ޚަބަރު

ބޮޑުފުޅަދުއާއި ލަންދޫ މިސްކިތުގެ މަސައްކަތުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި


އއ.ބޮޑުފުޅަދުއާއި ނ.ލަންދޫ މިސްކިތުގެ ނުނިމިހުރި މަސައްކަތްކުރުމަށް އިސްލާމިކް މިނިސްޓްރީން ހައިމަން ކޮންސްޓްރަކްޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމިނިސްޓްރީގެ ފަރާތުން މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރެވެ. ހައިމަން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ މުޙައްމަދު އައިމަނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ވިސްނުންފުޅަކީ މިސްކިތްތައް ޢިމާރާތްކުރުމާއި މަރާމާތުކުރުމުގެ މަސައްކަތް އެއްވެސް މަޑު ޖެހުމެއްނެތި ކުރިއަށް ގެންދިޔުންކަމުގައެވެ.

"ސަރުކާރުން ބޭނުންވަނީ މިސްކިތްތައް ޢިމާރާތްކުރުމުގެ މަސައްކަތްތައް މަޑު ނުނުޖެހި ހުއްޓުމެއް ނައިސް ވީހާވެސް އަވަހަށް ނިންމާ ރައްޔިތުންނާ ހަވާލުކުރުން. ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑުމެން މަސައްކަތް ކުރާނީ މިސްކިތްތަކުގެ މަސައްކަތް ކުރާ ފަރާތްތަކާ ވާހަކަ ދައްކައިގެން މަސައްކަތް ހުއްޓުމެއް ނެތި ނިންމާލުމަށް." މިނސްޓަރ ވިދާޅުވިއެވެ.

ބޮޑުފޮޅުދޫގެ މިސްކިތުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ 3 މިލިޔަން ރުފިޔާއަށް ޖުމުލަ 6 މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ. ލަންދޫ މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 3 މިލިޔަން ރުފިޔާއަށް 7 މަސްދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މި ދެމިސްކިތުގެ މަސައްކަތް ކުރިންވެސް ބަޔަކާ ޙަވާލުކުރިއެވެ. އަލުން މިމަސައްކަތް ބަޔަކާ ޙަވާލުކޮށްފައިމިވަނީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކުރިން މިމަސައްކަތް ނިންމާފައި ނުވާތީއެވެ.