ދުނިޔެ

ހާޝޫޤްޖީގެ މަރާ ގުޅިގެން ސަލްމާނާއި ދެކޮޅަށް މަދަނީ މައްސަލައެއް


2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ތުރުކީވިލާތުގެ އިސްތަންބުލްގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ ކޮންސިއުލޭޓުގައި އަނިޔާވެރިކޮށް މަރާލި ސަޢުދީ ޢަރަބިއްޔާގެ ނޫސްވެރިއެއްކަމަށްވާ ޖަމާލް ޚާޝޫޤްޖީގެ މަރުގެ މައްސަލައިގައި ސަޢުދީ ޢަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންއާ ދެކޮޅަށް އެމެރިކާގެ ކޯޓަކަށް މަދަނީ މައްސަލައެއް ހުށަހަޅައިފިއެވެ.

ހާޝޫޤްޖީ މަރާލުމަށް އިރުޝާދު ދީފައިވަނީ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންކަމަށް ބުނެ އެ މައްސަލަ ހުށަހަޅާފައިވަނީ ހާޝޫޤްޖީއާ ކައިވެނިކުރުމަށް ތައްޔާރުވަމުންދިޔަ ތުރުކީވިލާތުގެ ރައްޔިތެއްކަމަށްވާ ހަތީޖާ ގެންގިސް އާއި ހާޝޫޤްޖީ އުފެއްދި އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ޖަމުޢިއްޔާއަކުންނެވެ.

ވަލީއަހުދު މުޙައްމަދު ބިން ސަލްމާނާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި ސަޢުދީ ޢަރަބިއްޔާއަށް ނިސްބަތްވާ އިތުރު 20 މީހެއްގެ ނަންވަނީ މައްސަލައިގެ ތުހުމަތު ރައްދުވާ މީހުންގެ ގޮތުގައި ފާހަގަކޮށްފައެވެ. އެ މައްސަލަ ހުށަހަޅާފައިވަނީ ގެއްލުމުގެ ބަދަލު ހޯދުމަށެވެ. މައްސަލައިގައި ވަނީ ވަލީ އަހުދާއި އޭނާގެ ބައިވެރިން ހާޝޫޤްޖީއަށް ގެއްލުންދިނުމަށް ރޭވީ އޭނާ އުފައްދައި އެމެރިކާގައި މަރުކަޒުކޮށްފައިވާ ޑިމޮކްރަސީ ފޯރ ދަ އަރަބް ވޯލްޑް ނައު ނުވަތަ ޑޯން މެދުވެރިކޮށް ދިމުކުރާތީ އިސްލާހުތައް ގެނައުމަށް ބާރުއަޅައި އިންސާނީ ހައްޤުތަކަށް މަސައްކަތްކުރުމަށް ހާޝޫޤްޖީ ރާވަމުންދާތީކަމަށެވެ.

އެގޮތުން ހާޝޫޤްޖީއަށް ގެއްލުން ދިނުމަށް އެކަށީގެންވާ ވަގުތަކާއި މާހައުލެއް ތައްޔާރުކުރުމަށް ރޭވުންތައް ރާވައި، ކެނެޑާގައި ދިރިއުޅޭ ހާޝޫޤްޖީ ކައިވެނިކުރުމަށް ބޭނުންވާ ލިޔެކިޔުންތައް އެމެރިކާއިން ނުލިބޭނެކަމަށް އަންގައި ލިޔެކިޔުންތައް ހޯދުމަށް ތުރުކީވިލާތުގެ އިސްތަންބުލުގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ ކޮންސިއުލޭޓަށް ދާންޖެހޭނެކަމަށް އަންގާފައިވާކަމަށް މައްސަލައިގައިވަނީ ފާހަގަކޮށްފައެވެ.
އެއީ އޭނާ މަރާލުމުގެ ބޭނުމުގައި ގަސްތުގައި ރާވާފައިވާ ރޭވުންތަކެއްކަމަށް މައްސަލައިގައިވަނީ ތުހުމަތުކޮށްފައެވެ.

ސަޢުދީ ޢަރަބިއްޔާއިންވަނީ އެ ޤައުމުގެ އޭޖެންޓުންތަކެއް ހާޝޫޤްޖީ މަރާލާފައިވާކަމަށް އެއްބަސްވެފައެވެ. ނަމަވެސް އެ ހާދިޘާ ހިންގީ އެ ފަރާތުން ހިންގި އޮޕަރޭޝަނެއްގެ ކަންކަން ގޯސްކޮށް ދިޔުމުންކަމަށް ސަޢުދީ ޢަރަބިއްޔާއިން ބުނެއެވެ. އެ ހާދިޘާއާއި ވަލީއަހުދާ ދެމެދު އެއްވެސް ގުޅުމެއް ނުވާކަމަށްވެސް ސަޢުދީ ޢަރަބިއްޔާއިންވަނީ ތަކުރާރުކޮށް ބުނެފައެވެ. ނަމަވެސް އެމެރިކާގެ ޖާސޫސީ އިދާރާތަކެއްކަމަށްވާ ސީއައިއޭއިން ހާޝޫޤްޖީގެ މަރާލުމުގެ އިރުޝާދު ދީފައިވަނީ ވަލީއަޚުދުކަމަށް ނިންމާފައިވާކަމަށް އެމެރިކާގެ މަޝްހޫރު ނޫސްތަކަކުންވަނީ ބުނެފައެވެ.

ވަލީއަޚުދާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން އެމެރިކާގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ އެމްބަސީން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ހާޝޫޤްޖީއާ ކައިވެނިކުރުމަށް ތައްޔާރުވަމުންދިޔަ ހަތީޖާ ގެންގިސް ބުނީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިން ހާޝޫޤްޖީގެ މަރުގެ ހަޤީޤަތް ހާމަވެ ހާޝޫޤްޖީއަށް އިންސާފު ހޯދައިދެވޭނެކަމަށް އުންމީދުކުރާކަމަށެވެ. އިންސާފު ހޯދުމަށް ކުރާ މަސައްކަތުގައި އެމެރިކާގެ މަދަނީ އިންސާފުގެ ނިޒާމަށް އިތުބާރުކުރާކަމަށްވެސް އޭނާ ބުންޏެވެ.