ތަރައްްޤީ

މާމިގިލި މަގުހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި


އދ. މާމިގިލީގައި މަގުހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މާމިގިލި މަގުހެދުމުގެ މަޝްރޫޢަކީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރ އިން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫޢެކެވެ.

އާރުޑީސީއިން ވިދާޅުވީ މިމަޝްރޫޢުގެ ދަށުން މިހާރު ކުރިޔަށްދަނީ ސައިޑްވޯކްތައް ކޮނެ ކޭބަލް ޖަންކްޝަން ވަޅުލައި ހޮޅި އެޅުމުގެ މަސައްކަތްކަމަށެވެ. މި މަޝްރޫޢަށް ބޭނުންވާ ސާމާނާއި އެމަސައްކަތް ކުރުމަށް ބޭނުންވާ މީހުން އެރަށަށް ގޮސްފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައެވެ.

މާމިގިލީ މަގުތައް ހެދުމަށް ހަމަޖެހިފައިވަނީ ތާރު އަޅައިގެން ޒަމާނީ ފެންވަރަށެވެ. މިއީ އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތެވެ. އާރްޑީސީން ވިދާޅުވީ މި މަސައްކަތުގެ ދަށުން އެރަށުގެ 6 މަގެއްގައި ތާރުއަޅާނެކަމަށެވެ. އެއީ ޖުމްލަ 4.89 ކިލޯމީޓަރުގެ މަގެވެ.

އާރުޑީސީއިން މަޢުލޫމާތު ދެއްވާ ގޮތުގައި މަގުތައް ހަދާ ނިމޭއިރު ފަސޭހައިން ފެން ހިނދިގެންދާނެއެވެ. އެގޮތުން ފެންބޮޑުވެއްޖެނަމަ ފެން ހިންދުމަށް ސްޓޯމް ވޯޓަރ ސިސްޓަމާއި، ޕަމްޕް ސްޓޭޝަން އެރަށުގައި ބަހައްޓާނެކަމަށްވެސް އާރުޑީސީއިން ވިދާޅުވެއެވެ.

މާމިގިލި މަގުހެދުމުގެ މަސައްކަތް އާރުޑީސީއާއި ހަވާލުކޮށްފައިވަނީ 14 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫޢުގެ މަސައްކަތަށް 2021 ވަނަ އަހަރުގެ ބަޖެޓުގައި 10 މިލިޔަން ރުފިޔާ ހިމަނާފާއިވާއިރު، މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން ޖުމްލަ 80 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.