ވިޔަފާރި

ފާއިތުވި 3 މަސްތެރޭގައި ރާއްޖެއަށް 27000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވޭ


ބޯޑަރު އަލުން ހުޅުވާލިފަހުން ފާއިތުވި 3 މަސްދުވަސްތެރޭ ރާއްޖެއަށް 27217 ފަތުރުވެރިން އައިސްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވާލުމާއިއެކު ޖުލައިމަހު 1752 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު، އޮގަސްޓްމަހު 7628 ފަތުރުވެރިން އަދި ސެޕްޓެމްބަރމަހު 9538 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. މިގޮތުން ސެޕްޓެމްބަރުމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދަކީ މިއަހަރުގެ އޮގަސްޓުމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުންވެރިންގެ އަދަދާއި އަޅާ ބަލާއިރު %56 އިތުރު އަދަދެކެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް އައިސްފައިވަނީ 8350 ފަތުރުވެރިންނެވެ. މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެޤައުމުން ރާއްޖެއަށް މިމަސްތެރޭ 2308 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ އެމެރިކާއިންނެވެ. އެޤައުމުން ރާއްޖެއަށް 656 ފަތުުރުވެރިން އާއިސްފައިވާއިރު، ތިންވަނައަށް އެންމެ ގިނަ އަދަދަަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިަވނީ އިނގިރޭސިވިލާތުންނެވެ. އެޤައުމުން މިމަހުގެތެރޭ 525 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.

މިމަހުގެ 15ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް އެއްދުވަހެއްގެ ތެރޭ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށް ޖުމްލަ 1025 ފަތުރުވެރިން އައިސްފައިވެއެވެ. ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވަނީ މިދިޔަ މާޗުމަހުގެ 27 ވަނަ ދުވަހުއެވެ. 110 ދުވަހަށްފަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާފައިވަނީ މިދިޔަ ޖުލައިމަހުގެ 15ވަނަ ދުވަހުއެވެ. މިއާއެކު ބައިނަލްއަޤްވާމީ އެއަރލައިންތަކުން ދަނީ ރާއްޖެއަށް އަލުން ދަތުރުތައް ފަށަމުންނެވެ. އެގޮތުން މިހާރުވެސް ބައިނަލްއަޤްވާމީ 12 އެއަރލައިންއަކުން ދަނީ ރާއްޖެއަށް ދަތުރުތައް ބާއްވަމުންނެވެ. އަދި ރާއްޖެއަށް ދަތުުރުތައް ފެށި އެއަރލައިންތަކުންވެސް ދަނީ ރާއްޖެއަށް ކުރާ ދަތުރުތައްކުގެ އަދަދު އިތުރުކުރަމުންކަންވެސް ފާހަގަކޮށްލެވެއެވެ.