ވިޔަފާރި

ސިލްކް އެއަރގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފި


ސިންގަޕޯރ އެއަރލައިންސްގެ ދަށުން އޮޕަރޭޓްކުރާ "ސިލްކް އެއަރ"ގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

ސިލްކް އެއަރގެ ދަތުރުތައް އިއްޔެ އަލުން ރާއްޖެއަށް ފަށާފައިވާއިރު ސިލްކް އެއަރއިން ހަފްތާއަކު 2 ދަތުރު ރާއްޖެއަށް ކުރާނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ. މި ދަތުރުތައް ކުރާނީ ޗަންގީ އިންޓަނޭޝަނަލް އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.

ސިންގަޕޯރ އެއަރލައިންސްގެ ދަތުރުތައް ރާއްޖެއަށް ފަށާފައިވަނީ 1984 ވަނަ އަހަރުގެ މާރޗުމަހުގެ ތެރޭގައެވެ. އަދި ސިންގަޕޯރ އެއަރލައިންގެސް ދަށުން އޮޕަރޭޓުކުރާ ސިލްކް އެއަރގެ ދަތުރުތައް ރާއްޖެއަށް ފަށާފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޫބަރުމަހުއެވެ. ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުގެ ކުރިން ސިންގަޕޯރ އެއަރލައިންސްއާއި ސިލްކް އެއަރލައިންސްއިން ދިޔައީ ހަފްތާއަކު 16 ދަތުރު ރާއްޖެއަށް ބާއްވަމުންނެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއިއެކު ގިނަ އެއަރލައިންތަކަކުން ރާއްޖެއަށް އަލުން ދަތުރުތައް ވަނީ ފަށާފައެވެ. އަދި ބައެއް އެއަރލައިންތަކުން ދަނީ ރާއްޖެއަށް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންނެވެ.

ސިލްކް އެއަރއިން ރާއްޖެއަށް ދަތުރުތައް ފެށުމާއިއެކު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން މިހާތަނަށް ރާއްޖެއަށް ދަތުރުތައް ފެށި އެއަރލައިންގެ އަދަދު ވަނީ 18 އަށް އަރާފައެވެ. އަދި މިމަހުގެ ތެރޭގައި އިތުރު 9 އެއަރލައިންއަކުން ދަތުރުފަށާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.