ޚަބަރު

އޮޑިޓް 360 ސަމިޓް: ހަރުދަނާ ނިޒާމަކަށް މުހިންމު ފުރުސަތެއް


  • މިއީ އިންޓާނަލް އޮޑިޓް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ އަހަރީ ސަމިޓެއް

  • ސަމިޓު އޮންނާނީ އަންނަ މަހުގެ 6ގައި

އިންޓާނަލް އޮޑިޓް 360 ޑިގްރީ ސަމިޓަކީ ހަރުދަނާ އިންޓާނަލް އޮޑިޓް ނިޒާމެއް ބިނާކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ލިބިގެންދާނެ މުހިންމު ފުރުޞަތެއް ކަމަށް އިންޓަރނަލް އޮޑިޓް އެސޯސިއޭޝަނުން ވިދާޅުވެއްޖެއެވެ.

މިއީ އިންޓާނަލް އޮޑިޓް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ އަހަރީ ސަމިޓެކެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިންޓަރނަލް އޮޑިޓް އެސޯސިއޭޝަންގެ ކޯ-ފައުންޑަރ އަދި އެކްސްކޯ މެމްބަރު މުޙައްމަދު ޝިފާޒު މޫސާ ވިދާޅުވީ، މިއީ ހަމައެކަނި އިންޓަރނަލް އޮޑިޓަރުންނަށް ޚާއްސަ ސަމިޓެއް ނޫން ކަމަށާއި، މެނޭޖްމަންޓާއި މާލީ ދާއިރާ އަދި ކޮމިޓީތަކާއި ބޯޑުތަކުގެ ބޭފުޅުންވެސް ހިމެނޭހެން ހުރިހާ ދާއިރާއެއް ވަށައިޖެހޭ ގޮތަށް ބާއްވާ ސަމިޓެއް ކަމަށެވެ. އެގޮތުން މި ސަމިޓަށް "360 ޑިގްރީ" ނަމުން ނަންދީފައިވަނީވެސް އެސަބަބައްޓަކައި ކަމަށް ޝިފާޒު ފާހަގަކުރެއްވިއެވެ.

މިއީ މި ސަމިޓު ބާއްވާ ދެވަނަ ފަހަރުކަން ފާހަަގަކުރައްވާ ޝިފާޒު ވަނީ ފުރަތަމަ ސަމިޓުގެ ކާމިޔާބީވެސް ފާހަގަކުރައްވާފައެވެ. އަދި މިއަހަރު ގާތްގަނޑަކަށް 100 މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވޭ ކަމަށް ޝިފާޒު ވިދާޅުވިއެވެ.

"މިއަހަރު މި ސަމިޓު ބާއްވަން ބަލާއިރުގައި މިދިޔަ އަހަރުގެ ސަމިޓަށްވުރެވެސް ފުޅާކޮށް އަޅުގަނޑުމެން މިއަހަރުގެ ސަމިޓު ބޭއްވުމަށް މި މަސައްކަތްކުރަމުންދަނީ. މިދިޔަ އަހަރުގެ ސަމިޓު އަޅުގަނޑުމެން ޓާގެޓްކުރީ 60 ބޭފުޅުންގެ ޖާގައަކަށް. އެޖާގަ ވަރަށް އަވަހަށް ފުރިގެންދިޔަ. އަދި ވީހާވެސް ގިނަ ބަޔަކަސް ފުރުސަތު ދިނުމުގެ ގޮތުން ވެނިއުގެ ކެޕޭސިޓީ ހުރިގޮތަކުން އިތުރު ފަރާތްތަކަށް ޖާގަވެސް ދިނިން." އެކްސްކޯ މެމްބަރު މުހައްމަދު ޝިފާޒު މޫސާ ވިދާޅުވިއެވެ.

މި އަހަރުގެ ތީމާ ގުޅޭގޮތުން އެސޯސިއޭޝަންގެ ފައުންޑިންގ ޗެއަރޕާސަން އަދި ވައިސް ޗެއަރޕާސަން ހަސަން އަކުރަމް މުހައްމަދު ވިދާޅުވީ، މުސްތަޤްބަލަށް ތައްޔާރުވެފައިވާ އިންޓަރނަލް އޮޑިޓް ނިޒާމެއް ބިނާކުރުމަކީ ހަމައެކަނި ޓެކްނޮލޮޖީއާއި އޭއައިއާ ގުޅުންހުރި ކަމެއް ނޫން ކަމަށެވެ. މީގެ އިތުރުން ލީޑަރޝިޕާއި، މުޢާމަލާތުކުރުމާއި، ގުޅުންތައް ބެލެހެއްޓުން ފަދަ ގިނަ ހުނަރުތަކެއް މީގެ ތެރޭގައި ހިމެނޭކަން އަކުރަމް ފާހަގަކުރެއްވިއެވެ.

އަކުރަމް ވިދާޅުވީ، މި ސަމިޓުގައި ބައިވެރިވުމުގެ ފުރުޞަތު ދެ މަސް ކުރިން ހުޅުވާލާފައިވާއިރު، މިހާތަނަށް ސަރުކާރާއި އަމިއްލަ ކުންފުނިތަކާއި، ވުޒާރާތަކާއި، އެންޖީއޯތައް ހިމެނޭގޮތަށް ވަރަށް ގިނަ މުއައްސަސާތަކުން ރަޖިސްޓްރީވެފައިވާ ކަމަށެވެ. އަދި ސަމިޓްގެ ޖާގަ ފުރެން ކައިރިވެފައިވީ ނަމަވެސް، އަދިވެސް އިތުރު ފަރާތްތަކަށް ޖަމްޢިއްޔާގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރުވެސް ލިބިގެންދާނެ ކަމަށް އަކުރަމް ވިދާޅުވިއެވެ.

މިއަހަރުގެ ސަމިޓުގައި ބައިވެރިނުވެނުނު ނަމަވެސް އޮޑިޓް އެސޯސިއޭޝަންގެ މެމްބަރަކަށްވުމުގެ ފުރުޞަތު އަބަދުވެސް ހުޅުވާލާފައިވާނެ ކަމަށާއި، އެގޮތުން ވެބްސައިޓު މެދުވެރިކޮށް މި ޖަމްޢިއްޔާއަށް ވަދެވޭއިރު، ޖަމްޢިއްޔާގެ މެމްްބަރަކަށް ވުމަކީ އޭގެ ސަބަބުން މި ދާއިރާ އިތުރު ހަރުފަތަކަށް ގެންދިއުމަށް ގުޅިގެން މަސައްކަތްކުރުމަށް ލިބިގެންދާނެ އިތުރު ބާރަކަށް ވެގެންދާނެ ކަމަށްވެސް އިންޓަރނަލް އޮޑިޓް އެސޯސިއޭޝަނުން ވިދާޅުވިއެވެ.

އިންޓާނަލް އޮޑިޓް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ކަމާގުޅުންހުރި އެކި ދާއިރާތައް އެއްތަނަކަށް ގެނެސްގެން ބާއްވާ 'އިންޓާނަލް އޮޑިޓް 360 ޑިގްރީ ސަމިޓް' މިއަހަރު ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަނީ ފަށާފައެވެ. 'ފިއުޗަރ-ރެޑީ އިންޓަރނަލް އޮޑިޓް' ގެ ތީމްގެ ދަށުން މިއަހަރުގެ ސަމިޓު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 6ވަނަ ދުވަހުއެވެ.