ކުޅިވަރު

ޗެމްޕިއަންސް ލީގު: ބާސެލޯނާއަށް ފަސޭހަ މޮޅެއް


ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ޖީގައި ރޭ ސްޕެއިންގެ ބާސެލޯނާއިން ހަންގޭރީގެ ފެރެންސްވަރޯސްގެ މައްޗަށް ބޮޑު މޮޅެއް ހޯދައިފިއެވެ.

ބާސެލޯނާގެ އަމިއްލަ ދަނޑު ކޭމްޕް ނޯ ގައި ކުޅުނު މި މެޗު ބާސެލޯނާއިން ކާމިޔާބުކުރީ 1-5 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބާސެލޯނާއިންނެވެ. މެޗުގެ 27 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ބާސެލޯނާއަށް ލީޑު ނަގައިދިނީ ކެޕްޓަން ލިއޮނަލް މެސީއެވެ. މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ބާސެލޯނާއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު މެޗުގެ 42 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަންސޫ ފަޓީއެވެ.

ދެވަނަ ހާފް ފަށައިގެން 52 ވަނަ މިނެޓުގައި ފިލިއްޕޭ ކުޓީނިއޯ ވަނީ ބާސެލޯނާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. ކުޓީނިއޯ ބާސެލޯނާގެ ތިންވަނަ ލަނޑު ކާމިޔާބުކުރި ފަހުން 68 ވަނަ މިނެޓުގައި އެ ޓީމުގެ ޖެރާޑް ޕީކޭ އަށް ރަތްކާޑެއް ދެއްކުމުގެ ސަބަބުން އެކަކު މަދުވުމާއެކު ބާސެލޯނާއަށް އުނދަގޫތަކާއި ކުރިމަތިވިއެވެ. ފެރެންސްވަރޯސްއިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. މެޗުގެ 70 ވަނަ މިނެޓުގައި މި ޕެނަލްޓީ ފެރެންސްވަރޯސްއަށް ކާމިޔާބުކޮށްދިނީ އިހޯރް ހަރަޓިންއެވެ.

މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި ބާސެލޯނާއިން ވަނީ އިތުރު ދެ ލަނޑު ޖަހާ އެޓީމަށް ފަސޭހަ މޮޅެއް ހޯދައިދީފައެވެ. އެގޮތުން 82 ވަނަ މިނެޓުގައި ޕެޑްރީ ބާސެލޯނާގެ ހަަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު ފަސް ވަނަ ލަނޑު 89 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، އޮސްމާނޭ ޑެމްބެލޭއެވެ.

ޗެމްޕިއަންސް ލީގުގައި ބާސެލޯނާ ހިމެނޭ ގްރޫޕް ޖީގައި ރޭ ޔުވެންޓަސް ވަނީ ޔޫކްރޭނުގެ ޑިނަމޯ ކިއޭވްގެ މައްޗަށް ކުރި ހޯދާފައެވެ.

މި މެޗުން ޔުވެންޓަސް މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޔުވެންޓަސްގެ ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާއެވެ.

މި ނަތީޖާއާއެކު ބާސެލޯނާ ހިމެނޭ ގްރޫޕް ޖީގެ އެއްވަނައިގައި އޮތް ބާސެލޯނާއާއި ދެވަނައިގައި އޮތް ޔުވެންޓަސްއަށް 3 ޕޮއިންޓް ވަނީ ލިބިފައެވެ. ބާސެލޯނާއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. ގްރޫޕްގެ ތިންވަނައިގައި ޑިނަމޯ ކިއޭވް އޮތްއިރު ފުލުގައި އޮތީ ހަންގޭރީގެ ފެރެންސްވަރޯސްއެވެ.