތަކުގެ އިތުރުން ރެސިޑެންސް މޯލްޑިވްސްއިން ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ފެނުނު ކޭސްތަކާއި ގުޅިގެން ނެގި ސާމްޕަލްތަކުން މިހާތަނަށް 14 މީހަކަށް އެރިސޯޓުން ވަނީ ބަލިޖެހިފައެވެ. ފާއިތުވި 24 ގަޑިއިރު ރެސިޑެންސް މޯލްޑިވްސްއިން 3 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން އަދާރަން ކްލަބް ރަންނާޅި ރިސޯޓުން މިހާތަނަށް ބަލިޖެހުނު 13 މީހަކު ފެނިފައިވާކަމަށްވެސް އެޗްއީއޯސީއިން ވިދާޅުވެއެވެ.

އަދި އަނަންތަރަ ކިހަވަށް ރިސޯޓުން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވް 6 މީހަކު ފެނިފައިވެއެވެ. އަދި ސަން ޝިޔާމް އިރުވެލި ރިސޯޓުން ކޯވިޑްއަށް ޕޮޒިޓިވް 5 މީހަކު ފެނިފައިވާއިރު ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްއީއޯސީއިން ވިދާޅުވެއެވެ.

ރިސޯޓުތަކުން ޕޮޒިޓިވްވާ މީހުންގެ ޢަދުދައް އިތުރުވަމުން ދިޔުމާއެކު ރިސޯޓުތަކުގެ ޙާލަތު އެޗްއީއޯސީއިން ދަނީ ވަރަށް ގާތުން މޮނީޓަރ ކުރައްވަމުންނެވެ. އަދި ވަކިވަކި ރިސޯޓުތަކުގެ ޙާލަތާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅަމުންދާކަމަށްވެސް އެސެންޓަރުން ހާމަކުރައްވައެވެ.