ރިޕޯޓް

ލިޔެލާގެ ރީތި ފަރުމާކުރުންތައް ފެނިގެންދާ "ދަ ރުނބާ ރެސްޓޯރަންޓް"


ރެސްޓޯރަންޓްތަކާއި ކެފޭތަކުގެ ވިޔަފާރި ރާއްޖޭގައި ފުޅާވެގެން އައިސްފައިވާއިރު ތަނުގެ ފަރުމާކުރުން އެއްބަޔަކު އަނެއްބަޔަކަށްވުރެ ރީތި ކުރެވޭތޯ މަސައްކަތް ކުރެއެވެ. ފަރުމާގެ މަސައްކަތް ރީތިވި ވަރަކަށް އެތަނަށް އާއްމުންގެ ސަމާލުކަމާއި، ތަރުޙީބު ލިބޭ މިންވަރުވެސް އިތުރުވެގެންދެއެވެ. މިއާއެކު ވިޔަފާރީގައި އޮންނަ ވާދަވެރިކަންވެސް މިވަނީ އިތުރުވެފައެވެ.

މިދިޔަމަހުގެ 16 ވަނަ ދުވަހު ހުޅުމާލޭގައި ހުޅުވި "ދަ ރުނބާ ރެސްޓޯރަންޓް" އަކީ އާއްމުކޮށް މާލެއިން ފެންނަން ހުންނަ ރެސްޓޯރަންޓުތަކާއި ތަފާތު ގޮތަކަށް ފަރުމާ ކޮށްފައިވާ ތަނެކެވެ. ދިވެހިވަންތަ ގޮތަަށް ތައްޔާރުކޮށްފައިވާ މި ރެސްޓޯރެންޓުން އެންމެ ޚާއްސަކަމެއްގެގޮތުގައި ފެނިގެންދަނީ ލިޔެލާގެ ފަރުމާކުރުންތަކެވެ.

ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދައްކަމުން ރުނބާ ރެސްޓޯރަންޓުގެ ވެރިފަރާތް މާހު އަބޫބަކުރު ބުނ،ީ ލިޔެލާގެ ފަރުމާތައް ރެސްޓޯރަންޓުގައި ބޭނުންކޮށްފައިވަނީ އޭނާގެ ރަށް ތުޅާދޫ ތަމްސީލުކުރުމުގެ ގޮތުން ކަމަށެވެ.

"އަޅުގަނޑުމެންގެ ރަށަކީ ލިޔެލާޖެހުމަށް ވަރަށް މަޝްހޫރު ރަށެއް. އަޅުގަނޑުމެން ބޭނުންވަނީ ކާބަފައިންގެ މިމަސައްކަތް ދިރުވާ އާލާކުރަން. އަޅުގަނޑުމެން ބޭނުންވަނީ މި ކަން ރިވައިވް ކުރަން. އެގޮތަށް ބަލާފަ އަޅުގަނޑުމެން ހިތަށްއެރީ މިކަހަލަ ކޮންސެޕްޓަކަށޭ ރުނބާ ރެސްޓޯރަންޓު ފަރުމާކުރާނީ." މާހު ބުންޏެވެ.

މާހު ބުނި ގޮތުގައި ރެސްޓޯރަންޓުގެ ހުރިހާ މަސައްކަތެއް ނިންމާލުމަށް ގާތްގަނޑަކަށް ދެމަސް ދުވަސް ހޭދަވިއެވެ. އަދި އެތަނުގައި ކޮށްފައި ހުރި ހުރިހާ މަސައްކަތްތަކަަކީވެސް އަމިއްލައަށް ކޮށްފައިވާ މަސައްކަތް ކަމަށް އޭނާ ބުންޏެވެ. އެގޮތުން އެތަނުގެ ގޮނޑިއާއި މޭޒުން ފެށިގެން ހުރިހާ މަސައްކަތަކީވެސް އާއިލާއާއި ރައްޓެހިންގެ ބުރަ މަސައްކަތްތައްކަން އޭނާ ފާހަގަކޮށްފައިވެއެވެ.

