ޚަބަރު

ވަރޗުއަލްކޮށް ބޭއްވި ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުން މާދަމާ


ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020 ނަތީޖާ ފާޅުކުރުން މާދަމާ އޮންނާނެއެވެ.

އިސްލާމިކް މިނިސްޓްރީއިން މައުލޫމާތުދެއްވި ގޮތުގައި ނަތީޖާ ފާޅުކުރުން އޮންނާނީ މާދަމާ ހެނދުނު 9.30 އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

މުބާރާތުގެ ކިޔެވުން މިދިޔަ ބުދަދުވަހުން ފެށިގެން ވީޓީވީންނާއި ވީޓީވީގެ ފޭސްބުކް ޕޭޖުންނާއި ޓުވިޓާއިންވަނީ ދައްކާފައެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޔޫޓިއުބް ޗެނަލުންނާއި ފޭސްބުކް ޕޭޖުންވެސްވަނީ ދައްކާފައެވެ.

ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތުގެ ފައިނަލް ބުރަށް 343 ބައިވެރިން ހޮވިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މިމުބާރާތް ކުރިޔަށް ގެންދިޔައީ ދެ ކެޓަގަރީ އަކަށް ބަހާލައިގެންނެވެ. އެއީ ދިގުރާގާއި ކުރު ރާގު ކެޓަގަރީއެވެ. ފައިނަލް ބުރުގައި ދިގުރާގު ކެޓަގަރީއަށް 34 ބައިވެރިން އަދި ކުރު ރާގު ކެޓަގަރީއަށް 309 ބައިވެރިން ވަނީ ހޮވިފައެވެ.

މި މުބާރާތް ކުރިއަށްގެންދިޔައީ 8 އުމުރުފުރާއަކަށް ބަހާލައިގެންނެވެ. މުބާރާތުގައި ބައިވެރިވުމަށް 3055 މީހުން ފޯމު ހުށައެޅިކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. ނަމަވެސް ކިޔެވުން ހުށައަޅާފައިވަނީ 2539 ފަރާތަކުންނެވެ. މުބާރާތުގެ ފުރަތަމަ ބުރު ކުރިއަށްގެންގޮސްފައިވަނީ އޮޑިޝަން ބުރެއްގެ ގޮތުގައެވެ. މުބާރާތުގެ ފައިނަލް ބުރު ބާއްވާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުން 17 ވަނަ ދުވަހަށެވެ. މި މުބާރާތުގެ ފައިނަލަށްދިޔަ ބައިވެރިންގެ ކިޔެވުންވެސް ހުށަހަޅާފައިވަނީ ރެކޯޑްކޮށްގެން ވަރޗުއަލްކޮށްނެވެ.

ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ޤައުމީ މުބާރާތް ވަރޗުއަލްކޮށް ކުރިޔަށް ގެންދިއުމުން އަތޮޅުތަކާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށްވެސް، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތުވަނީ ފަހިވެގެން ގޮސްފައެވެ.

މިފަހަރުގެ ޤައުމީ ޤުރުއާން މުބާރާތުގައިވެސް ކޮންމެ ޢުމުރުފުރާއަކުން އަންހެން ފިރިހެންވަކިން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވުމަށްވަނީ ހަމަޖެހިފައެވެ. އަދި މުބާރާތުގެ ދެކެޓަގަރީން ކޮންމެ ކެޓަގަރީއަކުން ހުރިހާ ޢުމުރުފުރާއެއް އެއްކޮށް އެއްވަނަ ދެވަނަ ތިންވަނަ ހޮވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މުޅި މުބާރާތުންވެސް އެއްވަނަ ދެވަނަ ހޮވުމަށްވަނީ ހަމަޖެހިފައެވެ. އަދި މިހުރިހާ ބަޔަކުންވެސް އެއްވަނައަށް ހޮވޭ ފަރާތަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާމު ދިނުމަށްވަނީ ހަމަޖެހިފައެވެ.