ވިޔަފާރި

ވޯލްޓް ޑިޒްނީގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ވަކި ކުރަނީ


ވޯލްޓް ޑިޒްނީ ކުންފުނީގައި މަސައްކަތްކުރާ 32،000 މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް އެކުންފުނިން ނިންމައިފިއެވެ. މިއީ ކުރިން އެކުންފުނިން އިޢުލާން ކޮށްފައިވާ 28،000 މުވައްޒަފުންނަށްވުރެ 4000 އިތުރު އަދަދެކެވެ.

މިއީ ކޯވިޑް-19 އާއި ގުޅިގެން އެކުންފުނީގެ ވިޔަފާރިއަށް ވަމުންދާ ގެއްލުންތަކާއި ގުޅިގެން އަޅަން ނިންމާފައިވާ ފިޔަވަޅެއް ކަމަށް ޑިޒްނީ ކުންފުނިން ހާމަކުރެއެވެ.

ޑިޒްނީއިން ދަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި އެކުންފުނީގެ ވިޔަފާރި ހިންގަމުންނެވެ. ޑިޒްނީ ކުންފުނީގައި ގާތްގަނޑަކަށް 223،000 މުވައްޒަފުން މަސައްކަތްކުރެއެވެ.

ޑިޒްނީގެ އެއް ވިޔަފާރި ކަމަށްވާ ޑިޒްނީ ޕާކުތަކުގެ ވިޔަފާރިވަނީ ކޯވިޑް-19 އާއި ގުޅިގެން ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މި ޕާކުތަކުގައި އެމެރިކާގެ 100،000 ވުރެ ގިނަ މީހުން މަސައްކަތްކުރެއެެވެ.

އަދި ކޯވިޑާއި ގުޅިގެން ކުރޫޒް ޝިފްގެ ދަތުރުތައް ފަސްކޮށް، އެކުންފުނިން މިއަހަރު ފެށުމަށް ކުރިން ރާވާފައިވާ ފިލްމްވެސް ވަނީ ފަސްކޮށްފައެވެ.

ޑިޒްނީއިން މިއަހަރު ނެރުމަށް ކުރިން ހަމަޖެހިފައިވާ ފިލްމް ' ބްލެކް ވިޑޯ' އަކީ މިއަހަރުގެ އެންމެ ބޮޑެތި ފިލްމްތަކުގެ ތެރޭގައިވެސް ހިމެނޭ ފިލްމެކެވެ. ޑިޒްނީއިން އެމެރިކާ، އޭޝިއާ އަދި ޔޫރަޕްގައި ހިންގާ 12 ޑިޒްނީ ޕާކެއް ވަނީ މިއަހަރުގެ މާރޗު މަހާއި މޭމަހުގެ ތެރޭގައި ބަންދުކޮށްފައެވެ. ޗައިނާގެ ޝަންގްހާއީ އާއި އެމެރިކާގެ ފްލޮރިޑާގައި ހިންގާ ޑިސްނީ ޕާކުތައް މިހާރުވަނީ ހުޅުވާފައެވެ. އެހެން ނަމަވެސް ކެލިފޯނިއާގައި ޑިޒްނީއިން ހިންގާ ޕާކު މިއަހަރުގެ ނިޔަލަށް ބަންދުކޮށްފައި ބެހެއްޓުމަށް އެކުންފުނިން ވަނީ ނިންމާފައެވެ.

ޑިޒްނީގެ މައިގަނޑު ވިޔަފާރިތައް ހުއްޓުމަކަށް އައުމާއި އެކު ކުންފުންޏަށް ވަނީ މާލީ ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހިފައެވެ.