ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ އިނާޔަތް ބޮޑުކުރުން މުހިންމު: އެޗްއާރްސީއެމް


ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ މާލީ އިނާޔަތް އިތުރުކުރުން މުހިންމުކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނުން ނެރުއްވި ނޫސް ބަޔާނެއްގަ އެ ކޮމިޝަނުން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ދަތިތައް ފާހަގަކުރައްވައި އެ ފަރާތްތަކަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ ބަޔާނުގައި ވަނީ ދައުލަތުން ނުކުޅެދުންތެރިކަން ހުންނަ މީހުނަށް ދޭ މާލީ އެހީތެރިކަމަކީ އެފަރާތްތަކަށް ބޭނުންވާ އަސާސީ ކަންކަމަށް އެންމެ އެކަށީގެންވާ މިންވަރެއްނޫން ކަން ފާހަގަކުރައްވާފައެވެ. އެ ކޮމިޝަނުން ވަނީ އެ އިނާޔަތް އިތުރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކަށް ރައްކާތެރިވެ، ކަންކަން ނިންމުމުގައި އެމީހުންގެ ބައިވެރިވުން އިތުރުކޮށް ޚިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭނެ ގޮތްތަކެއް އެކަށައެޅުމުގެ މުހިންމުކަން ވެސް އެޗްއާރްސީއެމް އިން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިނގާބިނގާވެ އުޅުމުގަޔާއި، ތަންތަނަށް ވަދެނިކުމެ އުޅުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށްދީ އެ މަރުކަޒުން ފޯރުކޮށްދޭ ހިދުމަތްތައް މިހާރަށްވުރެ ހަރުދަނާ ކުރުމުގެ މުހިންމުކަންވެސް އެޗްއާރު ސީއެމް އިން ވަނީ ފާހަގަކުރައްވާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ގެއްލިގެން ފާއިތުވި 4 އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ 72 މައްސަލައެއް އެޗްއާރްސީއެމްއަށް ހުށަހަޅާފައިވާކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ. މީގެ ތެރެއިން ގިނަ މައްސަލަތަކަކީ އިހުމާލުގެ މައްސަލަތަކާއި އާއިލާގެ ފަރާތުން އެދިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދައުލަތުގެ ބެލުމުގެ ދަށަށް ބަދަލުކޮށްދިނުމަށް ހުށަހަޅާފައިވާ މައްސަލަތައްކަން އެ ކޮމިޝަނުން ފާހަގަކުރައްވައެވެ.

އެޗްއާރުސީއެމް އިން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މަޝްވަރާއާއި، ޝާމިލުވުން ހިމެނޭހެން ޤައުމުގެ ތަރައްޤީގެ މަޝްރޫއުތައް ބައްޓަންކުރުމަކީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަންވެސް ފާހަގަކުރައްވާފައެވެ. އަދި އެފަދަ ފަރާތްތަކުގެ ޙައްޤުތަކަށް ހޭލުންތެރިކުރުވުމަށް ޖަމްޢިއްޔާތަކާއި މީޑިޔާއިން ކުރަމުންދާ މަސައްކަތްތައް ފާހގަަކޮށް އެ މަސައްކަތް މިހާރަށް ވުރެ ފުޅާ ކުރުމުގެ މުހިންމުކަންވެސް އެޗްއާރުސީއެމް އިން ވަނީ ފާހަގަކުރައްވާފައެވެ.

ކޮންމެ އަހަރެއްގެ ޑިސެމްބަރ 3 ވަނަ ދުވަހު ފާހަގަ ކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ އެންމެ މުހިންމު މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކޮށް، މުޖުތަމައުގައި އެފަރާތްތަކަށް ލިބެންވާ އިހްތިރާމާއި އަޅާލުން ފޯރުކޮށްދީ، އެފަރާތްތަކުގެ ބައިވެރިވުން މުޖުތަމައުގެ ކަންތައްތަކުގައި އިތުރުކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ތަފާތު ގޮންޖެހުންތަކާއި މެދު މުޖުތަމައު ހޭލުންތެރިކުރުވުން ކަމަށްވެސް އެޗްއާރްސިއެމްގެ މި ބަޔާނުގައި ފާހަގަކުރައްވާފަ ވެއެވެ.