ދުނިޔެ

ސައިންސްވެރިޔާ މަރާ ގުޅިގެން ނިއުކުލިއާ މަރުކަޒުތައް ފާސްކުރުން ހުއްޓާލުމަށް ގޮވާލައިފި


އީރާނުގެ އެންމެ އިސް ނިއުކުލިއާ ސައިންސްވެރިޔާ މަރާލުމާއި ގުޅިގެން ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން އެ ޤައުމުގެ ނިއުކުލިއާ މަރުކަޒުތައް ފާސްކުރުން ހުއްޓާލުމަށް އީރާނުގެ ޤާނޫނު ހަދާ މަޖިލީހުން ގޮވައިލައިފިއެވެ.

އީރާނުގެ ނިއުކްލިއަރ ޕްރޮގުރާމުގެ މޭސްތެރިއެއްކަމަށް ހުޅަނގުގެ ޤައުމުތަކުން ޤަބޫލުކުރާ މުޙްސިން ފަޚްރިޒާދީއަށް ޙަމަލާދީ މަރާލާފައިވަނީ ނޮވެމްބަރު މަހުގެ 27ވަނަ ދުވަހުގައި އީރާނުގެ ވެރިރަށް ތެހުރާނުގައެވެ. އޭނާ މަރުވީ ދަތުރުކުރަމުންދިޔަ ކާރަށް ބަޑިން ޙަމަލާދިނުމުން ލިބުނު ޒަޚަމްތަކަށް ހަސްފަތާލުގައި ފަރުވާދެމުން ދަނިކޮށެވެ. އީރާނުންވަނީ އެ ޙަމަލާ ދިނީ އިސްރާއީލުންކަމަށާއި އެ ޢަމަލު ހިންގާފައިވަނީ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ ރުހުމުގައިކަމަށް ތުހުމަތުކޮށްފައެވެ.

ޤާނޫނުހަދާ މަޖިލީހުގެ ހުރިހާ މެންބަރުން ސޮއިކޮށް ނެރެފައިވާ ބަޔާނެއްގައި ބުނީ މުޙްޞިން ފަޚްރިޒާދީ މަރާލުމުގައި އިސްރާއީލުންގެ އަތެއްވާކަމަށެވެ. އެ ބަޔާނުގައި ބުނީ އީރާނާއި ދެކޮޅަށް އެފަދަ ޙާމަލާއެއް ދިނުމަށް އިސްރާއީލަށް ކެރުނީ އީރާނަކީ އެހެން ޤައުމުތަކުން 'ޤަބޫލުކުރާ' ޤައުމަކަށް ހެދޭނީ ހުޅަނގުގެ ޤައުމުތަކާއިއެކު މަސައްކަތްކޮށް މަޝްވަރާކުރުމުންކަމަށް ޤަބޫލުކޮށް ސަރުކާރުގެ ބައެއް ފަރާތްތަކުން ގެންގުޅުއްވާ ވިސްނުމުގެ ސަބަބުންކަމަށެވެ. އެ ވިސްނުމަކީ ވަރަށް ނުރައްކާތެރި ފިކުރެއްކަމަށާއި އޭގެ ސަބަބުން ޤައުމަށް ޙަމަލާ ދިނުމަށް އަދުއްވުންނަށް ހިތްވަރުލިބޭކަމަށް ފާހަގަކޮށް، އެ ވިސްނުމަށް އީރާނުން ހިތްވަރުދީގެން ނުވާނެކަމަށް ބަޔާނުގައިވަނީ ބުނެފައެވެ.

އޭގެ އިތުރުން އެ މަޖިލީހުގެ މެންބަރުންވަނީ ބޭރުގެ ފަރާތްތަކުން އީރާނަށް ބާރުދެއްކުމަށް ކުރަމުންދާ މަސައްކަތާއި ދެކޮޅަށް ރައްދުދޭންޖެހޭ ކަމަށާއި އެކަން އެންމެ ރަނގަޅަށް ކުރެވެންއޮތީ އެ ޤައުމުގެ ނިއުކުލިއާ ޙަރަކާތް އަލުން އިޢާދަކޮށްގެންކަމަށް ބުނެފައެވެ. އެ އަމާޒު ހާޞިލްކުރެވޭނީ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ)އިން އެ ޤައުމުގެ ނިއުކުލިއާ މަރުކަޒުތައް ފާސްކުރުން ހުއްޓުމަކަށް ގެނެސްގެންކަމަށް އެ ބަޔާނުގައިވަނީ ބުނެފައެވެ.

2015ވަނަ އަހަރު ދުނިޔޭގެ ހަ ބާރާއި އެކު އީރާނުންވަނީ ނިއުކުލިއާ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން އީރާނުގެ ނިއުކުލިއާ މަސައްކަތްތައް މަދުކުރުމުގެ ބަދަލެއްގެ ގޮތުން އެ ޤައުމާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށްވަނީ އެއްބަސްވެފައެވެ. އަދި އައިއޭއީއޭގެ އިންސްޕެކްޓަރުންނަށް އީރާނުގެ ނިއުކުލިއާ މަރުކަޒުތައް ފާސްކުރުމުގެ ޙުއްދަ ލިބިދެއެވެ.

ޤާނޫނު ހަދާ މަޖިލީހުގެ ބަޔާނުގެ ސަބަބުން ޤާނޫނީ ގޮތުން އެއްވެސް ކަމެއް ތަންފީޒުކުރުމަށް އީރާނުގެ ސަރުކާރަށްވެސް އަދި އެ ޤައުމުގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަނަކަށްވެސް ނުޖެހޭނެއެވެ. ޤަނޫނު ހަދާ މަޖިލީހުންދަނީ އެކަން ބަދަލުކުރުމަށް ބިލެއް ތައްޔާރުކުރަމުންނެވެ. އެ ބިލުގެ ދަށުން ޤަނޫނު ހަދާ މަޖިލީހުގެ ބަޔާނުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކުރުން ލާމިޒްކުރާނެއެވެ.

އަދި އަހަރަކު މަދުވެގެން 20 އިންސައްތައަށް ފައްކާކޮށްފައިވާ 120 ކިލޯގުރާމުގެ ޔުރޭނިއަމް އުފައްދާ، ޔުރޭނިއަމް ފައްކާކުރާ މަރުކަޒެއްކަމަށްވާ ފޯފޮވް ޕްލާންޓުގެ މަސައްކަތްތައް އިތުރުކޮށް ނިއުކުލިއާ މަސައްކަތަށް ބޭނުންކުރާ ސެންޓް ރިފިއުޖްގެ ޢަދަދު އިތުރުކުރުމަށްވަނީ ހުށަހަޅާފައެވެ.

އެ ބިލުގެ ބޭނުމަކީ ނިއުކުލިއާ އެއްބަސްވުމުން ވަކިވެފައިވާ އެމެރިކާ ނުހިމެނޭގޮތަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ހުރިހާ ޤައުމުތަކުންވެސް އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކުރާކަން ޔަޤީންކުރުމާއި އެ އެއްބަސްވުމުގެ ދަށުން އީރާނަށް ލިބެންޖެހޭ އިޤްތިޞާދީ މަންފާ ލިބޭނެކަން ޔަޤީންކުރުންކަމަށް ބިލުގައިވަނީ ބުނެފައެވެ.