ސިޔާސީ

ޓެރަރިޒަމާއި ހަރުކަށި ފިކުރު ނައްތާލެވޭނީ ދޭދޭ ޤައުމުތަކުން ގުޅިގެން ކުރެވޭ މަސައްކަތް ވަރުގަދަކޮށްގެން: މިނިސްޓަރ މާރިޔާ


ޓެރަރިޒަމާއި ހަރުކަށި ފިކުރު ނައްތާލެވޭނީ ދޭދޭ ޤައުމުތަކުން ގުޅިގެން ކުރެވޭ މަސައްކަތް ވަރުގަދަކޮށްގެންކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވެފައިވަނީ ދިވެހި އަސްކަރިއްޔާގެ ހަފްތާ މަޖައްލާ "އައްޑަނަ"އަށް ލިޔުއްވާފައިވާ ލިޔުއްވުމެއްގައެވެ.

ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީގެ ލިޔުއްވުމުގައިވަނީ ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމަށްޓަކައި ސަޢޫދީ ޢަރަބިއްޔާއިން އުފައްދާފައިވާ "އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން" (އައި.އެމް.ސީ.ޓީ.ސީ)ގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައި ޙަރަކާތްތެރިވުމަށްޓަކައި އެޤައުމަށް ދިޔަ 4 ސިފައިންގެ މަސައްކަތަށް ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ، ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލަކަށްވާއިރު، މިއީ އެއް ޤައުމަކުން އެކަނި ކުރިމަތިލައިގެން، ބަލިކުރެވޭނެ ބާރެއް ނޫންކަމަށެވެ. އެހެންކަމުން، ދޭދޭ ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމަކީ، ދުނިޔޭގެ ތާރީޚަށް ބެލިޔަސް، ބައިނަލްއަޤްވާމީ މައްސަލަތައް ޙައްލުކުރަން އޮތް އެންމެ އެކަށޭނަ އެއް މަގުކަން އެކަަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ދުނިޔޭގެ ޤައުމުތަކުން ގުޅިގެން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް، ދުނިޔޭގެ ފެންވަރުގައި، ޢަމަލީގޮތުން މަސައްކަތްކުރުމަށް، ދިވެހި ސިފައިން އަމިއްލަ ޤައުމު ދޫކޮށް، އެހެން ޤައުމެއްގައި ޙަރަކާތްތެރިވާން ދިޔުމަކީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ގެންގުޅުއްވާ "ޒީރޯ ޓޮލެރަންސް" ސިޔާސަތަށް ލިބުނު ކުރިއެރުމެއްކަމަށްވެސް ޑިފެންސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމަށްޓަކައި ސަޢޫދީ ޢަރަބިއްޔާއިން އުފައްދާފައިވާ "އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން"ގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައި ރާއްޖޭގެ ފަރާތުން ހަރަކާތްތެރިވާ ސިފައިންގެ ތެރޭގައި ހިމެނެނީ ކާނަލް މުޙައްމަދު މުޚުތާރާއި، މޭޖަރ މުޙައްމަދު ޞާމިރާއި، ކޮމާންޑް ސާޖަންޓް މޭޖަރ އަޙްމަދު ޢަބްދުﷲ އާއި ވޮރަންޓް އޮފިސަރ ގްރޭޑް 1 މިފްތާޙް ޙުސައިނެވެ. މިޓީމުގައި އެންމެ އިސްކޮށް ހުންނަވާނީ ކާނަލް މުޙައްމަދު މުޚުތާރެވެ.

މި 4 ބޭފުޅުން ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިއާދުގައި ޤާއިމްކޮށްފައިވާ ސެންޓަރުގައި 1 އަހަރު ދުވަހުގެ މުއްދަތަކަށް މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ. މި ބޭފުޅުން ސައުދީ އަރަބިއްޔާގައި ތިއްބެވުމުގެ ޚަރަދުތައް ހަމަޖައްސަވައިދެއްވަނީ ސަޢޫދީ ޢަރަބިއްޔާއިންނެވެ.