ޚަބަރު

އެމްޓީސީސީގެ "ހުނަވަރު" ޕްރޮގްރާމް ފަށަނީ


ޒުވާނުންނަށް ޚާއްސަކޮށްގެން އެމްޓީސީސީން "ހުނަވަރު"ގެ ނަމުގައި ކުރިއަށްގެންދާ ޓްރެއިނިންގ ޕްރޮގްރާމް ފެށަން ތައްޔާރުވެއްޖެއެވެ. މިޕްރޮގްރާމްއަކީ ބަރު ވެހިކަލް ދުއްވުމަށް ޒުވާނުން ތަމްރީނުކުރުމުގެގޮތުން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ބޮޑެތި ރަށްރަށަށް ގޮސް މިޕްރޮގްރާމްގެ ދަށުން ތަމްރީންވުމުގެ ފުރުސަތު ޒުވާނުންނަށް ލިބޭނެކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ އެމްޓީސީސީގެ ޓީމު ދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 9ވަނަ ދުވަހު ފުވައްމުލައް ސިޓީއަށެވެ. އަދި މިމަހުގެ 11ވަނަ ދުވަހު އައްޑޫ ސިޓީގައި މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީގެ އަމާޒަކީ އެ ކުންފުންޏަކީ %100 ދިވެހިން ވަޒީފާ އަދާކުރާ ކުންފުންޏަކަށް ހެދުންކަން ފާހަގަކުރައްވައި އެކުންފުނީގެ ޖެނެރަލް މެނޭޖަރ ފާޠިމަތު ޖަބީން ވިދާޅުވީ މިޕްރޮގްރާމްގައި ބައިވެރިވުމުގެ ކަންކަން ފުވައްމުލަކާއި އައްޑޫ ސިޓީގައި ކުރިޔަށް ގެންދާނީ ވޯކިންގް އިންޓަރވިއުގެ އުސޫލުންކަމަށެވެ. ޢުމުރުން 18އަހަރުން މަތީގެ ކޮންމެ ޒުވާނަކަށްވެސް މިޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެކަމަށް ކުންފުނިން މަޢުލޫމާތުދެއްވައެވެ.

އެމްޓީސީސީން ކުރިޔަށް ގެންދާ މިޕްރޮގްރާމްގެ މުއްދަތަކީ 3 މަސް ދުވަސްކަމަށް އެކުންފުނިން މައުލޫމާތުދެއްވައެވެ. މިމުއްދަތުގެތެރޭގައި ޕްރޮގްރާމްގައި ބައިވެރިވާ ޒުވާނުންނަށް އެލަވެންސެއްގެ ގޮތުގައި މަހަކު 5000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަމަށާއި ޕްރޮގްރާމުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ބައިވެރިންގެ ތެރެއިން 50 ބައިވެރިންނަށް އެކުންފުނިން ވަޒީފާލިބޭނެކަމަށްވެސް އެމްޓީސީސީން މައުލޫމާތުދެއްވައެވެ.

"އަޅުގަނޑުމެން އުންމީދުކުރަނީ ވީހާވެސް ގިނަ ދިވެހިން މި ފުރުސަތުގެ ބޭނުން ހިފާނެކަމަށް. މިވަގުތު އިމީޑިއޭޓްކޮށް އެއްއަހަރުގެ ތެރޭގައި 180 ކުދިންނަށް ވަޒީފާ ދެވޭނެ މިކަމުން ތަމްރީނުކުރެވިގެން. އެހެންވީމަ ވަޒީފާ އެބަހުރި. ބޭނުންވަނީ މިކަމަށް ޝައުގުވެރިކަން ހުންނަ ރަނގަޅު ކުދިން. ރަނަގަޅު އާމްދަނީއެއް ލިބޭނެކަމެއް މިއީ. އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން މިކަމުގައި ވީހާވެސް ބޮޑަށް ޒުވާނުން ވަޒީފާއަށް ނުކުތުމަށް." އެމްޓީސީސީގެ ސީއީސޯ އާދަމް އާޒިމް ވިދާޅުވިއެވެ.

ބަރު އުޅަނދު ދުއްވުމަކީ ބޮޑު ޢާމްދަނީއެއް ލިބޭ ވަޒީފާއެއްކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ މިފަދަ ވަޒީފާތަކަށް ކިޔަވައިގެންތިބި ދިވެހި ޒުވާނުން ނެރުމަކީ ވަރަށްބޮޑު އުންމީދެއްކަމަށެވެ. އަދި މިފަދަ ވަޒީފާތަކާ ގުޅޭގޮތުން ދިވެހިންނަށް މަޢުލޫމާތު ލިބިފައިވާ މިންވަރު ކުޑަކަން އާޒިމް ފާހަގަކުރެއްވިއެވެ.