ޚަބަރު

ޣައްޒާ ޢުދުވާނުގެ ނިވަލުގައި ހުޅަނގު އައްސޭރީގައި 1،000 މީހުން ޝަހީދުކޮށްލައިފި


ފަލަސްޠީނުގެ ޣާއްޒާގެ ރައްޔިތުން ނަސްލުހޭދުކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޢުދުވާނީ ޙަމަލާތައް ދޭން ފެށި ފަހުން، އެ ޙަމަލާތަކުގެ ނިވަލުގައި ތިބެ ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީން ވެސް ފަލަސްޠީނުގެ 1،000 ރައްޔިތުން ޝަހީދުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޔަހޫދީން ޣައްޒާގައި ހިންގާ ލާއިންސާނީ ޙަމަލާތަކުގެ ސަބަބުން ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކަށް ލިބޭ ސަމާލުކަން ކުޑައެވެ. ޢުދުވާން ފެށުނީއްސުރެ ޣައްޒާގައި މިހާތަނަށް 56،331 މީހުން ޝަހީދުކޮށްލާފައިވެއެވެ. އޭގެ ތެރޭގައި ގިނައީ ކުުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. އެހެންކަމުން ޔަހޫދީން މަސައްކަތްކުރަނީ ޣައްޒާ ޙަމަލާތަކުގެ ނިވަލުގައި ތިބެ ހުޅަނގު އައްސޭރީގެ ރައްޔިތުންނަށް ވެސް ގެއްލުން ދިނުމަށެވެ.

ޣައްޒާއަށް ޙަމަލާ ދިނުމަށް ބޭނުންކުރާ އުކުޅުތަކާ އެއްގޮތް އުކުޅުތައް ބޭނުންކޮށްގެން ޔަހޫދީން ވަނީ ހުޅަނގު އައްސޭރީގެ ޖަނީނާއި ޠޫލްކަރަމާއި ނޫރު ޝަމްސާއި އަލްފާރިޢާއާއި ނާބްލިސްގައި ހުންނަ ރެފިއުޖީ ކޭމްޕުތަކުގައި ހިންގާ ރޭޑުތައް އިތުރު ކޮށްފައެވެ. އޮކްޓޯބަރު 7ގެ ޢުދުވާން ފެށުނު ފަހުން ފަލަސްޠީނުގެ ރައްޔިތުންނަށް ހުޅަނގު އައްސޭރީގައި ދިރިއުޅޭ ހައްދުފަހަނައެޅި ޔަހޫދީ ވަޒަންވެރިންދޭ ޙަމަލާތައް ވެސް ވަނީ އިތުރުވެފައެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހާއި 2024ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ޔަހޫދީ ވަޒަންވެރިން ވަނީ ފަލަސްޠީނުގެ ރަައްޔިތުންނަށް އަމާޒުކޮށް 1،800 ޙަމަލާ ދީފައެވެ. މި އަހަރުގެ ކުރީކޮޅު 414 ޙަމަލާ ދީފައިވާ ކަމަށް ބެލެވޭއިރު މި އަންދާޒާއަކީ ހަޤީޤީ ޢަދަދުތަކަށްވުރެ ދަށް ޢަދަދުތަކަށްވުން ގާތް ކަމަށް އިދާރާތަކުން ލަފާކުރެއެވެ. މިދިޔަ ޖޫން މަހުގެ 25ވަނަ ދުވަހު ވެސް ހަތިޔާރު އަޅައިގެން ތިބި 100އެއްހާ ވަޒަންވެރިން ވަނީ ފަލަސްޠީނުގެ ތިން މީހުން ޝަހީދުކޮށްލައި އައްޠައިބާގައި ރޯކޮށްލަން މަސައްކަތްކޮށްފައެވެ.

2024ވަނަ އަހަރުގެ ތެރޭގަިއ ޔަހޫދީން ވަނީ ހުޅަނގު އައްސޭރީގެ އިތުރު ބިންތައް ވެސް ފޭރިގެންފައެވެ. މިދިޔަ އަހަރު ފޭރިގަނެފައިވާ ބިމުގެ މިންވަރު ފާއިތުވި 20 އަހަރު ފޭރިގަތް ބިމުގެ ނިޞްބަތަށްވުރެ އިތުރެވެ.

ހުޅަނގު އައްސޭރީގައި ޔަހޫދީ ފައުޖުން ދޭ ޙަމަލާތަކުގައި މި އަހަރުގެ ޖަނަވަރީ މަހު އެކަނި ވެސް ފަލަސްޠީނުގެ 70 ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ. ފެބްރުވަރީ އަދި މާރިޗު މަހުގެ ތެރޭގައި ވެސް އިތުރު 34 މީހުން ޝަހީދުކޮށްލާފައިވެއެވެ.