ތަޢުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ޤައުމީ ޔުނިވަރސިޓީއާއި ބޭރުގެ ދެ ޔުނިވަރސިޓީއަކާއެކު ފަހުމުނާމާގައި ސޮއިކޮށްފިއެވެ. މިގޮތުން ފަހުމުނާމާގައި ސޮއިކޮށްފައިވަނީ ދަ ހޮޓެލް ސްކޫލް އޮސްޓްރޭލިއާ- ސަދަން ކްރޮސް ޔުނިވަރސިޓީއާއި، މެލޭޝިއާގެ ސެލެންގޯ އިސްލާމިކް ޔުނިވަރސިޓިއާއި ދެމެދުގައެވެ.
ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓޭލިޓި އެންޑް ޓޫރިޒަމްއާއި، ދަ ހޮޓެލް ސްކޫލް އޮސްޓްރޭލިއާ- ސަދަން ކްރޮސް ޔުނިވަރސިޓީއާއި ދެމެދު ފަހުމުނާމާއެއް އެކުލަވާލާފައިވަނީ ބައިނަލްއަޤުވާމީ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޭނުންވާ ތަޢުލީމާއި ތަމްރީނުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށެވެ. މިފަހުމުނާމާގެ ދަށުން ދިރާސާކުރުމާއި، ތަޢުލީމީގޮތުން އެކި ފުރުސަތުތައް މުވައްޒަފުންނަށާއި ދަރިވަރުންނަށް އެކްސްޗޭންޖް ޕްރޮގްރާމްތަކުގެ ތެރެއިން ފަހިވެގެންދާނެކަމަށް ޤައުމީ ޔުނިވަރސިޓީން ވިދާޅުވެއެވެ.
މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.ޢައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ މިފަހުމުނާމާގެ ސަބަބުން ބައިނަލްއަޤުވާމީ ބެސްޓް ޕްރެކްޓިސްއާއެއްގޮތަށް ފަތުރުވެރިކަމުގެ ސިނާޢަތާއި މަތީ ތަޢުލީމުގެ ދާއިރާ ހަރުދަނާވެގެންދާނެކަމަށެވެ. އަދި އޮސްޓްރޭލިއާ ޔުނިވަރސިޓީގެ އެގެޒެކެޓިވް ޖެނެރަލް މެނޭޖަރ ނިކޮލަސް ހައިޑް ވިދާޅުވީ މިފަހުމުނާމާއާއެކު ދެޔުނިވަރސިޓީއަށްވެސް އެކި ގޮތްގޮތުން ކުރިއެރުންތައް ލިބިގެންދާނެކަމަށެވެ.
މީގެއިތުރުން ޤައުމީ ޔުނިވަރސިޓީއާއި މެލޭޝިއާގެ ސެލެންގޯ އިސްލާމިކް ޔުނިވަރސިޓީއާއި ދެމެދުވެސްވަނީ ފަހުމުނާމާއެއް އެކުލަވާލާފައެވެ. މިފަހުމުނަމާގެ ދަށުން ގުޅިގެން ސަރަހައްދީ އަދި ބައިނަލްއަޤުވާމީ އެކި މައްސަލަތަކާއި ގުޅޭގޮތުން ދިރާސާތައް ކުރުމަށްވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު މުވައްޒަފުންނާއި ދަރިވަރުންނަށް އެކްސްޗޭންޖް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެކަމަށް ޤައުމީ ޔުނިވަރސިޓީން ވިދާޅުވެއެވެ. މީގެ އިތުރުން ދެޤައުމުގެ ދީނީ އަދި ޘަޤާފަތާއި އާދަކާދަތައް ދިރުވާއާލާކުރުމަށް ގުޅިގެން މަސައްކަތްކުރެވޭނެކަމަށްވެސް ޔުނިވަރސިޓީން ވިދާޅުވެއެވެ.
ރާއްޖޭގައި ދެވޭ މަތީ ތަޢުލީމަކީ ބައިނަލްއަޤުވާމީ މިންގަނޑުތަކާއި އެއްގޮތަށް ދެވޭ ތަޢުލީމަށް ހެދުމަށް ޤައުމީ ޔުނިވަރސިޓީން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. މީގޮތުން އެކި ޔުނިވަރސިޓީތަކާއެކު އެއްބަސްވުންތައް ޤާއިމުކޮށް ތަޢުލީމީ އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް ދަރިވަރުންނަށާއި، މުވައްޒަފުންނަށް ފަހި ފުރުސަތުތައް ހޯދައިދިނުމަށް އެޔުނިވަރސިޓީންދަނީ މަސައްކަތް ކުރަމުންނެވެ.