ޚަބަރު

ވައިގަދަވެ ކަނޑުތައް ގަދަވާނެ، މޫސުމަށް ސަމާލުވޭ


މިމަހުގެ 3 ވާ ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ސްރީލަންކާގެ ޓްރިންކޮމަލީގެ އިރުދެކުނުން ގާތްގަނޑަކަށް 500 ކިލޯމީޓަރު ދުރުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ، މާދަމާ ހަވީރުގެ ވަގުތެއްގައި ތޫފާނަކަށް ބަދަލުވާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި މިތޫފާން ހުޅަނގަށް ދަތުރުކޮށް 3 ޑިސެމްބަރުވާ ބުރާސްފަތި ދުވަހު ސްރީލަންކާ ހުރަސްކޮށް، ދެކުނު އިންޑިއާގެ އައްސޭރިފަށާއި ކައިރިވާނެކަމަށް ލަފާކުރެވޭކަމަށެވެ. މިކޮޅިގަނޑު އުފެދި، އަންނަމުންދާ ބަދަލުތައް ބަލަމުންދާކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

މީގެ އިތުރުން، ރާއްޖޭގެ އިރުދެކުނުން ދެކުނު އިންޑިއާ ކަނޑުގައިވެސް ކޮޅިގަނޑެއް އުފެދިފައިވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި މިމަހުގެ 3 ވާ ބުރާސްފަތި ދުވަހުން ފެށިގެން ހަފްތާ ބަންދު ތެރެއާއެކު ރާއްޖޭގެ ސަރަޙައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވެގެންދާނެކަމަށް ބެލެވޭކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

މިކަމާގުޅިިގެން ރާއްޖޭގެ މޫސުމަށް ފޯރާނެކަމަށް ބެލެވޭ އަސަރުތައް އެ އިދާރާއިން އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން، ނެރޭ ސަމާލު، އަދި އިންޒާރުގެ މެސެޖްތައް މެދުވެރިކޮށް އާންމުކުރަމުންދާނެކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި، ގުގުރުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި ދެކުނު ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.