ވިޔަފާރި

ރާއްޖެއަށް އިތުރު ސަބްމެރިން ކޭބަލްތައް ގެނައުމުގެ މަސައްކަތް މިދަނީ ކުރަމުން: މިނިސްޓަރ މަލީޙް


އިންޓަރނޭޝަނަލް ކަނެކްޓިވިޓީއަށް ކުރެވޭ ޚަރަދު ކުޑަކުރުމަށްޓަކައި ރާއްޖެއަށް އިތުރު ސަބްމެރިން ކޭބަލްތައް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ އޮފް ކޮމިއުކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އިންޓަރނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން، އައި.ޓީ.ޔޫ އާއި ވިއެޓްނާމްގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް އިން ގުޅިގެން ބޭއްވި މިނިސްޓީރިއަލް ރައުންޑްޓޭބަލް ގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ މަލީޙް ޖަމާލް ވިދާޅުވީ، އިންޓަރނޭޝަނަލް ކަނެކްޓިވިޓީ އަކީ ވަރަށް ބޮޑު ހަރަދެއް ހިންގާ ކަމެއް ކަމަށެވެ. އަދި ކޯވިޑު-19 އާއި އެކު ރައްޔިތުންނަށް މައުލޫމާތު ވަގުތުން ފޯރުކޮށްދިނުމުގައި އެންމެ ބޮޑު ރޯލެއް ކުޅެފައިވަނީ ޓެކްނޮލޮޖީކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކޯވިޑް19ގެ ހާލަތުގައި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވި ހިދުމަތަކަށް އިންޓަރނެޓް ޚިދުމަތް ވެގެން ދިއުމާއި އެކު ރާއްޖޭގެ ސަރުކާރާއި، އައި.އެސް.ޕީ ތަކުން މަސައްކަތްކޮށްފައިވަނީ ނެޓްވޯކް ވީހާވެސް ރަނގަޅަށް ފޯރުކޮށްދެވޭތޯ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. މިގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް މޯބައިލް ޓެލެފޯނުގެ ހިދުމަތާއި، ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ކޮވިޑް19ގެ ފުރަބަންދުގައި ފްރީ ޑޭޓާ އެލަވަންސް، ރީޗާޖު ކުރުމުން ޑިސްކައުންޓް އަދި ބިލަށް ފައިސާދެއްކުން ފަސްކުރެވޭނެގޮތް ހަދައިދީފައިވާ ކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ކޯވިޑް19ގެ ހާލަތުގައި އިންޓަރނެޓް ބޭނުންކުރެވޭ މިންވަރު ދެގުނަ ވެގެންދިޔުމުން ރައްޔިތުންގެ އުއްމީދުތަކާއި އެއް ފެންވަރަށް ހިދުމަތްތައް ފޯރުކޮށްދިނުން ގޮންޖެހުމަކަށް ވެގެން ދިޔަކަމާއި، އެހެންނަމަވެސް ހިދުމަތުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ވީޑިއޯ އަދި ސްޓްރީމިން ކޮލިޓީއަށް އެއްވެސް ބަދަލެއް ނުގެނެސް ހިދުމަތް ފޯރުކޮށްދެވިފައި ވާކަމަށެވެ.

“ އެކަކު އަނެކަކާ ދުރުގައި ތިބެން މިއަދު ޖެހިފައިވިނަމަވެސް، އެކަކު އަނެކަކާ ވަރޗުއަލީ ގުޅުވައިދޭ އެއްޗަކަށް އައި.ސީ.ޓީ ވަނީވެފައި، އެހެންކަމުން، ކޯވިޑް19ގެ މި ހާލަތުން ފިލާވަޅުނަގައި، ކުރިއަށް އޮތްތަނުގައި ދިމާވެދާނެ މިފަދަ ކަމަކަށްޓަކައި މިއަދު އައި.ސީ.ޓީ ހިދުމަތްތަކުގެ ކޮލިޓީ، ކަވަރޭޖް އަދި އަގު މިހާރަށްވުރެން ރަނގަޅުކުރަންޖެހޭ” މިނިސްޓަރ ވިދާޅުވިއެވެ.

އައި.ޓީ.ޔޫ އާއި ވިއެޓްނާމްގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް އިން ގުޅިގެން ބޭއްވި މިނިސްޓީރިއަލް ރައުންޑްޓޭބަލް ބައްދަލުވުމަކީ ކޯވިޑް-19ގެ ހާލަތުގައި ޓެކްނޯލޮޖީ އަދާކުރާ ދައުރަކީ ކޮބައިކަމާއި، އަވަސް ދުވެއްޔެއްގައި އިގްތިސާދު ރަނގަޅުކުރުމަށް ޑިޖިޓަލް ޓެކްނޯލޮޖީ އާއި ކަނެކްޓިވިޓީގެ ދައުރަކީ ކޮބައިކަމާއި މެދު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި އައި.ޓީ.ޔޫގެ ސެކްރެޓަރީ ޖެނެރަލް ހޫލިން ޒައު، ވިއެޓްނާމްގެ މިނިސްޓަރ އޮފް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ގުޔެން މަން ހުންގް، ވިއެޓްނާމްގެ ޕްރައިމް މިނިސްޓަރ ގުޔެން ޒުއަން ފުކް އަދި އެހެނިހެން ޤައުމުތަކުގެ ޓެކްނޯލޮޖީ އާއި ބެހޭ މިނިސްޓްރީތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.