ވިޔަފާރި

"ރަން ދިހަ ފަހެއް" ނޫޓް ސީރީޒް ނެރުން - ނޮވެމްބަރު އެކެއްގައި


މިމަހުގެ 5 ވަނަ ދުވަހު އިފްތިތާޙް ކުރުމަށް ހަމަޖެހިފައިވާ ދިވެހި ރުފިޔާގެ އައު ނޫޓާއި ފައިނޭންޝަލް އެކްސްޕޯ އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމް.އެމް.އޭއިން ނިންމައިފިއެވެ. އެ އޮތޯރިޓީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ "ރަން ދިހަ ފަހެއް " ނޫޓް ސީރީޒް އިފްތިތާޙް ކުރުން އަންނަ ނޮވެމްބަރު މަހު 1 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާކަމަށާއި، ފައިނޭންޝަލް އެކްސްޕޯ ނޮވެމްބަރު މަހުގެ 2 ގައި ބޭއްވުމަށް އެއޮތޯރިޓީން މިހާރު ނިންމާފައިވާކަމަށެވެ. ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އެމް.އެމް.އޭއިން ހާމަކޮށްފައެއްނުވެއެވެ. އަލަށް ނެރޭ ނޫޓް ސީރީޒްއަކީ އެންމެ ޒަމާނީ ސަލާމަތީ ސިފަތައް ބޭނުންކޮށްގެން، ޕޮލިމާ ގައި ޗާޕްކޮށްގެން ނެރުމަށް ހަމަޖެހިފައިވާ ނޫޓްތަކެއްކަމަށް އެމް.އެމް.އޭއިން މައުލޫމާތުދެއެވެ. އާ ނޫޓް ސީރީޒް ގައި ހިމެނެނީ 10، 20، 50، 100، 500 އަދި 1000 ގެ ނޫޓްތަކެކެވެ.ފައިނޭންޝަލް އެކްސްޕޯގައި ރަންދިހަ ފަހެއް ނޫޓް ސީރީޒް އާއި ރާއްޖޭގައި އެކި ދުވަސްވަރު ބޭނުންކުރި ފައިސާ ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. އެ އެކްސްޕޯ ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތީ އަންނަ މަހުގެ 5 އިން 6 އަށެވެ.