ވިޔަފާރި

ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒާވްއެއްގެ ގޮތުގައި އައްޑޫ ސިޓީ ހަމަޖެހިއްޖެނަމަ އިޤްތިޞާދީގޮތުން ފައިދާތަކެއް ލިބޭނެ


ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒާވްއެއްގެ ގޮތުގައި އައްޑޫ ސިޓީ ހަމަޖެހިގެންދިއުމުން އިޤްތިޞާދީ ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އައްޑޫސިޓީ މޭޔަރ އަބްދުﷲ ސޯދިޤް ވިދާޅުވެއްޖެއެވެ.

އައްޑޫ ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒާވް އަކަށް ބަދަލުވެގެން ދިއުމާއި، ގުޅޭ ގޮތުން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މޭޔަރ ސޯދިޤް ވިދާޅުވީ، ޔުނެސްކޯގެ މިލަޤަބާއެކު ލިބޭނެ ގިނަ ފައިދާތަކެއް އެބަހުރިކަމަށެވެ. އެގޮތުން މިލޭބަލްގެ ތެރެއިން އިޤްތިސާދީ ފައިދާ އަދި ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރިއެރުން ލިބިގެންދާނެކަމަށް މޭޔަރ ވިދާޅުވިއެވެ.

"އޭގެ ސަބަބުން (ބަޔޮސްފިއަރ ރިޒާވް ލޭބަލް) އަޅުގަނޑުމެންނަށް ލިބިގެންދިޔައީ އަގުބޮޑު ޕްރޮޑަކްޓެއް. ބޭނުން ކުރެވޭނެ މުހިންމު މާކެޓިންގް ޓޫލްއެއް. ރާއްޖެ އަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި މުޅި ދުނިޔޭގައިވެސް ހިނގާ މުހިންމު އެއް ލޭބަލެއް އޮތް ޤައުމެއް. ރާއްޖެގެ ލޭބަލް އާއި އެކު ބަޔޮސްފިއާރ ރިޒާވްގެ ލޭބަލް އައީމަ ފަތުރުވެރިކަމުގެ ސިނާއަތުން ވަރަށް ބޮޑަށް ވިކިގެންދޭ. ބ. އަތޮޅުގެ ގެސްޓްހައުސް ސިޓީ ހޯޓާ އަދި ރިސޯޓްތަށް ވެސް ވިކޭ އެއްސަބަބު ބަޔޮސްފިއަރ ރިޒާވްގެ ލަޤަބަކީ " މޭޔަރ ވިދާޅުވިއެވެ.

ރާއްޖެ މިއަދު ޕްރޮގްރާމުގައި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭގެ ފަރާތުން ވަހަކަ ދައްކަވަމުން، އެސިސްޓެންޓް ޑިރެކްޓަރ އައިޝަތު ފަރުހަތު ވިދާޅުވީ، ބަޔޯސްފިއަރ ރިޒާވް ގޮތުގައި ފާހަގަކޮށްފައިވާ ތަންތަނަކީ މުޅިދުނިޔެވެސް ބަލައިގަންނަ ތަންތަންކަމަށެވެ. އަދި މިކަމުގެ ސަބަބުން އައްޑޫ ސިޓީއަށްވެސް އިޤްތިޞާދީގޮތުން ފައިދާތަކެއް ލިބިގެންދާނެކަމަށް ފަރުހަތު ވިދާޅުވިއެވެ. އެގޮތުން އަމިއްލަ އުފެއްދުންތައް ވިއްކުމަށްވެސް ބަޔޯސްފިއާރ ރިޒާވްގެ ލޯގޯ ބޭނުން ކުރެވި އިންޓަނޭޝަނަލް މާކެޓުގައި އިޝްތިހާރު ކުރެވިދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޔުނެސްކޯގެ މޭން އެންޑް ބަޔޮސްފިއަރ ޕްރޮގްރާމަކީ ތަނެއްގައިވާ ގުދުރަތީ ރީތިކަމާއި އެތަނެއްގައި ދިރިހުރި ދިރުމެއްގެ އަސްލު ނުގެއްލޭގޮތަށް ތަނެއް ހިމާޔަތްކޮށް ބެލެހެއްޓުމެވެ. އައްޑޫ އަދި ފުވައްމުލަކު ސިޓީ ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒާވަށް ހެދުމަށް ހުށަހަޅާފައިވަނީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އަދި މިހަފްތާގެ ފަހުކޮޅު އައްޑޫ އަދި ފުވައްމުލަކު ސިޓީ ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ހަމަޖެހިގެންދާނެކަމުގެ ފެހި ސިގްނަލް ލިބިފައިވާކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.