ޚަބަރު

ނިއުކްލިއަރ ސައިންސުވެރިޔާ މަރާލުމުގެ ބަދަލުހިފާނަން: އީރާން


އީރާނުގެ އެންމެ އިސް ނިއުކްލިއަރ ސައިންސުވެރިޔާ މަރާލުމާއި ގުޅިގެން އޭގެ ބަދަލު ހިފާނެކަމަށް އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ ޢަލީ ޚާމަނާއީ ވިދާޅުވެއްޖެއެވެ. އެއާއިއެކު އިސްރާއީލާއި ހުޅަނގުގެ ޤައުމަތަކާއި އީރާނާއި މެދުގައި އޮތް ނުތަނަވަސް ގުޅުން އިތުރަށް ގޯސްވުމުގެ ފުރުޞަތުވަނީ ބޮޑުވެފައެވެ.

އީރާނުގެ ނިއުކްލިއަރ ޕްރޮގުރާމުގެ މޭސްތެރިއެއްކަމަށް ހުޅަނގުގެ ޤައުމުތަކުން ޤަބޫލުކުރާ މުޙްސިން ފަޚްރިޒާދީއަށް ޙަމަލާދީ މަރާލާފައިވަނީ ނޮވެމްބަރު މަހުގެ 27ވަނަ ދުވަހުގައި އީރާނުގެ ވެރިރަށް ތެހުރާނުގައެވެ. އޭނާ މަރުވީ ދަތުރުކުރަމުންދިޔަ ކާރަށް ބަޑިން ޙަމަލާދިނުމުން ލިބުނު ޒަޚަމްތަކަށް ހަސްފަތާލުގައި ފަރުވާދެމުން ދަނިކޮށެވެ. އީރާނުންވަނީ އެ ޙަމަލާ ދިނީ އިސްރާއީލުންކަމަށާއި އެ ޢަމަލު ހިންގާފައިވަނީ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ ރުހުމުގައިކަމަށް ތުހުމަތުކޮށްފައެވެ.

ޚާމަނާއީވަނީ ފަޚްރިޒާދީގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ. ޓްވީޓާގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ ފަޚްރިޒާދީ ގަތުލްކޮށްލި މައްސަލަ އީރާނުގެ އޮފިޝަލުން ތަހުގީގުކޮށް، އޭނާ މަރާލުމުގައި ބައިވެރިވި މީހުންނަށާއި އެގޮތަށް ޢަމަލުކުރުމަށް އިރުޝާދުދިން މީހުންނަށް ހައްޤު ޢަދަބު ދޭންޖެހޭކަމަށެވެ.

އީރާނުގެ ރައީސް ޙަސަން ރޫޙާނީ ވަޒީރުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ވިދާޅުވީ އެންމެ ރަނގަޅު ވަގުތުގައި ފަޚްރިޒާދީ މަރާލުމާއިމެދު އީރާނުން ޖަވާބުދޭނެކަމަށެވެ. އިސްރާއިލަށް ޒަޔަނިސްޓުންގެ ގޮތުގައި މުޚާތަބުކުރައްވާ އޭނާ ވިދާޅުވީ އީރާނުގެ ދަރިއެއްގެ ލެއިން އިސްރާއީލުގެ ރަހުމުކުޑަ އަނިޔާވެރިންގެ އަތްތައް ތަތްތެޅިފައިވާކަމަށެވެ.

ފަޚްރިޒާދީ މަރާލުމާއި ގުޅޭގޮތުން އިސްރާއީލުންވެސް އަދި އެމެރިކާއިންވެސް ބަހެއް ބުނެފައެއް ނުވެއެވެ. އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަންގެ އިންތިޤާލީ ވަފުދުންވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ދުނިޔޭގެ ބާރުތަކާއިއެކު 2015ވަނަ އަހަރު އީރާނުންވީ ނިއުކުލިއާ އެއްބަސްވުން، ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) މުއާހަދާގެ ދަށުން އީރާނުގެ ނިއުކުލިއާ ޙަރަކާތްތައް މަދުކުރުމުގެ ބަދަލެއްގެ ގޮތުގައި އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމަށްވަނީ ނިންމާފައެވެ. ނަމަވެސް ނިއުކްލިއަރ އެއްބަސްވުމުގައި ބައިވެރިވެފައިވާ އެމެރިކާއިންވަނީ 2018ވަނަ އަހަރުގެ މެއި މަހުގައި އެ އެއްބަސްވުމުން ވަކިވެ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ.

ފަޚްރިޒާދީ މަރާލުމުގެ ކުރިން ރައީސް ޑޮނަލްޑް ޓްރަންޕުގެ ދައުރުގެ ކުރިން އެމެރިކާއާއި އީރާނާއި ދެމެދުގައި އޮތް ރަނގަޅު ގުޅުމަށް އަލުން އަނބުރާ ރުޖޫޢަކުރެވޭނެކަމަށް އީރާނުގެ ރައީސް ޙަސަން ރޫޙާނީވަނީ ވިދާޅުވެފައެވެ. ނަމަވެސް އިންތިޚާބީ ރައީސް ޖަނަވަރީ މަހުގެ 29ވަނަ ދުވަހުގައި ވެރިކަމާއި ޙަވާލުވެވަޑައިގަތުމުން އަލުން ނިއުކްލިއަރ އެއްބަސްވުމުގައި އެމެރިކާއިން ބައިވެރިވުމަށް ދެން އުނދަގޫވާނެކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުންދަނީ ބުނަމުންނެވެ. ފަޚްރިޒާދީ މަރާލުމާއިއެކު އެމެރިކާގެ ރައީސްކަމަށް އަލަށް އިންތިޚާބުވެފައިވާ ޖޯ ބައިޑަންގެ ވެރިކަމުގައިވެސް އެމެރިކާއާއި އީރާނާއި ދެމެދު އޮތް ގުޅުން ރަނގަޅުކުރުމަށްވަނީ ހިޔަނިއެޅިފައެވެ.