ވިޔަފާރި

އޮޅުވާލައިގެން އިންކަމް ސަޕޯޓް އެލަވަންސަށް އެދޭ މައްސަލަ ފުލުހަށް ހުށައަޅައިފި


ދޮގުހަދައިގެން ބައެއް މީހުން އިންކަމް ސަޕޯޓް އެލަވަންސް ހޯދަން އެދޭ ކަމަށް ޝައްކުކުރެވޭތީ އެކަން ބަލައިދިނުމަށް ޖޮބް ސެންޓަރުން މޯލްޑިވްސް ޕޮލިސްއަށް ހުށައަޅައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އިންކަމް ސަޕޯޓް ޕްރޮޖެކްޓުގެ ޑިރެކްޓަރު ޝުހާދު އިބްރާހީމް ވިދާޅުވީ، ވަޒީފާ އަދާކުރާ މީހުންނާއި އަމިއްލަ މަސައްކަތް ކުރާ މީހުންގެ ކެޓަގަރީންވެސް ބައެއް މީހުން ދޮގު މައުލޫމާތު ހުށައަޅާފައިވާ ކަމަށް ބެލެވޭކަމަށެވެ.

ދޮގު މައުލޫމާތު ހުށައަޅާފައިވާކަމަށް ބެލެވޭ މީހުންގެ މައްސަލަތައް ތަހުގީގުކޮށް ނިމެންދެން އެ މީހަކަށް ދޭން ޖެހޭ އެލަވަންސް އެ ސެންޓަރުން ވަނީ މަޑުޖައްސާލާފައެވެ. ޝުހާދު ވިދާޅުވީ އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައިވާ ފަރާތަކުން ދޮގު މައުލޫމާތު ފޯރުކޮށްގެން އެލަވަންސް ހޯދާފައިވާނަމަ އެ ފައިސާ އަނބުރާ ދައްކަންޖެހޭނެކަމަށާއި ނޫންނަމަ ޤާނޫނީގޮތުން އެމީހަކާއިމެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށެވެ.

އެލަވަންސް ދޫކުރަން ފެށިއިރު އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރަމުން އައީ ކައުންސިލް މެދުވެރިކޮށެވެ. ނަމަވެސް މިހާރު އެމީހުންގެ އެޕްލިކޭޝަންތައްވެސް އެޕްރޫވް ކުރަނީ ޖޮބް ސެންޓަރުންނެވެ.

އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައިވާ މީހުންގެ ނިސްބަތަށް ބަލާއިރު ދޮގު މައުލޫމާތު ދީފައިވާ ކަމަށް ފާހަގަކުރެވެނީ ވަރަށް މަދު އަދަދެއްގެ ބައެއްކަމަށް އެ ސެންޓަރުން މައުލޫމާތުދެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 11،072 މީހަކަށް 129.2 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.