ދުނިޔެ

އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަންނަވަރުގެ އޮޅުވާލުމެއް ނެތް: އެމެރިކާގެ ބަނޑާރަ ނައިބު


ނޮވެމްބަރު މަހުގެ 3ވަނަ ދުވަހުގައި ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަންނާނެފަދަ އޮޅުވާލުމެއްގެ އެއްވެސް ހެއްކެއް ފެނިފައިނުވާކަމަށް އެ ޤައުމުގެ ބަންޑާރަ ނައިބު ވިލިއަމް ބާރ ވިދާޅުވެއްޖެއެވެ. މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ އަރިސް ބޭފުޅޭއްކަމަށްވާ ބާރ އެހެން ވިދާޅުވީ އިންތިޚާބު އޮޅުވާލާފައިވާކަމަށް ރައީސް ޓްރަންޕު ތަކުރާރުކޮށް ތުހުމަތުކުރައްވާ، އިންތިޚާބުގެ ނަތީޖާ ޤަބޫލުކުރެއްވުމަށް ދެކޮޅު ހައްދަވަމުންދަނިކޮށެވެ.

ނޫސްވެރިންނާއި ވާހަކަދައްކަވަމުން ބާރ ވިދާޅުވީ ބަންޑާރަ ނައިބުގެ އޮފީހުންނާއި ޖާސޫސީ އިދާރާ، އެފްބީއައިއިން ދަނީ އިންތިޚާބާއި ގުޅޭގޮތުން ލިބިފައިވާ ވަކިވަކި ޝަކުވާތަކާއި އެހެނިހެން މަޢުލޫމާތުތައް ބަލައި އިންތިޚާބު އޮޅުވާލާފައިވާކަމުގެ އެއްވެސް ހެއްކެއް ހުރިތޯ ޔަގީންކުރަމުންކަމަށެވެ. ނަމަވެސް މިހާތަނަށް ބެލިބެލުމުން އެކަމަށް ބާރުދޭ އެއްވެސް ހެއްކެއް ފެނިފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އިންތިޚާބު އޮޅުވާލާފައިވާކަމުގެ ހެއްކެއް ފެނިފައިނުވާކަމަށް ބަރ ފަދަ ޓްރަންޕުގެ އަރިސް ބޭފުޅަކު ވިދާޅުވުމުން އެބަހުގެ ބުރަދަންވަނީ އިތުރުވެފައެވެ. ބަރ އަކީ ޕޯސްޓު މެދުވެރިކޮށް ފޮނުވާ ވޯޓު އޮޅުވާލުމުގެ ފުރުޞަތު އޮތްކަމަށް އިންތިޚާބުގެ ކުރިން ތަކުރާރުކޮށް ވިދާޅުވަމުން ދިޔަ ބޭފުޅެކެވެ. މިދިޔަ މަހުގެ ތެރޭގައި ބަރވަނީ ވޯޓާއިމެދު ޤަބޫލުކުރެވޭފަދަ އެއްވެސް ތުހުމަތެއްކޮށްފިނަމަ އެ ތުހުމަތެއް އިންތިޚާބުގެ ނަތީޖާ ރަސްމީކޮށް ފާސްކުރުމުގެ ކުރިން އިތުރަށް ތަހުގީގުކުރުމުގެ ޙުއްދަ ލިބިދޭ އެނގުމެއް އެމެރިކާގެ ހުރިހާ ސްޓޭޓެއްގެ އެޓާނީނަށް ފޮނުއްވާފައެވެ. އާންމުކޮށް ޢަމަލުކުރާ އުސޫލާއި ތަފާތުކޮށް ޢަމަލުކުރުމުގެ ހުއްދަ އެ އެނގުމުގެ ސަބަބުން ލިބިދިނެވެ. ވޯޓާއި ގުޅޭ އޮޅުވާލުންތައް ބަލާ އިދާރާގެ އިސް އޮފިޝަލް ވަނީ އެ އެނގުން ފޮނުވުމުގެ ދުވަސްކޮޅެއް ފަހުން މަޤާމުން އިސްތިޢުފާދެއްވާފައެވެ.

ޓްރަންޕުގެ ކެންޕެއިން ޓީމުން އަންނަނީ އިންތިޚާބު އޮޅުވާލާފައިވާކަމުގެ ތުހުމަތުތައް ކޯޓުތަކަށް ހުށައަޅަމުންނެވެ. އެގޮތުން އިންތިޚާބަށް އެންމެ މުހިންމު ސްޓޭޓުތަކުގެ ނަތީޖާތަކަށް ޤާނޫނީ ގޮތުން ގޮންޖަހައި ގިނަ ޢަދަދެއްގެ ވޯޓުތައް ބާޠިލްކުރުމަށް ޓްރަންޕުގެ ކެންޕެއިނުގެ ޓީމުން އަންނަނީ އެދެމުންނެވެ. ނަމަވެސް އިންތިޚާބުގެ މައްސަލައިގައި ކޯޓު މެދުވެރިކޮށް މިހާތަނަށް ރައީސް ޓްރަންޕަށް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

ވޯޓުލާ ނިޒާމުން ވޯޓު ދިންގޮތާއި އިދިކޮޅަށް ވޯޓު ބަދަލުކޮށްލާކަމަށް ޓްރަންޕުގެ ބައެއް ސަޕޯޓަރުން އަންނަނީ ބުނަމުންނެވެ. އެ ތުހުމަތުތައް ކުރައްވާ މައިގަނޑު ބޭފުޅަކީ އެޓޯނީ ސިޑްނީ ޕޮވެލްއެވެ. އެކަމަށް އިޝާރާތްކުރައްވާ، ވަކި ބޭފުޅެއްގެ ނަން ވިދާޅުނުވެ ބާރ ވިދާޅުވީ ސިސްޓަމް މެދުވެރިކޮށް ވޯޓު އޮޅުވާލާކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާކަމަށާއި އެ ޝަކުވާތައް ކަމާބެހޭ އިދާރާތަކުން ބަލައިފައިވާކަމަށެވެ. ނަމަވެސް ސިސްޓަމްތައް ބޭނުންކޮށްގެން ވޯޓު އޮޅުވާލާފައިވާކަމުގެ ހެއްކެއް ފެނިފައިނުވާކަމަށް ބާރ ވިދާޅުވިއެވެ.

ޓްރަންޕުގެ ޤާނޫނީ ވަކީލުންވަނީ ބާރގެ ވާހަކަތަކަށް ރައްދުދެއްވާ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން ތަހުގީގެއް ކޮށްފައިވާކަމުގެ އެއްވެސް އިޝާރާތެއް ނުފެންނަކަމަށާއި، ބަންޑާރަ ނައިބު ވިދާޅުވެފައިވާ ވާހަކަތަކަކީ ކަމާއިބެހޭ އެއްވެސް މަޢުލޫމާތެއް ނެތި އަދި ތަހުގީގުކުރުމެއްނެތި ވިދާޅުވެފައިވާ ވާހަކަތަކެއްކަމަށެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓު ޖޯ ބައިޑަންވަނީ އިންތިޚާބު ކާމިޔާބުކުރުމަށް ބޭނުންވާ 270 އިލެކްޓޯރަލް ވޯޓު ކާމިޔާބުކުރައްވާ ޕެންސިލްވޭނިއާގެ ވޯޓު ހިމެނޭގޮތަށް ޖުމްލަ 306 އިލެކްޓޯރަލް ވޯޓު ޔަޤީންކުރައްވާފައެވެ. ރައީސް ޓްރަންޕަށް ލިބިވަޑައިގަތީ 232 ވޯޓެވެ.