ސިއްހަތު

ރާއްޖޭގެ ޞިއްޙީ ޚިދުމަތަށް 73 އަހަރު، އައި.ޖީ.އެމް.އެޗާއެކު ބޮޑު އިންގިލާބެއް


މިއަދަކީ ސަރުކާރުން ރައްޔިތުންނަށް ސިއްޙީ ޚިދުމަތް ފޯރު ކޮށްދޭން ފެށިތާ 73 އަހަރު ފުރޭ ދުވަހެވެ.

1948 ގައި "ޑަކްޓަރުގޭ"ގެ ނަމުގައި ސަރުކާރުން ސިއްޙީ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް ފެއްޓެވިއެވެ. އެއަށްފަހު ސެންޓްރަލް ހޮސްޕިޓަލުގެ ނަމުގައި ހިންގާ، ޖެނުވަރީ 1995 ގައި އައު އިމާރާތެއްގައި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައި.ޖީ.އެމް.އެޗްގެ ނަމުގައި ސިއްޙީ ޚިދުމަތް މެދުނުކެނޑި އަންނަނީ ފޯރުކޮށްދެމުންނެވެ.

ޒަމާނާއި އެއްގޮތަށް ތަރައްޤީވަމުން އައިސް އައި.ޖީ.އެމް.އެޗް ޤާއިމް ކުރެވުނު ހިސާބުން، މިހާތަނަށް ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ވަރަށް ގިނަ ލަނޑުދަނޑިތަކެއް ވަނީ ހާސިލް ކުރެވިފައިވެއެވެ. މެދުނުކެނޑި ރާއްޖޭގެ ބޮޑު އާބާދީއަކަށް ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އައި.ޖީ.އެމް.އެޗްގެ ބައެއްގެ ގޮތުގައި ސަރުކާރުން އިމާރާތްކުރައްވާފައިވާ 25 ބުރީގެ ދަރުމަވަންތަ ކޮމްޕްލެކްސް ގައި ގިނަ އޯ.ޕީ.ޑީ ޚިދުމަތްތަކާއި އެކި ޓެސްޓުތައް ހެދުމުގެ ޚިދުމަތް މިހާރުފޯރުކޮށްދެއެވެ.

މިގޮތުން ދަރުމަވަންތަ ކޮމްޕްލެކްސްގައި ހިންގޭ އޯ.ޕީ.ޑީ ތަކުގެ ތެރޭގައި، ރޭޑިއޮލޮޖީ، ނާރުގެ ބަލިތަކަށް ޚާއްސަ، ކަށީގެ ބަލިތަކަށް ޚާއްސަ، ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ، އެތެރެ ހަށީގެ ބަލިތަކަށް ޚާއްސަ، ޖެނަރަލް ސާރޖަރީ، ފިޒިއޮތެރަޕީ، ހަމުގެ ބަލި ތަކަށް ޚާއްސަ، އޮކިއުޕޭޝަނަލް ތެރަޕީ، ސްޕީޗް ތެރަޕީ، ކަރުންމަތީ ބަލިތަކަށް ޚާއްސަ، ދަތުގެ ބަލިތަކަށް ޚާއްސަ އަދި ލޮލުގެ ބަލިތަކަށް ޚާއްސަ އޯ.ޕީ.ޑީ ހިމެނެއެވެ. އައި.ޖީ.އެމް.އެޗްގައި ގިނަ އަދަދެއްގެ ނަރުހުންނާއި ޑޮކްޓަރުންގެ ތަމްރީން ޕްރޮގްރާމްތައް ހިންގަމުންދެއެވެ. މީގެތެރެއިން ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިން އާއި ގުޅިގެން، ދަރުމަވަންތަ ކޮމްޕްލެކްސްގެ 8 އަދި 14 ވަނަ ފަންގިފިލާގައި އެމް.ބީ.ބީ.އެސް ޕްރޮގްރާމް (މެޑިކަލް ސްކޫލް) ހިންގަމުންދެއެވެ.

