ޚަބަރު

މާމެންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ޝުކޫރު މަޤާމުން އިސްތިއުފާ ދެއްވައިފި

ގއ.މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރުގެ ސުލޫކީ މައްސަލަތަކެއް ބަލައި އޭނާ މަޤާމުން ވަކިކުރަން ނިންމާފައި ވަނިކޮށް މިއަދު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ވިދާޅުވީ މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރުގެ މައްސަލަ ޖޭއެސީން ބަލައި މަޤާމުން ވަކިކުރުމަށް މަޖިލީހަށް ފޮނުވާފައިވަނިކޮށް މިއަދު އިސްތިއުފާ ދެއްވާފައިވަކަމަށެވެ. ޝުކޫރުގެ މައްޗަށް ތަޙްޤީޤުކުރަމުންދާ މައްސަލަތަކުގެ ތެރޭގައި 2018 ވަނަ އަހަރުގެ އޭޕްރީލް މަހު ކޯޓަށް ހުށަހެޅިފައިވާ ޖިނާއީ މައްސަލައެއްގައި ދައުވާ ލިބޭ ފަރާތުގެ ޤާނޫނީ ވަކީލަކާއި އޭނާ ގއ.ވިލިނގިލީގައި ބައްދަލުކުރިކަމަށް ހުށަހަޅާފައިވާ މައްސަލައެއްވެސް ހިމެނެއެވެ.

މީގެ އިތުރުން 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރި ކެނޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން، 2018ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި، ގއ.ވިލިނގިލީ ސީނާގޭގައި ބޭއްވި ސިޔާސީ ބައްދަލުވުމެއްގައި މެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ބައިވެރިވެފައިވާކަމަށް ހުށަހަޅާފައިވާ މައްސަލައެއްގެ އިތުރުން ހަމަ އެއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ޓެރަރިޒަމްގެ ތުހުމަތުގައި، ގއ.ކޮލަމާފުށިން ހައްޔަރުކުރި ބައެއްގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކޮށްފައިވަނިކޮށް، "ދެން ގެނަޔަސް 15 ދުވަސް ޖަހާނެކަމަށް" އެމީހުންނާ ދިމާލަށް އަޙްމަދު ޝުކޫރު ބުނެފައިވާކަމަށް ހުށަހަޅާފައިވާ މައްސަލައެއްވެސް ހިމެނެއެވެ.

އަދި 2018ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި، ގއ.ވިލިނގިލީ ގެއެއްގެ ތެރޭގައި މީހަކާ ދިމާއަށް "އަހަރެމެންކޮޅަށް ވޯޓު ލިބޭނެއޭ" ބުނެ ވަކި ސިޔާސީ ފިކުރަކަށް ތާޢީދުކުރާކަން ފާޅުކޮށްފައިވާކަމަށް ހުށަހަޅާފައިވާ މައްސަލައެއްވެސް ތަޙްޤީޤުކުރަމުންދާކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.