ރިޕޯޓް

ދޮންބަންޑާރައިންގެ ޖިހާދު - އަދުގެ ޒުވާން ޖީލު ޢިބްރަތް ޙާޞިލުކުރަންޖެހޭ


ދިވެހިރާއްޖޭގައި ލިޔެވިފައިވާ މާ ދިގު ތާރީޚެއްނެތްނަމަވެސް، ރާއްޖޭގެ ތާރީޚުގައިވެސް މުހިއްމު އެތައް ޙާދިސާތަކެއް ހިނގާފައިވެއެވެ.

ވަކިން ޚާއްސަކޮށް ބޭރުގެ ބާރުތަކުން ރާއްޖޭގެ މިނިވަންކަމާއި ތޮޅި، ދިވެހިން އަޅުވެތިކުރި ޙާދިސާތަކަކީ މިއަދުގެ ޒުވާން ޖީލު އެއިން އެތައް އިބުރަތެއް ޙާޞިލުކުރަންޖެހޭ ކަންކަމެވެ. އެގޮތުން ރާއްޖޭގައި ފާހަގަ ކުރަމުންދާ މުހިންމު ދުވަސްތަކުގެ ތެރެއިން ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހަކީ ފަޚުރުވެރި ހުރަވީ ދުވަހެވެ.

ހުރަވީދުވަހުގެ ގޮތުގައި މިދުވަސް ފާހަގަ ކުރަންފެށީ ހިޖުރައިން 1400 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ ތިންވަނަދުވަހުއެވެ. މި ދުވަސް ނިސްބަތްވަނީ ހުރާ ދޮން ޙަސަންމަނިކުފާނަށެވެ. މިދުވަސް ނިސްބަތްވަނީ ހިޖުރީ ގޮތުން 1166 ވަނަ އަހަރުގެ ޖުމާދިލްއާޚިރާ މަހުގެ ތިންވަނަ ދުވަހު، ދޮންބަންޑާރައިން އިސްވެހުންނަވައިގެން މާލާބާރީން ނުވަތަ ހޮޅީންގެ ކިބައިން ރާއްޖޭގެ މިނިވަންކަން ސަލާމަތް ކުރެއްވި ހާދިސާއަށެވެ. އެ ހާދިސާ ހިނގީ ރޭގަނޑެއްގައިކަމަށް ތާރީޚީ ފޮތްތަކުގައިވެއެވެ.

ހުރާ ދޮން ހަސަންމަނިކުފާނު (ދޮންބަންޑާރައިން)ގެ ކޮލީ ނަންފުޅަކީ، އައްސުލްތާނުލް ޣާޒީ ހަސަން އިއްޒުއްދީން ސިރީކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނެވެ. ތާރީޚީގޮތުން އެނގެން އޮތް ގޮތުގައި ރާއްޖޭގެ މިނިވަންކަން ގެއްލި ޤައުމު ބޭރުބައެއްގެ އަތްދަށަށް ދިޔަ ކޮންމެ ހާދިސާއެއްގައިވެސް އެކަމުގެ އަޑީގައި ދިވެހި ޚާއިނުންގެ މަދުބަޔަކު ތިބެއެވެ. އެގޮތުން މަލާބާރީން (ހޮޅިން)ގެ އަތް ދަށަށް ރާއްޖެ ދިޔަ ހާދިސާއަށް ބަލާއިރުވެސް ޤައުމުގެ ޢިއްޒަތްތެރި ދެ ބޭފުޅަކު ވަނީ ޤައުމަށް ޚިޔާނާތްތެރިވެވަޑައިގެންފައެވެ.