އެމް.ބީ.ބީ.އެސް ޕްރޮގްރާމް ނިންމުމަށްފަހު އަންނަ ޑޮކްޓަރުންނަށް އަމަލީ ތަޖުރިބާ ދިނުމުގެ ގޮތުން އައި.ޖީ.އެމް.އެޗްގައި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމްތައް 2018 ޖަނަވަރީ 11 ވަނަ ދުވަހުން ފެށިގެން ހިންގަމުންނެވެ.

2018 ގައި 2 ބެޗް އަދި 2019 ގެ ބެޗުގައި ޖުމްލަ 20 ޑަކުޓަރުން ވަނީ އިންޓާންޝިޕް ޕްރޮގްރާމް ފުރިހަމަކޮށްފައެވެ. އަދި 2020 ގައި ފެށުނު 4 ވަނަ ބެޗުގައި 19 ޑަކުޓަރުން މިހާރުވެސް އަންނަނީ ތަމްރީންވަމުންނެވެ. އަދި މިތާރީން ފެށިގެން ޑޮކްޓަރުންނާއި ނަރުހުންނަށް ތަމްރީނު ދިނުމުގެ އިތުރުން، އައި.ޖީ.އެމް.އެޗް ގައި އެހެނިހެން ދާއިރާތަކުން ހިދުމަތްފޯރު ކޮށްދޭ ފަރާތްތަކަށްވެސް ދާއިމީ ގޮތަކަށް ތަމްރީނު ޕްރޮގްރާމްތައް ހިންގަމުންދެއެވެ. މީގެ އިތުރުން، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، ނޭޝަނަލް ޔުނިވަސިޓީ އޮފް މެލޭޝިޔާ އާއި ގުޅިގެން އެތެރެހަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުން ތަމްރީނުކުރުމުގެ ޕޯސްޓް-ގްރެޖުއޭޓް ރެސިޑެންސީ ޕްރޮގްރާމެއް އައި.ޖީ.އެމް.އެޗް ގައި 2020 ޑިސެމްބަރު 1 ވަނަ ދުވަހުން ފެށިގެން ކުރިޔަށްދެއެވެ.

ކުރިން ރާއްޖޭގައި ލިބެންނެތްފަދަ އެތަކެއް ސްޕެޝަލިޓީ ޚިދުމަތްތައް އައި.ޖީ.އެމް.އެޗް ގައި މިހާރު ރައްޔިތުންނަށް ވަރަށް ފުޅާދާއިރާއެއްގައި ފޯރުކޮށްދެމުންދެއެވެ. މީގެ ތެރޭގައި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ޚާއްސަ ފަރުވާ، ހިތުގެ ބަލިތަކަށް ޚާއްސަ ފަރުވާ، ކިޑްނީގެ ބަލިތަކަށް ޚާއްސަ ފަރުވާ، ގޮހޮރުގެ ބަލިތަކަށް ޚާއްސަ ފަރުވާ، ކަކުލުހުޅުގެ އޮޕަރޭޝަންތައް، އަދި ކެންސަރުގެ ބަލިތަކަށް ޚާއްސަ ފަރުވާކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެން ސީ.ޓީ ސްކޭން، އެމް.އާރު.އައި، އެކްސްރޭ، މެމޯގްރަމް އަދި ތަފާތު އެތައް އޮޕަރޭޝަންތަކެއް ކުރަމުން ގެންދެއެވެ.

