ކުޅިވަރު

ޗެމްޕިއަންސް ލީގު: މެންޗެސްޓަރ ޔުނައިޓެޑުން ޕީއެސްޖީގެ މައްޗަށް ކުރި ހޯދައިފި


ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެޗްގައި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގެ މައްޗަށް އިނގިރޭސިވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑުން ކުރި ހޯދައިފިއެވެ.

ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން އެންމެ ފުރަތަމަ ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލީ ޕީއެސްޖީންނެވެ. އެގޮތުން މެޗުގެ 12 ވަނަ މިނެޓުގައި ޑިމާރިއާ ގޯލުގެ ކަނަށް އަމާޒުކޮށް ފޮނުވާލި ބޯޅަ ޔުނައިޓެޑްގެ ކީޕަރ ޑޭވިޑް ޑެހެއާ ވަނީ އަތުން ޖައްސާ ކޯނަރަކަށް ބޭރުކޮށްލާފައެވެ.

މި މެޗުގައި ޔުނައިޓެޑުން ލީޑު ނެގީ އެޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެންނެވެ. އެގޮތުން މެޗުގެ 20 ވަނަ މިނެޓުގައި މާޝިއަލްއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ މި މެޗުގައި ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ބްރޫނޯ ފެނާންޑޭޒްއެވެ. ފެނާންޑޭޒް ފުރަތަމަ ޖެހި ޕެނަލްޓީ ޕީއެސްޖީގެ ކީޕަރ ކޭލާ ނަވާސް ދިފާއުކުރި ނަމަވެސް ބްރޫނޯ ފެނާންޑޭސް ބޯޅަ ކުރިޔަށް ފޮނުވާލުމުގެ ކުރިން ނަވާސް ގޯލް ލައިނަށްވުރެއް ކުރިޔަށް ނުކުތްކަމަށް ލައިންސްމަން ބުނުމުން ރެފްރީ ވަނީ ދެވަނަ ފަހަރަށް ޕެނަލްޓީ ޖެހުމަށް ޔުނައިޓެޑަށް ފުރުޞަތުދީފައެވެ.

މި ލަނޑަށްފަހު މެޗުގެ 39 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭސް ގޯލާއި އަމާޒުކޮށް ފޮނުވާލި ބާރު ހަމަލާ ޕީއެސްޖީގެ ކީޕަރ ވަނީ އަތުން ޖައްސާ ކޯނަރަކަށް ބޯޅަ ބޭރުކޮށްލާފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީން ވަނީ ނަތީޖާ ހަމަހަމަކުރުމަށް ވަރަށް މަސައްކަތް ކޮށްފައެވެ. އެގޮތުން ޔުނައިޓެޑުގެ ގޯލާއި އަމާޒުކޮށް ފޮނުވާލި ހުރިހާ ބޯޅައެއް ޑެހެއާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފް ފަށައިގެން 54 ވަނަ މިނެޓުގައި ޕީއެސްޖީން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ ނަތީޖާ ހަމަހަމަވި ލަނޑަކީ ޕީއެސްޖީއަށް ލިބުނު ކޯނަރެއް ނޭމާ ނަގައިދިނުމުން މާޝިއަލްގެ ބޮލުގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެއެވެ. މި ލަނޑަށްފަހު ޕީއެސްޖީން ވަނީ ޔުނައިޓެޑުގެ ގޯލަށް ބާރު ބޮޑުކޮަށްފައެވެ. ނަމަވެސް ޕީއެސްޖީގެ ކުޅުންތެރިން ފޮނުވާލި ހުރިހާ ހަމަލާއެއް މިރޭގެ މެޗުގައި މުހިއްމު ސޭވްތަކެއް ކުރި ޑޭވިޑް ޑެހެއާ ވަނީ ދިފާއުކޮށްފައެވެ.

މި މެޗުން ޔުނައިޓެޑު މޮޅުކޮށްދިން ލަނޑު މެޗުގެ 87 ވަނަ މިނެޓުގައި ޕައުލް ޕޮގްބާގެ އެހީތެރިކަމާއެކު ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ރަޝްފޯޑެއެވެ.

މެންޗެސްޓަރ ޔުނައިޓެޑާއި ޕީއެސްޖީގެ އިތުރުން ގްރޫޕް އެޗްގައި ދެން ހިމެނޭ ޖަރުމަނުގެ އާރްބީ ލީޕްޒިގާއި ތުރުކީގެ އިސްތަންބޫލު ބަސެކްޝެހިރް ބައްދަލުކުރި މެޗު ކާމިޔާބުކުރީ ލީޕްޒިގުންނެވެ.

އެންމެ ފަހުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ވާދަކުރި ލީޕްޒިގުން މި މެޗު ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ލީޕްޒިގްގެ ދެ ލަނޑުވެސް އެޓީމުން ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗުގެ 16 ވަނަ މިނެޓާއި 20 ވަނަ މިނެޓުގައި ލީޕްޒިގްގެ ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އެންޖެލީނޯއެވެ.

މި ނަތީޖާއާއެކު ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗްގައި ހިމެނޭ ހަތަރު ޓީމުވެސް އެއް މެޗު ކުޅެފައިވާއިރު ގްރޫޕްގެ އެއްވަނައިގައި 3 ޕޮއިންޓާއެކު އޮތީ ލީޕްޒިގެއެވެ. ދެވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑަށްވެސް 3 ޕޮއިންޓް ލިބޭއިރު ލީޕްޒިގަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. ގްރޫޕްގެ ތިންވަނައިގައި ޕީއެސްޖީ އޮތްއިރު ފުލުގައި އޮތީ ތުރުކީގެ އިސްތަންބޫލު ބަސެކްޝެހިރްއެވެ.