ތާރީޚީ ގޮތުން ފެންނަން އޮތް އަނެއް ޙަޤީޤަތަކީ ދިވެހި ކާބަފައިންގެ ކެރޭކަމާއި ހިތްވަރުގަދަކަމެވެ. ކިތަންމެ ވަރުގަދަ ބާރަކަށް ވިޔަސް، އެ ބާރަކުން މިޤައުމުގެ މިނިވަންކަމާއި އަމިއްލަވަންތަކަމާ ކުޅެލައިފިނަމަ، އެބައެއްގެ ވަސް މިފަސްގަނޑުން ފިލުވައި ލުމުގައި ދިވެހި ބަޠަލުން ދައްކައިދީފައިވަނީ ތަޢުރީފް ޙައްޤު މިސާލު ތަކެކެވެ. ކޮށްފައިވަނީ ވަރުގަދަ ޖިހާދު ތަކެކެވެ. އެގޮތުން ދޮންބަންޑާރައިންގެ ޖިހާދަކީވެސް ދިވެހިން ނަޞްރާއި ކާމިޔާބު ހޯދި މަތިވެރި ޖިހާދެކެވެ.

ދޮންބަންޑާރައިންގެ ޖިހާދުގެ ޙާދިސާއަށް ބަލާއިރު، ހޮޅީން ރާއްޖޭގެ ވެރިކަމަށް ވެރިވެގަނެ، މާލޭގައި ވެރިކަން ކުރަމުން ގެންދިޔައީ ވެޔޮދޮށުގަނޑުވަރުގައެވެ. ހިޖުރައިން 1166 ވަނަ އަހަރުގެ ޖުމާދަލްއާޚިރާމަހުގެ ތިނެއްވީ ރޭ މެންދަމު ދޮންބަންޑާރައިން ދިވެހީންގެ ހިތްވަރުގަދަ ބަޔަކު ގޮވައިގެން، ވަޑައިގެން މަލާބާރީންނަށް ކުއްލި ޙަމަލާއެއް ދެއްވައި އެމީހުން ބަލިކޮށް ލެއްވިއެވެ. މިކަމުގައި ދޮންބަންޑާރައިން ދައްކަވާފައި ވަނީ އާދަޔާޚިލާފު މޮޅުރޭވުންތެރި ކަމަކާއި ހިތްވަރެކެވެ. ޙިކުމަތްތެރިކަމާއި ސާބިތު ކަމެކެވެ. މަލާބާރީން ނުވަތަ ހޮޅީންގެ އަޅުވެތިކަމުގައި ރާއްޖެ އޮތީ ޖުމުލަ ހަތަރު މަސްދުވަހަށް ވުރެވެސް ކުޑަ މުއްދަތަކަށްކަމަށް ތާރީޚީ ބައެއް ފޮތްތަކުގައިވެއެވެ.

ދޮންބަންޑާރައިންގެ ޖިހާދަށްފަހުވެސް އެމަނިކުފާނުގެ ސިޔާސީ ހަރުދަނާ މަސައްކަތް ޕުޅުތަކެއް ތާރީޚުން ފެންނަން އެބައޮތެވެ. އޭގެތެރެއިން އެ ދުވަސްވަރު، ދޭތެރެ ދޭތެރެއިން ރާއްޖެއާ ތޮޅެމުންދިޔަ ހޮޅީންގެ އުނދަގުލުން ރާއްޖެ ދިފާޢުކުރުމަށްޓަކައި ފަރަންސޭސި ވިލާތުގެ ސިފައިންގެ އެހީތެރިކަން ހޯއްދަވާފައިވެއެވެ. މިއީ އެ ބަންޑާރައިންގެ ހަރުދަނާ ޚާރިޖީ ސިޔާސަތު ދައްކައިދޭ ތާރީޚީ ހެއްކެކެވެ. މީގެ އިތުރުންވެސް ދޮންބަންޑާރައިން ވަނީ އަގުހުރި ޤައުމީ ޚިދުމަތްތަކެއް ކުރައްވާފައެވެ. އޭގެތެރޭގައި ސިޔާސީ، އިޖްތިމާޢީ، އިޤުތިޞާދީ، އަދި އަސްކަރީ ޚިދުމަތްތައް ފާހަގަކޮށްލެވެއެވެ.

