ވިޔަފާރި

ދުވާލަކަށް ނަގުދު ފައިސާ ނެގޭ މިންވަރު 200000 ރުފިޔާއަށް ލިމިޓްކޮށްފި


ދުވާލަކަށް އެންމެ ގިނައިން ނަގުދު ފައިސާ ނެގޭނެ އަދަދަކީ 200،000 ރުފިޔާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، (އެމްއެމްއޭއިން) ކަނޑައަޅަފިއެވެ.

އެމްއެމްއޭއިން ވިދާޅުވީ، މިމަހުގެ 31 އިން ފެށިގެން ނަގުދު ފައިސާގެ ގޮތުގައި އެންމެ ގިނަވެގެން ނެގޭނީ 200،000ރ. ކަމަށެވެ. އެމްއެމްއޭއިން ވިދާޅުވީ މި ނިންމުމަކީ އިލެކްޓްރޯނިކް ޓްރާންސެކްޝަނަށް ތަރުހީބު ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ. އަދި މި ނިންމުމާއި ޤައުމުގެ އިޤްތިޞާދީ ހާލާތާއި އެއްވެސް ގުޅުމެެއް ނުވާ ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

އެމްއޭއިން ވިދާޅުވީ، މި ނިންމުން ތަންފީޒު ކުރަނީ ބޭންކުތަކާއިއެކުވެސް މަޝްވަރާ ކުރެވިގެން ކަމަށެވެ. އަދި މިހާރު އޮންލައިން ޕޭމެންޓް ނިޒާމު ޤާއިމު ކުރެވެމުން ދާއިރު، ވީހާވެސް ގިނަ ފަރާތްތަކުން މިފަދަ ނިޒާމަކަށް އަހުލުވެރިވެ ބޭނުން ކުރުމަށް ހިތްވަރަކަށް ވެގެންދާނެ ކަމަށްވެސް އެފަރާތުން ފާހަގަކުރައްވައެވެ. އަދި މިބަދަލުގެ ސަބަބުން ވިޔަފާރިތަކަށް ނަގުދު ފައިސާ ބޭނުން ކުރުމުގައި އޮންނަ ހިރާސްތައް ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެކަމަށް މަރުކަޒީ ބޭންކުން ވިދާޅުވެއެވެ.

އެމްއެމްއޭއިން ދުވާލަކަށް ނަގުދު ފައިސާ ނެގޭ މިންވަރު ހިފަހައްޓާފައި މިވަނީ އަލަށެވެ. މީގެ ކުރީންވެސް ބޭންކުތަކުން ނަގުދު ފައިސާ ނެގޭ މިންވަރު އަމިއްލައަށް ކަނޑައަޅާފައި ހުރެއެވެ. ނަމަވެސް މި ބަދަލާއެކު ރާއްޖޭގެ ހިނގާ ބޭންކުތަކުން ދެން ދުވާލެއްގެ މައްޗަށް ނެގޭނީ ދެލައްކަ ރުފިޔާއެވެ.

ރާއްޖޭގައި ނަގުދު ފައިސާގެ މުޢަމަލާތްތައް އެންމެ ބޮޑަށް ކުރަނީ ވިޔަފާރިތަކުންނެވެ. ނަމަވެސް މިފަހަކަށް އައިސް ފޭރުމުގެ މައްސަލަތަށް އިތުރުވެފައިވާތީވެ، ގިނަ އަދަދެއްގެ ނަގުދު ފައިސާ އެއްތަނުން އަނެއް ތަނަށް ގެންދާ އިރު، ފުލުހުންގެ އެހީތެރިކަން ހޯދުމަށް ފުލުހުން ވަނީ އެދިފައެވެ.