ދުނިޔެ

ސަޢުދީގެ ވައިގެ ސަރަޙައްދު ބޭނުންކުރުމުގެ ޙުއްދަ އިސްރާއީލަށް ދީފި


ޔޫއޭއީއަށް ދަތުރުކުރުމުގައި އިސްރާއީލުގެ މަތިންދާބޯޓުތަކުން ސަޢުދީ ޢަރަބިއްޔާގެ ވައިގެ ސަރަޙައްދު ހުރަސްކުރުމުގެ ޙުއްދަ އެ ޤައުމުން ދީފައިވާކަމަށް އެމެރިކާއިން ބުނެފިއެވެ. ސަޢުދީ ޢަރަބިއްޔާއިން އެގޮތަށް ނިންމާފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ އިސް މުޝީރު ޖެރެޑް ކުޝްނާއާއި ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުގެ އިސް ފަރާތްތަކާއި ދެމެދު ބޭއްވި މަޝްވަރާތަކަކަށް ފަހުގައެވެ.

ކުޝްނާ ސައުދީއަށް ކުރައްވާ ދަތުރުފުޅުގައި އޭނާއާއި އެކު އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ މަންދޫބުންކަމަށްވާ އާވީ ބާކޮވިޓްޒްއާޢި ބްރިއަން ހޫކް ބައިވެރިވެއެވެ. ސައުދީއަށް ވަޑައިގެންތާ މާގިނައިރުތަކެއް ނުވަނީސް ކުޝްނާއާއި އެނާގެ ވަފުދުންވަނީ އިސްރާއީލުގެ ބޯޓުތަކަށް ސަޢުދީ ޢަރަބިއްޔާގެ ވައިގެ ސަރަޙައްދުގައި ދަތުރުކުރުމާއި ގުޅޭގޮތުން ސަޢުދީގެ އިސް ފަރާތްތަކާއިއެކު މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރުމަށްފަހު އެމެރިކާއިން ބުނީ މަޝްވަރާގެ ނަތީޖާ ކާމިޔާބުކަމަށާއި މައްސަލައަށް ޙައްލެއް ހޯދިފައިވާކަމަށެވެ.

ސަޢުދީ ޢަރަބިއްޔާގެ ވައިގެ ސަރަޙައްދު ބޭނުންކުރުމުގެ ޙުއްދަ އިސްރާއީލަށް ދީފައިވަނީ އިސްރާއީލުން ޔޫއޭއީއަށް ފުރަތަމަ ކުރާ ކޮމާޝަލް ދަތުރު ފެށުމަށް ހަމަޖެހިފައިވާ ވަގުތުގެ މަދު ގަޑިއިރުކޮޅެއްގެ ކުރިންނެވެ. ސަޢުދީ ޢަރަބިއްޔާގެ މަތިން ދަތުރުކުރުމުގެ ޙުއްދަ ނުލިބުނުނަމަ އެ ދަތުރު ކެންސަން ކުރަން ޖެހޭނެކަމަށް އޮތީ ބެލެވިފައެވެ.

އެމެރިކާގެ ފަރާތުން ވާހަކަދެއްކެވި އޮފިޝަލް ވިދާޅުވީ ސަޢުދީ ޢަރަބިއްޔާގެ ވައިގެ ސަރަޙައްދު ބޭނުންކުރުމުގެ ޙުއްދަ ލިބުމުން އިސްރާއީލުގެ މަތިންދާބޯޓުތަކުގައި އިސްރާއީލާއި ޔޫއޭއީއާއި ދެމެދު ކުރާ ދަތުރުތަކުގައާއި އިސްރާއީލާއި ބަހުރައިނާއި ދެމެދު ކުރާ ދަތުރުތަކުގައި ދިމާވެދާނެ ހުރިހާ މައްސަލައެއް ޙައްލުވެފައިވާކަމަށެވެ.

އެމެރިކާ މެދުވެރިވެ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޔޫއޭއީއިންވަނީ އިސްރާއީލާއެކު ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އޭގެ ފަހުން ބަހުރައިނުންވެސްވަނީ އިސްރާއީލާއިއެކު ގުޅުން ބަދަހުކުރުމަށް އެއްބަސްވެފައެވެ. އެމެރިކާއިން އިސް ދައުރެއް އަދާކޮށް އެކުލަވާލާފައިވާ އެ އެއްބަސްވުންތަކުގެ ބޭނުމަކީ މެދުއިރުމަތީގެ ޤައުމުތަކާއިއެކު އީރާނާއި ދެކޮޅަށް މަސައްކަތްކުރުންކަމަށް ބެލެވެއެވެ. އެ ދެ ޤައުމުން އިސްރާއީލާއިއެކު ގުޅުން ބަދަހިކުރުމުން ފަލަސްޠީނުގެ ރައްޔިތުންވަނީ އޭގެ ސަބަބުން މިނިވަން ދަޢުލަތެއް ޤާއިމްކުރުމަށް އެ ޤައުމުން ކުރަމުންދާ މަސައްކަތަށް ހުރަސްއެޅޭކަމަށް ބުނެ އެކަމާއި ނުރުހުން ފައުޅުކޮށްފައެވެ. އިސްރާއީލާއި ޔޫއޭއީއާއި ދެމެދު ސީދާ ދަތުރުތައް ފެށުމަކީ ދެ ޤައުމުގެ ދެމެދުގައި ޤާއިމްކޮށްފައިވާ ގުޅުންބަދަހިކުރުމުގެ އެއްބަސްވުމުގެ ނަތީޖާއެކެވެ.

ކުޝްނާއާއި އޭނާގެ ވަފުދު ސަޢުދީ ޢަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅުގައި އެ ޤައުމުގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނާއި ކުވައިތުގެ އަމީރާއި ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. ކުޝްނާގެ ދަތުރުފުޅުގެ މައިގަނޑު އެއް މަޤުސަދަކީ ތިން އަހަރަށްވުރެ ގިނަ ދުވަހަށް ދެމިގެންގޮސްފައިވާ ގަލްފުގެ މައްސަލައަށް ޙައްލެއް ހޯދުމެވެ.