ކޯވިޑް-19އާއި ގުޅިގެން ގިނަ ދުވަސްތަކެއްވަންދެން ސްކޫލްތައް ބަންދުކޮށްފައި އޮތުމަށްފަހު މާދަމާ ސްކޫލްތައް ހުޅުވޭއިރު ސްކޫލަށް ހާޒިރުވުމާއި ކިޔެވުމުގެ ކަންކަމާއި ގުޅޭ ގޮތުން ރަނގަޅު މައުލޫމާތު ހޯދުމުގައި ސަމާލުވުމަށް ބެލެނިވެރިންނާއި ދަރިވަރުންނަށް، އެޑިއުކޭޝަނުން އިލްތިމާސްކުރައްވައިފިއެވެ.
ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖޭގެ ސްކޫލްތައް ހުޅުވައިގެން މާދަމާ ދިރާސީ އަހަރުގެ ދެވަނަ ޓަރމްގެ ކިޔެވުން ފަށާއިރު ތިން ބަޔަކަށް ސްކޫލްތައް ވަނީ ބަހާލާފައެވެ. އެގޮތުން ގައިދުރުކަން އިސްކުރުމާއެކު އެޗްޕީއޭގެ ގަވާއިދުތަކާއި އެއްގޮތަށް ހުރިހާ ކުދިންނަށް އެއްފަހަރާ ކިޔަވައިދިނުމުގެ ކަންކަން އެއް ސެޝަނަކަށް ކުރިޔަށް ގެންދެވޭ ސްކޫލްތަކާއި، ގައިދުރުކަން އިސްކުރުމާއެކު އެޗްޕީއޭގެ ގަވާއިދުތަކާއި އެއްގޮތަށް ދެ ސެޝަނަކަށް ބަހާލައިގެން ކިޔެވުން ކުރިޔަށް ގެންދަންޖެހޭ ސްކޫލްތަކުގައި ދަރިވަރުން ހަފްތާގެ 5 ދުވަހު ސްކޫލަށް ހާޒިރުވާން ޖެހޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން މައުލޫމާތުދެއްވައެވެ. އަދި ގައިދުރުކަން އިސްކުރުމާއެކު އެޗްޕީއޭގެ ގަވާއިދުތަކާއި އެއްގޮތަށް ދެ ދުވަހުން އެއްދުވަހު ގެންދާގޮތަށް ބަހާލައިގެން ކުރިޔަށް ގެންދަންޖެހޭ ސްކޫލްތަކުގައި ކުދިން ސްކޫލަށް ހާޒިރުވާން ޖެހޭނީ ދެދުވަހުން އެއްދުވަހުއެވެ. މި ރަށްރަށުގެ ކުދިންނަށް ދެ ހަފްތާގެ ތެރޭގައި ކޮންމެ ކުއްޖަކަށްވެސް 5 ދުވަހު ސްކޫލަށް ހާޒިރުވާން ޖެހޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން މައުލޫމާތުދެއްވައެވެ.
ގައިދުރުކަން އިސްކޮށްގެން ކިޔަވައިދިނުމުގެ ކަންކަން ކުރިޔަށް ގެންދެވޭ ސްކޫލްތަކުގައި ކުދިންނަށް ކިޔަވައިދިނުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ނިންމާފައިވަނީ ސްކޫލަށް ކުދިން ގެންގޮސްގެނެވެ. އަދި ކޮމިއުނިޓީ ސްޕްރެޑް އޮތް ރަށެއްނަމަވެސް ކޮންމެހެން ގެންދަން ޖެހިއްޖެ ހާލަތެއްގައި ގައިދުރުކަން އިސްކޮށް އެޗްޕީއޭގެ ގަވާއިދާއި އެއްގޮތަށް ސްކޫލަށް ގެންގޮސްގެން އަދި އޮންލައިންކޮށް ކިޔަވައިދިނުމުގެ ކަންކަން ރޭވިފައި ހުންނަށް ޖެހޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ އަންގާފައެވެ.
ރަށްރަށުގެ ހާލަތަށް ބަލާ ތިން ބަޔަކަށް ރަށްތައް ބަހާލައިފައިވާއިރު އެއީ ލޮކްޑައުންގައި ވާ ރަށްރަށާއި، މޮނިޓަރިންގް ގެ ހާލަތުގައިވާ ރަށްރަށުގެ އިތުރުން ކޯވިޑްގެ އެއްވެސް ކޭސްއެއް ފެނިފައި ނުވާ ރަށްރަށެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ގައިޑްލައިންގައި ވާގޮތުން ލޮކްޑައުންގައިވާ ރަށްރަށް ހުރިހާ ސްކޫލްއެއް ބަންދުވާނެއެވެ. އަދި މޮނިޓަރިންގެ ގެ ހާލަތުގައިވާ ރަށްރަށަށް ކިޔެވުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ކަމަށްވާއިރު ކޯވިޑްގެ އެއްވެސް ކޭސްއެއް ނުފެންނަ ރަށްރަށުގައި ފައުންޑޭޝަން ކްލާސްތަކުން ފެށިގެން ކީސްޓޭޖް-5 އާއި ހަމައަށް ކިޔެވުން ކުރިޔަށް ގެންދާގޮތަށް ވަނީ ކަނޑައަޅާފައެވެ.
ކީސްޓޭޖް 1 އިން ފެށިގެން ކީސްޓޭޖް 5 ގެ ދަރިވަރުންނަށް ހަފްތާގެ 5 ދުވަހު، ކޮންމެ ދުވަހަކު ސެޝަންގެ ދިގުމިނަކީ 4 ގަޑިއިރާއި 5 ގަޑިއިރާއި ދެމެދެވެ. ފައުންޑޭޝަންގެ ދަރިވަރުންނަށް ސެޝަންގެ ދިގުމިނަކީ ހަފްތާގެ 5 ދުވަހު، ކޮންމެ ދުވަހަކު މަދުވެގެން 2 ގަޑިއިރެވެ. ސެޝަންގެ ތެރެއިން މަދުވެގެން 60 މިނިޓް ހޭދަކުރަންވާނީ ކުދިންގެ ހުން ބެލުމުގައާއި، އަތް ދޮވުމާއި، ހަރަކާތްތެރިވުމުގައިކަމަށް ގައިޑްލައިންގައި ވަނީ ފާހަގަކުރައްވާފައެވެ.