މުނިފޫހިފިލުވުން

ކެޓްރީނާގެ މި ފޮޓޯތަކަށް އެތައް ބައެއްގެ ސަމާލުކަން


ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް މިވަގުތު ހުރީ ރާއްޖޭގައެވެ.

ކެޓްރީނާއާއި އޭނާގެ ޓީމު ރާއްޖެއަށް އައިސްފައިވަނީ ފޮޓޯ ޝޫޓަކަށެވެ. ރިސޯޓެއްގެ ގޮނޑުދޮށުގައި ނަގާފައިވާ ފޮޓޯތަކެއް ކެޓްރީނާ އޭނާގެ އިންސްޓަގްރާމުގައި ހިއްސާކޮށްފައިވާއިރު، މި ފޮޓޯތަކުން ރާއްޖޭގެ ހިތްގައިމުކަމާއި ނޫ ކަން ގަދަ އުނޑާއި މޫދު ފެނިގެންދެއެވެ. ފޮޓޯތަކާއެކު ކެޕްޝަންގައި ކެޓްރީނާ ބުނެފައިވަނީ ރާއްޖެއަށް ފޮޓޯޝޫޓަކަށް އައުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ކަމަށެވެ. އަދި "ލަވް މައި ޖޮބް" އާއި "ގްރޭޓްފުލް" ހޭޝްޓެގް ބޭނުންކޮށްފައިވެއެވެ.

މި ފޮޓޯތައް މިހާރު ސޯޝަލް މީޑިއާގައި ދަނީ ވައިރަލްވަމުންނެވެ. ފޮޓޯތައް ކެޓްރީނާ އިންސްޓަގްރާމަށް ދޫކޮށްލުމުން، އިންޑިއާގެ މީޑިއާތަކުގެ ސަމާލުކަމަށްވެސް މިކަންވަނީ އައިސްފައެވެ.

ބޮލީވުޑްގެ އެންމެ ނަން މަޝްހޫރު ސެލެބްރިޓީންގެ ތެރޭގައި ހިމެނޭ އުމުރުން 37 އަހަރުގެ ކެޓްރީނާ ވަނީ މީގެކުރިންވެސް އެކި ފަހަރުމަތިން ޗުއްޓީ ހޭދަކޮށްލުމަށާއި، ފޮޓޯ ޝޫޓްތަކަށް ރާއްޖެއައިސްފައެވެ. ކެޓްރީނާވަނީ ސަލްމާން ޚާނާއެކު ރާއްޖޭގެ ރިސޯޓެއްގައި ލަވައެއްވެސް މީގެ ކުރިން ޝޫޓްކޮށްފައެވެ. އެއީ 2005 ވަނަ އަހަރު ނެރުނު "މޭނޭ ޕިޔާރު ކިއު ކިޔާ"ގެ "ޔޭ ލަޅްކީ" ލަވައެވެ.

2003 ވަނަ އަހަރު ބޮލީވުޑަށް ތަޢާރަފުވި ކެޓްރީނާ އެންމެފަހުން ފެނިގެންގޮސްފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމް "ބާރަތު" އިންނެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ އަކްޝޭ ކުމާރާއެކު ލީޑް ރޯލުން ފެނިގެންދާ "ސޫރިޔަވަންޝީ" އެވެ. މި ފިލްމް ރިލީޒްކުރާނެކަމަށް ބެލެވެނީ އަންނަ އަހަރުގެ ކުރީކޮޅެވެ. މީގެ އިތުރުންވެސް ކެޓްރީނާގެ ކުރިއަށްހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި އިޝާން ޚައްތަރާއި ސިދާންތު ޗަތުރަވެދީއާއެކު ބިރުވެރި އަދި ހެއްވާ މަޖާ ކަންތައްތަކެއް ގެނެސްދޭ "ފޯން ބޫތު"އާއި، އައްބާސް ޒަފަރު ޑައިރެކްޓްކޮށްފައިވާ ސުޕަހީރޯ ފިލްމުގެ މަސައްކަތް ހިމެނެއެވެ.