ތަރައްްޤީ

މާޅެންދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި


ނ. މާޅެންދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މިނިސްޓްރީ އޮފް ހައުސިން އެންޑް ނެޝަނަލް ޕްލޭނިންގ އިން މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމް.ޑަބްލިޔު.އެސް.ސީއާއެވެ.

މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތުގެ ދަށުން 11.7 ކިލޯ މީޓަރުގެ ފެން ހޮޅީގެ ނެޓްވޯކެއް ޤާއިމު ކުރުމަށާއި، 2 އާރު.އޯ ޕްލާންޓް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. ފެން ރައްކާކުރުމަށް 250 ޓަނުގެ 3 ތާނގީ ބެހެއްޓުމުގެ އިތުރުން، މާޅެންދޫގެ ގޭބީސީތަކުގައި ފެންމީޓަރ ބެހެއްޓުމަށާއި ފެނުގެ ކަނެކްޝަން ގުޅައިދިނުމަށް ނިންމާފައިވާ ކަމަށް އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވިއެވެ. އަދި ފެން ޕްލާންޓް ބެހެއްޓުމަށް ޢިމާރާތްކުރާ ފެސިލިޓީ ބިލްޑިންގގެ 25 އިންސައްތަ މަސައްކަތް މިވަގުތު ނިމިފައިވާކަމަށްވެސް އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވެއެވެ.

މާޅެންދޫގައި ތަރައްޤީކުރާ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން އެރަށުގައި 7.9 ކިލޯ މީޓަރު ދިގު ނަރުދަމާ ނެޓްވޯކެއް ޤާއިމުކޮށް 1 ކިލޯ މީޓަރުގެ ޕަންޕިންގ ލައިން އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ނަރުދަމާގެ އިދާރީ ބިލްޑިންގ އާއެކު 2 ޕަންޕިންގ ސްޓޭޝަނާއި ސީ އައުޓް ފޯލް ޤާއިމުކުރާނެ ކަމަށް އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވިއެވެ. މީގެ އިތުރުން ގޭބީސީތަކުގައި ޖަންގްޝަން ބަހައްޓައިދިނުމާއި ނަރުދަމާ ކަނެކްޝަން ގުޅައިދިނުމަށް ހަމަޖެހިފައިވާކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާގެ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލްތަކާއި ފެން ތަޙުލީލު ކުރުމަށް ބޭނުންވާނެ ވަސީލަތްތައް ވެސް ފޯރުކޮށްދިނުމަށް ހަޖަމެހިފައިވާކަމަށް އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވެއެވެ.

މި މަޝްރޫއަކީ ޖުމްލަ 42،975،350.00 (ސާޅީސް ދެމިލިއަން ނުވަލައްކަ ހަތްދިހަ ފަސްހާސް ތިންސަތޭކަ ފަންސާސް) ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢު އެމް.ޑަބްލިޔު.އެސް.ސީއާ ހަވާލުކޮށްފައިވަނީ 22 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

އާބާދީގައި 908 މީހުން ދިރިއުޅޭ ނ. މާޅެންދޫގައި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ 3 މަޝްރޫޢެއްގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދެއެވެ.