ޚަބަރު

މާލެ، ހުޅުމާލެ ހައިވޭގައި އެކްސިޑެންޓުތަކެއް


މާލެއާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި އެކްސިޑެންޓްތަކެއް ހިނގައިފިއެވެ. އެކްސިޑެންޓް ހިނގާފައިވަނީ ދުއްވާފައި ދިޔަ އެމްބިއުލަންސްއަކާއި ޕިކަޕެއް ޖެހިގެންކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވިނަމަވެސް ދެ އުޅަނދަށްވެސް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައިކަމަށް ފުލުހުން ވިދާޅުވިއެވެ. ހައިވޭގައި ހިނގި ދެވަނަ އެކްސިޑެންޓަކީ 3 ކާރަކާއި ޕިކަޕެއް ޖެހިގެން ހިނގި އެކްސިޑެންޓެކެވެ. އެއްކޮޅަށް ދުއްވާފައި ދިޔަ މި ހަތަރު އުޅަނދު ޖެހިގެން ހިނގި މިއެކްސިޑެންޓުގައިވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި ދެ އެކްސިޑެންޓުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭގެ 20:30 ހާއިރު ކަމަށެވެ. އަދި އުޅަނދުތައް ދުއްވާފައިވަނީ ކެޓަގަރީތަކުގެ ލައިސަންސް އޮންނަ މީހުންކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓް އިން ދަނީ މި އެކްސިޑެންޓްތައް އިތުރަށް ތަހުޤީޤު ކުރަމުންނެވެ.