ޚަބަރު

އެޗްޕީއޭގެ އުސޫލާއި ޚިލާފަށް ގއ. މާމެންދުއަށް ދިޔަ މީހަކަށް ފިޔަވަޅު އަޅައިފި


ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލުތަކާއި ޚިލާފަށް މާލެއިން ގއ. މާމެންދުއަށް ދިޔަ މީހަކާމެދު ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ފިޔަވަޅު އެޅި މީހާގެ އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ އެމީހާއަށް ފިޔަވަޅު އެޅުމަށް ފަހު ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އޭނާ މާމެންދޫ ކައުންސިލާއި ހަވާލުކުރިކަމަށެވެ. ނަމަވެސް މާމެންދޫގައި މީހުން ކަރަންޓީނުގައި ބޭތިއްބޭނެ ތަނެއް ހަމަޖެހިފައިނުވާތީ އެމީހާ ގއ. ނިލަންދޫއަށް ގެންގޮސް އެރަށު ކައުންސިލާއި ހަވާލުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މާލޭގައި ކޯވިޑް-19 ފެތުރެމުންދާތީ، އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލާއި ޚިލާފަށް މާލެއިން ފުރައިގެން އެއްވެސް ރަށަކަށް ދިއުމަކީ މަނާ ކަމެކެވެ. އަދި އެއްރަށުން އަނެއް ރަށަށް ދަތުރުކުރާއިރުވެސް އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުން ވަނީ އަންގާފައެވެ.

އެޗްޕީއޭއިން މި އުސޫލުތައް ޢާންމުކޮށްފައިވަނީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް ޢާންމު ރައްޔިތުން މި ބަލިމަޑުކަމުން ރައްކާތެރިކުރުމުގެ ގޮތުންނެވެ.