ދޮންބަންޑާރައިންނަށްފަހު އެމަނިކުފާނުގެ ޢާއިލާއަށް ނިސްބަތްވާ ބައެއް ބޭބޭފުޅުންވެސް ރަސްކަން ކުރައްވާފައި ވެއެވެ. އޭގެތެރޭގައި ފާހަގަ ކޮށްލެވޭ ބައެއް ބޭފުޅުންނަކީ ދޮންބަންޑާރައިންނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެއް ކަމަށްވާ އައްސުލްޠާނު މުޙަައްމަދު ޝަމްސުއްދީނު (2)، އަދި ދޮންބަންޑާރައިންގެ ދޮށީ ދަރިކަލުން، ޣިޔާޘުއްދީނު ރަދުންނެވެ.

ދޮންބަންޑާރައިންނަކީ ވަރަށް އަޚުލާޤު ރަނގަޅު ހިތްޕުޅު ހެޔޮ ރައްޔިތުންނަށް ކަމޭހިއްތެވި ވެރިއެއްކަން ތާރިޚުން އެނގެން އެބައޮތެވެ. އެގޮތުން އެމަނިކުފާނު ރަސްކަމަށް އިސްވެ ވަޑައިގަތުމުގައި އަމަލުކުރެއްވި ގޮތް އެއީ މީގެ އެއް މިސާލެވެ. ހޮޅީންގެ އަޅުވެތިކަމުގެ ދަށަށް ރާއްޖެ ދިޔައިރު ރާއްޖޭގެ ތަޚުތުގައި އިންނެވީ އައްސުލްޠާނު މުކައްރަމް މުޙަންމަދު ޢިމާދުއްދީނެވެ. އެހެންނަމަވެސް ހޮޅީންވަނީ އެ ރަދުންނާއި ދައުލަތުގެ ބައެއް އިސް ބޭފުޅުންރާއްޖެއިން ގެންގޮސްފައެވެ.

ދޮންބަންޑާރައިން ހޮޅީންގެ އަނިޔާވެރިކަމުން ދިވެހިން ސަލާމަތް ކުރައްވައި ދިވެހިޤައުމު މިނިވަން ކުރެއްވުމާ ގުޅިގެން އެމަނިކުފާނަށް ރާއްޖޭގެ ވަލީ ނުވަތަ ރަސްކަން ޙައްޤުވެއްޖެކަމަށް ދިވެހިން ޤަބޫލުކުރި އެވެ. އަދި ވެރިކަން ޤަބޫލުފުޅު ކުރެއްވުމަށް ދިވެހިން އެ މަނިކުފާނުގެ ކިބައިން އެދުމުން އެކަން ގަބޫލުފުޅު ނުކުރައްވައި ޤައުމު ހިންގެވުމާ (ވަގުތީގޮތުން) ޙަވާލުވެ ހުންނެވިއެވެ. މިއީ އެމަނިކުފާނަކީ ވެރިކަމުގެ އެދުންފުޅުން އެއްކިބާވެ ހަމައެކަނި ޤައުމީ ލޯބީގައި ޖިހާދުކުރެއްވި ބަޠަލެއްކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ.

ދޮންބަންޑާރައިން ރާއްޖޭގެ ރަސްކަން ޤަބޫލުފުޅު ކުރެއްވީ ހޮޅިން ރާއްޖެއަށް ވެރިވެގަތް ދުވަސްވަރު ހުންނެވި ރަދުން އައްސުލްޠާން މުކައްރަމް މުޙަންމަދު ޢިމާދުއްދީނު، މަލިކުގައި ހުންނަވައި އަވަހާރަވުމަށް ފަހުގައެވެ. ދޮން ބަންޑާރައިން ރާއްޖޭގެ ރަސްކަންކުރެއްވީ ހިޖުރައިން 1173، ވަނައަހަރުގެ ރަބީއުލްއާޚިރާ މަހުގެ 15 އިން ފެށިގެން، ހިޖުރައިން 1180 ވަނައަހަރުގެ ރަމަޟާން މަހުގެ 2 ވަނަ ދުވަހާ ހަމައަށެވެ.