އައި.ޖީ.އެމް.އެޗްގައި ނަފްސާނީ ބަލިތަކަށް ފަރުވާދެވޭ ޚާއްސަ ސެންޓަރެއްގެ އިތުރުން ސްޓްރޯކް ސެންޓަރަކާއި ހަކުރު ބައްޔަށް ޚާއްސަ ސެންޓަރެއް މިހާރު ވަނީ ގާއިމްކުރެވިފައެވެ. 2020 އޮގަސްޓު 17 ގައި ހުޅުވާފައިވާ އައި.ޖީ.އެމް.އެޗް ސްޓްރޯކް ސެންޓަރަކީ 06 އެނދު އެކުލެވޭގޮތަށް ތައްޔާރުކުރެވިފައިވާ ސެންޓަރެކެވެ. ސްޓްރޯކް ސެންޓަރު ހުޅުވުނު ތާރީޚުން ފެށިގެން 2020 ޑިސެމްބަރ 31 ވަނަ ދުވަހާ ހަމަޔަށް މުޅިއެކު 92 މީހުން އެނދުމަތިކުރެވި ފަރުވާދެވިފައިވެއެވެ. ސްޓްރޯކްއަކަށްފަހު އާއްމު ދިރިއުޅުމަށް ރުޖޫއަވުމަށް ބޭނުންވާނެ ފިޒިއޮތެރަޕީ، ސްޕީޗްތެރަޕީ އަދި ޑައެޓެޓިކްސް ފަދަ ޚިދުމަތްތަކުގެ އިތުރުން ކައިރި މުސްތަގުބަލެއްގައި އޮކިއުޕޭޝަނަލް ތެރަޕީ އަދި ސޯޝަލް ވޯރކަރުންގެ ޙިދުމަތް މި ސެންޓަރުން ފޯރުކޮށްދެވޭނެކަމަށް އައި.ޖީ.އެމް.އެޗުން ވިދާޅުވެއެވެ.

މީގެ އިތުރުން ސްޓްރޯކްއަށް ފަރުވާދެވި ދޫކޮށްލާފައިވާ ބަލިމީހުންނަށް ގަވާއިދުން ފަރުވާދިނުމުގެ ގޮތުން، ސްޓްރޯކް ކްލިނިކެއްވެސް 2020 އޮގަސްޓު 17 ގައި ވަނީ ގާއިމްކުރެވި، މި ތާރީޚުން ފެށިގެން 2020 ޑިސެމްބަރ 31 ވަނަ ދުވަހާ ހަމަޔަށް 135 މީހުންނަށް ވަނީ ފަރުވާ ދެވިފައެވެ.

ހަކުރު ބައްޔަށް ފަރުވާދިނުމުގެ ގޮތުން ނޭޝަނަލް ޑައެބީޓީސް ސެންޓަރެއް 2020 އޮކްޓޯބަރު 1 ގައި ދަރުމަވަންތަ ކޮމްޕްލެކްސްގެ 3 ވަނަ ފަންގިފިލާގައި ވަނީ ހުޅުވާފައެވެ. ސަރުކާރު ބަންދު ނޫން ދުވަސްތައް ހިމެނޭހެން ހަފްތާއަކު 5 ދުވަހު، މި ސެންޓަރުގައި ބޮޑުތިމީހުންނާއި ކުޑަކުދިންނަށް ހާއްސަ ކުރެވިގެން ކްލިނިކްތަކެއް ހިންގަމުންދެއެވެ. އަދި ބޮޑެތިމީހުންނާއި ކުޑަކުދިން ހިމެނޭހެން މިހާތަނަށް 559 މީހުންނަށް ވަނީ ފަރުވާދެވިފައެވެ. އަދި ފަސޭހަކަމާއި އެކު އެއް ފުރާޅެއްގެ ދަށުން ޑޮކްޓަރަށް ދެއްކުމާއި، ހަކުރުބައްޔާއި ގުޅުންހުރި ޓެސްޓުތައް ހެދުމާއި ރިޕޯޓު ދޫކުރުމާއި ފޮލޯއަޕް ކޮންސަލްޓޭޝަން އަދި ޑައިޓިޝަނުންގެ ލަފާދިނުން މި ސެންޓަރުގައި ހަމަޖައްސާފައިވެއެވެ.

24 ގަޑިއިރުގެ އިމަރޖަންސީ ޚިދުމަތާއި، އެކި އެކި ކުއްލި ކާރިސާތައް ދިމާވުމުން އަވަސް ފަރުވާ ދިނުމުގައި އައި.ޖީ.އެމް.އެޗްގެ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުންކޮށްގެން ކްރައިސިސް މެނޭޖް ކުރުމުގެ ގާބިލުކަން ފުރިހަމަގޮތުގައި އެ ހޮސްޕިޓަލުން އަންނަނީ ފޯރުކޮށްދެއެވެ. އެގޮތުން 12 މުވައްޒަފުންނާއެކު ޕެރަމެޑިކްސްގެ ޚިދުމަތް 2020 ނޮވެމްބަރ 15 ގައި ވަނީ ތައާރަފުކޮށްފައެވެ.