ރުނބާ ރެސްޓޯރަންޓުގެ ފާރުތަކާއި މޭޒުތަކާއި މޭޒުމަތީގައި ހުރި ޝުގަރ ހޯލްޑަރސްފަދަ ތަކެއްޗާއި ދުފަން ބޭނުންކުރާ ތަބައްތަކުންވެސް ފެންނަން ހުރީ ލާފެންކޮށްފައިވާ ލިޔެލާގެ ރީތި ފަރުމާކުރުންތަކެވެ. ރެސްޓޯރަންޓުގެ ފަރުމާއެކޭ އެއްގޮތަށް އެތަނުން ލިބެން ހުންނަ ކެއުންތަކުގައިވެސް ދިވެހި ރަހަތައް އެކުލަވާލާފައިވެއެވެ. އަދި ދިވެހި ކެއުންތަކޭ އެއްގޮތަށް ބޭރުގެ ކެއުންތައްވެސް ލިބެން ހުންނާނެ ކަމަށް މާހު ވިދާޅުވިއެވެ.

"އެކި ވައްތަރުގެ ކާއެއްޗެހި ލިބޭނެ. ނަމަވެސް މިތަނުގެ އެންމެ ސްޕެޝަލް ޑިޝްއަކީ ރުނބާ ސުފުރާ. ސުފުރާއަކީ ދިވެހި ކެއުންތަކަށް ޚާއްސަކޮށްގެން އެކިވައްތަރުގެ ދިވެހި ކެއުން ލިބޭ ޑިޝްއެއް. މިތަނުގެ ހެދިކާތަކުގެ ތެރޭގައި އަޅުގަނޑުމެން އިންޓްރޮޑިއުސް ކޮށްފަ ވާނެ ތުޅާދޫއަށް ޚާއްސަ ރިހާކުރުފޮޅިވެސް" މާހު ބުންނެވެ.

މާހު ބުނި ގޮތުގައި އާއްމުންގެ ވަރަށް ބޮޑު ތަރުހީބެއް އެތަނަށް ލިބެއެވެ. އެގޮތުން ބައެއް ފަރާތްތަކުން ރުނބާ ރެސްޓޯރަންޓުގެ އޭސީ އޭރިޔާ ދުރާލައި ރިޒަވޭޝަން ހައްދައިގެން ބުކް ކުރަމުންދާ ކަމަށްވެސް މާހު ބުންޏެވެ.

ރެސްޓޯރަންޓުގެ މެނޫ ކޯވިޑް-19އާ ގުޅިގެން ކިޔު.އާރު ކޯޑު މެދުވެރިކޮށް ލިބޭނެ ގޮތްވެސް މިތަނުން ހަަމަޖައްސައި ދީފައިވެއެވެ.

އެހެން ރެސްޓޯރަންޓުތަކާއި ތަފާތު ކަމެއްގެ ގޮތުން މިތަނަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ޚާއްސަކޮށްް ލިޔެލާޖަހާފައިވާ ތަފާތު ތަކެތި ދައްކާލުމަށް ބަހައްޓާފައިވެއެވެ.

ރުނބާ ރެސްޓޯރެންޓުގެ ފޮޓޯތަކާއި، އެތަނުން ލިބެން ހުރި ކެއުންތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރުމާއެކު އެތަނަށް އާއްމުންގެ ބޮޑު ޝައުގުވެރިކަމެއް ވަނީ އުފެދިފައެވެ. އެގޮތުން މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނާއި، މިނިިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މައުސޫމްވެސް ވަނީ އެތަނަށް ޒިޔާރަތްކޮށް އެތަނުގެ ފަރުމާއަށާއި ކާއެއްޗެއްސަށް ތައުރީފުކޮށްފައިވެއެވެ.

މި ތަނަށް ލިބެމުންދާ ތަރުހީބަށް ބަލައި ކުރިޔަށް އޮތް ތަނުގައި ރުނބާ ރެސްޓޯރަންޓުގެ އިތުރު ތަނެއް ހުުޅުމާލެ ފޭސް 2 ގައި ހުޅުވުމަށް އުއްމީދުކުރަމުންދާ ކަމަަށް މާހު ބުންޏެވެ.