ޚަބަރު

ކުޅުދުއްފުށީގައި ބަލި ފެތުރޭތޯ ބެލުމަށް ސާމްޕަލް ނެގި 120 މީހުންގެ ނަތީޖާވެސް ނެގެޓިވް


މިމަހުގެ 18ގެ ފަހުން ކުޅުދުއްފުށިން ކޯވިޑް-19ގެ އެއްވެސް ކޭސްއެއް ފެނިފައި ނުވާކަމަށާއި، އެރަށުގައި ބަލި ފެތުރޭތޯ ބެލުމަށް ސާމްޕަލް ނެގި 120 މީހުންގެ ނަތީޖާވެސް ނެގެޓިވްވެފައިވާ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ އެޓޯލް ޕްރިޕެއަރޑްނަސް ޓީމްގެ ފަރާތުން އަބްދުލް މައުރޫފް ވިދާޅުވީ މިދިޔަ މަހުގެ 28ވަނަ ދުވަހު ފާހަގަކުރެވުނު ކުޅުދުއްފުށީ ކްލަސްޓަރގައި ފުރަތަމަ ޕޮޒިޓިވްވި މީހުން މިހާރު ބަލިން ރަނގަޅުވެ ދޫކޮށްލާފައިވާކަމަށެވެ.

މި ކްލަސްޓާގައި ހދ. ކުޅުދުއްފުށިން މިހާތަނަށް 11 މީހުން ޕޮޒިޓިވްވެފައިވެއެވެ. އަދި އެއަތޮޅު ދިއްދޫން 3 މީހުން، ށ.ފޯކައިދޫންވެސް އެކަކުވަނީ ޕޮޒިޓިވްވެފައެވެ.

އަބްދުލް މައުރޫފް ވިދާޅުވީ މި ރަށްތަކުގެ ތެރެއިން ކުޅުދުއްފުށިން އެންމެ ފަހުން ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވަނީ މިމަހުގެ 18ވަނަ ދުވަހު ކަމަށާއި އެދުވަހު ޕޮޒިޓިވްވި 4 މީހުންނާއި ކޮންޓެކްޓްވި 78 މީހަކު ދެނެގަނެވި އެމީހުންގެ ސާމްޕަލްނަގައި ނަތީޖާ ނެގެޓިވްވެފައިވާކަމަށެވެ.

ކުޅުދުއްފުށީގެ ޕޮޒިޓިވްކޭސްތަކާއި ގުޅިގެން އެރަށުގައި އިތުރަށް ބަލި ފެތުރޭތޯ ދެނެގަތުމަށް މުޖުތަމަޢުގައި އެކި ޚިދުމަތްތައް ފޯރުކޮށްދޭ މީހުން ހިމެނޭހެން ޖުމަލް 120 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު، އެއިން އެވެސް މީހަކު ޕޮޒިޓިވް ނުވާކަމަށް އަބްދުލް މައުރޫފް ވިދާޅުވިއެވެ.

ކުޅުދުއްފުށިން ރެންޑަމް ސާމްޕަލް ނަގާފައިވަނީ:


* ބަލީގެ އަލާމްތަށް ހުރިކަން ފާހަގަކުރެވުނު މީހުން ހިމެނޭ ގޭބިސީތައް 25 ސާމްޕަލް
* ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 35 ސާމްޕަލް
* ފިހާރަތަކުން 17 ސާމްޕަލް
* ކެފޭ ރެސްޓޯރަންޓްތަކުން 24 ސާމްޕަލް
* ބޭންކް އަދި އެއަރޕޯޓުން 13 ސާމްޕަލް
* ޓެކްސްސީ ޚިދުމަތްދޭ މީހުންގެ ތެރެއި 11 ސާމްޕަލް
* ބޯޓު ފަހަރުން 10 ސާމްޕަލް

ކޮންޓެކްޓުވި މީހުންނާއި ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވްވިނަމަވެސް ކުޅުދުއްފުށީގައި ބަލި ފެތުރުނަ ނުދިނުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އާންމުން ހެލުންތެރިކުރުމަށާއި، ފިޔަވަޅުތައް ހަރުދަނާކުރުމަށް ކުޅުދުއްފުށީ ޓާސްކްފޯހާއި ގުޅިގެން ބޭނުންވާ ލަފަޔާއި އިރުޝާދު ދެމުންދާކަމަށް އެޗްއީއޯސީން ވިދާޅުވިއެވެ.

ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށާއި ފިޔަވަޅުތައް ހަރުދަނާކުރުމުގެ ގޮތުން މިވަގުތުވެސް ކުޅުދުއްފުށި ސިޓީ މޮނިޓަރިންގެ ހާލަތުގައި އޮތުމުން އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތަށް އެރަށުގައި ހުރިހާ ފަރާތްތަކުންވެސް އަމަލުކުރުމަށް އެޓޯލް ޕްރިޕެއަރޑްނަސް ޓީމުން ވަނީ އިލްތިމާސްކުރައްވާފައެވެ.

"މޮނިޓަރިިންގ ހާލަތުގައި އޮތުމާއެކީގައި އާންމުން ބޭރަށް ނުކުންނަ ނަމަ މާސްކު އެޅުން ވަރަށް މުހިއްމު، އަދި ޚާއްސަކޮށް ފޮތި މާސްކް ބޭނުންކުރާނަމަ އެމާސްކްތަކަކީ އެޗްޕީއޭގެ މިންގަނޑުތަކާއެއްގޮތަށް ތައްޔާރުކޮށްފައިވާ މާސްކަކަށްވުން މުހިއްމު. އަދި ބޭރުތެރޭގައި އުޅޭއިރު އެކަކު އަނެކަކަށް ގައިދުރުކަން ބެހެއްޓުމާއި، ގިނަގިނައިން ރަނގަޅަށް އަތް ދޮވުމަށް ސަމާލުކަންދިނުމަކީ މުހިއްމުކަމެއް" އަބްދުލް މައުރޫފް ވިދާޅުވިއެވެ.

މިވަގުތު އިތުރު ކޭސްތަކެއް ކުޅުދުއްފުށިން ނުފެނުނު ނަމަވެސް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓްސްތައް 14 ދުވަހަށްބަލަންޖެހޭކަމަށާއި، އެހެންކަމުން އަދި ކުޅުދުއްފުށިން މިބަލީގެ ނުރައްކަލެއް ނެތްކަމަށް ނިންމާލެވެން ނެތްކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ. އަދި ކޮންޓެކްޓްވި މީހުންގެ ސާމްޕަލް 14 ދުވަސްފަހުން ނަގަން ނިންމާފައިވާ ކަމަށާއި މި މުއްދަތުގެ ތެރޭގައި އެރަށުގެ އެއްވެސް މީހެއްގައިން ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ފްލޫ ކްލިނިކަށް ދެއްކުމަށް އެޗްއީއޯސީންވަނީ އިލްތިމާސްކުރައްވާފައެވެ.

ކުޅުދުއްފުށީގައި މިހާރުވަނީ ބަލީގެ އަލާމާތްތައް ހުންނަ މީހުންނަށް ޚާއްސަ ފްލޫ ކްލިނިކަކާއި، މިބަލީގެ މައުލޫމާތު ހިއްސާކުރުމަށް ޚާއްސަ ހޮޓްލައިނެއްވެސް ޤާއިމްކޮށްފައެވެ.