މީގެ އިތުރުން ބައިނަލްއަގްވާމީ މިންގަނޑުތަކަށްފެތޭގޮތަށް އައި.ޖީ.އެމް.އެޗް އެކްރެޑިޓް ކުރުމުގެ މަސައްކަތް 2020 ޖަނަވަރީ 21 ގައި ވަނީ ފަށާފައެވެ. ނެޝަނަލް އެކްރެޑިޓޭޝަން ބޯޑް ފޯ ހޮސްޕިޓަލްސް އެންޑް ހެލްތްކެއާ ޕްރޮވައިޑާރސް (އެން.އޭ.ބީ.އެޗް) އަދި ނެޝަނަލް އެކްރެޑިޓޭޝަން ބޯޑް ފޯ ޓެސްޓިންގް އެންޑް ކެލިބަރޭޝަން ލެބޯރަޓޯރީޒް (އެން.އޭ.ބީ.އެލް) ގެ އެކްރެޑިޓޭޝަންއަކީ ބައިނަލްއަޤްވާމީ ފެންވަރުގައި އައި.ޖީ.އެމް.އެޗް ބަލައިގަނެވި، ބަލިމީހުންގެ ރައްކާތެރިކަމާއި ދެވޭ ޚިދުމަތާއިމެދު އިތުބާރު ބޮޑުވެގެންދާނެ ކަމެކެވެ.

އައި.ޖީ.އެމް.އެޗުން ދޭ ޚިދުމަތްތަށް ޒަމާނީ ޓެކްނޮލޮޖީގެ ދަށުން ފަރުމާކުރެވި ފަސޭހަކަމާއި ހަލުވިކަމާއިއެކު ޑޮކްޓަރުންނާއި އެހެނިހެން މުވައްޒަފުން އަދި ބަލިމީހުންނަށް ފޯރުކޮށްދިނުމަށްޓަކައި "ހޮސްޕިޓަލް އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް" ތައާރަފުކޮށް، 2021 އަހަރުގެ 2 ވަނަ ކުއާޓަރ ތެރޭގައި މަސައްކަތްތައް ނިމި، މި ސިސްޓަމް ގާއިމްކުރުމަށްވަނީ ހަމަޖެހިފައެވެ. ހަމަ އެއާއިއެކު އައި.ޖީ.އެމް.އެޗްގައި ކިޑްނީ ޓްރާންސްޕްލާންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށާއި، އޯޕަން ހާޓް ސާރޖަރީގެ ޚިދުމަަތް 2020 ވަނަ އަހަރުގެ ތެރޭގައި ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން ދިޔަ ނަމަވެސް ކޯވިޑް-19 އާއި ގުޅިގެން އެ މަސައްކަތްތައް ކުރުމުގައި ލަސްތަކެއް ދިމާވުމައި ގުޅިގެން މި ޚިދުމަތްތައް 2021 އަދި 2022 ވަނަ އަހަރުގެ ތެރޭގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރަން ހުރި މަސައްކަތްތައް މިހާރު ކުރަމުންދާކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ހާމަކުރައްވާފައެވެ.

ރާއްޖޭގެ ސިއްޙީ ނިޒާމު ވަރުގަދަކުރުމަށް ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއްދެއްވާއިރު، ލާމަރުކަޒީ އުސޫލުން ޓަރޝަރީ ހޮސްޕިޓަލުތައް ބާރުވެރިކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް އަދި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ފޯރުކޮށްދޭންޖެހޭ ޓެކްނިކަލް ސަޕޯޓް ދިނުމަށް އައި.ޖީ.އެމް.އެޗް އިން ޑޮކްޓަރުންނާއި ނަރުހުން އަދި ޓެކްނިކަލް މުވައްޒަފުން ދަނީ ފޮނުވަމުންނެވެ.