ދުނިޔޭގެ ވިޔަފާރި

ފްރާންސްގެ އުފެއްދުންތައް ބޮއިކަޓްކުރަން އުރުދުޣާން ގޮވާލައްވައިފި


ފްރާންސްގެ އުފެއްދުންތައް ބޮއިކަޓްކުރުމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ގޮވާލައްވައިފިއެވެ.

ފްރާންސްގެ އުފެއްދުންތައް ބޮއިކަޓްކުރުމަށް ތުރުކީގެ ރައީސް ގޮވާލައްވާފައި މިވަނީ އިސްލާމްދީނަށް ފުރައްސާރަކުރުމަށް ތާޢީދުކޮށް ފްރާންސްގެ ރައީސް ވާހަކަދައްކާފައިވާ ދަނޑިވަޅެއްގައެވެ.

ޓީވީ މެދުވެރިކޮށް ވާހަކަފުޅުދައްކަވަމުން ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވީ ފްރާންސްގައި މުސްލިމުންނާ ދެކޮޅަށް އެޤައުމުގެ ސަރުކާރުން އެކި މަސައްކަތްތައް ކުރަމުންދާއިރު އެކަމާ ދެކޮޅަށް ދުނިޔޭގެ ލީޑަރުން ތެދުވަންޖެހޭނެކަމަށެވެ. އުރުދުޣާން ވިދާޅުވީ ފްރާންސްގެ އުފެއްދުންތަކަށް ހުރިހާ އެންމެންވެސް ނޫނެކޭ ބުނަންޖެހޭކަމަށާއި، އެޤައުމުގެ އުފެއްދުންތައް ގަތުން ހުއްޓާލަންޖެހޭކަމަށެވެ.

ތުރުކީގެ އިތުރުން އިސްލާމީ އެހެން ބައެއް ޤައުމުތަކުގައިވެސް ފްރާންސްގެ އުފެއްދުންތައް ބޮއިކަޓްކުރުމަށް ދަނީ ގޮވާލަމުންނެވެ. އޭގެ ތެރޭގައި ކުވެއިތު، އުރުދުން އަދި ޤަތަރު ހިމެނެއެވެ.

ކުވެއިތުގެ އެންމެ ބޮޑު ސުޕަރމާކެޓް ޗެއިންއިން ވަނީ 50 އަށްވުރެ ގިނަ ބޮޑެތި ސުޕަރމާޓުތަކުގައި ވިއްކާ ފްރާންސްގެ އުފެއްދުންތައް ފިހާރަތަކުން ނެގުމަށް ނިންމާފައެވެ. އަދި އުރުދުންގެ ބައެއް ފިހާރަތަކުން ވަނީ ފްރާންސްގެ އުފެއްދުންތައް ނުވިއްކާނެކަން އިއުލާންކޮށްފައެވެ. އަދި ޤަތަރުގެވެސް ގިނަ ފިހާރަތަކަކުން ދަނީ ފްރާންސްގެ އުފެއްދުންތައް ނަގަމުންނެވެ. މިގޮތުން އަރަބި ޤައުމުތަކުގައި 50 އަށްވުރެ ގިނަ ސުޕަރމާޓް ހިންގާ "އަލް މީރާ" އިން ވަނީ ފްރާންސްގެ އުފެއްދުންތައް ވިއްކުން ހުއްޓާލުމަށް ނިންމާފައެވެ. އަދި ޤަތަރު ޔުނިވަރސިޓީން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ފްރެންޗު ކަލްޗަރަލް ވީކް"ވެސް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.

ފްރާންސްގެ އުފެއްދުންތައް ބޮއިކަޓްކުރުމަށް ބައެއް ޤައުމުތަކުން ނިންމާފައިވާއިރު، ލީބިޔާ، އިރާގް، ބަންގްލަދޭޝް އަދި ސީރިޔާގައި ވަނީ ފްރާންސްއާ ދެކޮޅަށް ބޮޑެތި މުޒާހަރާތައްވެސް ބާއްވާފައެވެ.

ފްރާންސްއާ ދެކޮޅަށް ހިންގާ ބޮއިކަޓް ކެމްޕެއިންއާ ގުޅޭގޮތުން ފްރާންސްގެ ފޮރިން މިނިސްޓްރީން ބުނީ އެއީ ބަލައިގަނެވޭނެކަމެއް ނޫންކަމަށާއި އެފަދަ ހަރަކާތްތައް ހުއްޓާލަންޖެހޭކަމަށެވެ. އަދި ފްރާންސްގެ ރައީސްގެ ވާހަކަފުޅުތައް ބައެއް ފަރާތްތަކުން އޮޅުވާލަމުންދާކަމަށް ފްރާންސްގެ ފޮރިން މިނިސްޓްރީން ބުނެއެވެ.