ދުނިޔޭގެ ވިޔަފާރި

ސައުދީގެ ބޮޑެތި ސުޕަރމާޓްތަކުން ތުރުކީގެ އުފެއްދުންތައް ބޮއިކަޓް ކުރަނީ


ސައުދީ އަރަބިއްޔާގައި ތުރުކީގެ އުފެއްދުންތައް ވިއްކުން މަނާކުރުމުގެ ބޮއިކަޓް ކެމްޕޭންގައި ސައުދީގެ ބޮޑެތިި ސުޕަރ މާކެޓްތަކުން ބައިވެރިވާން ފަށައިފިއެވެ.

ސައުދީއާއި ތުރުކީއާއި ދެމެދު ޚިޔާލު ތަފާތުވެ ސޯޝަލް މީޑިއާގައި ސައުދީ ވިޔަފާރިވެރިންނާއި ރައްޔިތުން ދަނީ ތުރުކީގެ އުފެއްދުންތައް ބޮއިކޮޓްކުރުމަށް ގޮވާލަމުންނެވެ.

ސައުދީއަރަބިއްޔާއާއި ތުރުކީވިލާތާ ދެމެދު ޚިޔާލު ތަފާތުވެ މައްސަލަ ބޮޑުވާން ފަށާފައިވަނީ 2011 ވަނަ އަހަރު އަރަބި ޤައުމުތަކަށް އައި އަރަބި ރަބީޢަށްފަހުއެވެ. އެއަށްފަހު 2018 ވަނަ އަހަރު ތުރުކީވިލާތުގައި ހުންނަ ސައުދީ ކޮންސިއުލޭޓްގައި ސައުދީގެ ޖަރނަލިސްޓް ޖަމާލް ޚާޝުގްޖީ މަރާލި މައްސަލައިގެ ސަބަބުން ދެ ޤައުމުގެ ގުޅުން ވަނީ އިތުރަށް ގޯސްވެފައެވެ.

މި މައްސަލަތަކާއި ގުޅިގެން ސައުދީއިންވެސް އަދި ތުރުކީއިންވެސް ރަސްމީކޮށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައި ނުވާއިރު، ސައުދީގެ ރައްޔިތުންނާއި ވިޔަފާރިވެރިން ވަނީ ނުރަސްމީކޮށް ތުރުކީއަށް ދަތިކުރުމަށް ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ސޯޝަލް މީޑިއާގައި ބޮއިކޮްޓްކުރުމަށް ކެމްޕޭނެއް ފަށާފައިވާއިރު، މިކަން ހުއްޓުވުމަށް ސައުދީ ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅާ އޮތުމަކީ މި ހަރަކާތަކީ ސަރުކާރުގެ ތާޢީދުވެސް ލިބިގެން ކުރިއަށްދާ ބޮއިކޮޓް ހަރަކާތެއްކަމަށް ތަޖުރިބާކާރުން ބުނެއެވެ. މި މަހުގެ ކުރީކޮޅު ސައުދީގެ ނަން ގަަވަމެންޓަލް ޗެމްބާސް އޮފް ކޮމާސްގެ ވެރިޔާވެސް ވަނީ ތުރުކީގެ އުފެއްދުންތައް ސައުދީގައި ބޮއިކަޓްކުރުމަށް ގޮވާލާފައެވެ.

މިހަރަކާތުގައި ސައުދީގެ ބޮޑެތިި ސުޕަރ މާކެޓްތަކުން ބައިވެރިވާނެކަން މިހާރު މިވަނީ ހާމަކޮށްފައެވެ. އެގޮތުން އެ ޤައުމުގެ އެންމެ ބޮޑު ސުޕަރމާކެޓްތަކުގެ ތެރޭގައި ހިމެނޭ ދަނޫބޭ ސުޕަރމާކެޓާއި، ތަމީމީ މާކެޓްސް، އޮތައިމް މާކެޓްސް އަދި ޕެންޑާ ރީޓެއިލް ކޮމްޕެނީން ވަނީ މި ސުޕަރ މާކެޓްތަކުގައި މިހާރު ހުރި ތުރުކީގެ އުފެއްދުންތައް ހުސްވުމުން އިތުރަށް ތުރުކީގެ އެއްވެސް އުފެއްދުމެއް އިމްޕޯޓްނުކުރާނެކަމަށް ބުނެފައެވެ.

ސައުދީގެ މިފިޔަވަޅުގެ ސަބަބުން ސައުދީއާއި ބައިއަތު ހިފާފާވާ ޤައުމުތަކުން އަމަލުކުރާނެގޮތެއް އަދި ސާފުވެފައެއް ނުވެއެވެ. މި ފިޔަވަޅުގެ ސަބަބުން ތުރުކީގެ އެކްސްޕޯޓްކުރާ ކުންފުނިތަކަށް ދަތިތަކާއި ކުރިމަތިލާންޖެހިފައި ވީނަމަވެސް، ސައުދީގެ ކޯލިޝަންއާއި ދެކޮޅަށް މަސައްކަތްކުރާ ޔޫއޭއީއިން ވަނީ އެ ޤައުމުން ތުރުކީގެ އުފެއްދުންތައް އެތެރެކުރުން އިތުރުކުރާނެކަމަށް ބުނެފައެވެ. އެއާއެކު ތުރުކީގެ ކުންފުނިތަކަށް ވަނީ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިފައެވެ.

2019 ވަނަ އަހަރުގެ ތެރޭގައި ތުރުކީއިން 3.1 ބިލިއަން ޑޮލަރުގެ މުދާ ސައުދީއަށް އިމްޕޯޓްކޮށްފައިވާއިރު، ތުރުކީއަކީ ސައުދީއަށް 12 ވަނައަށް އެންމެ ގިނައިން މުދާ އެތެރެކުރާ ޤައުމެވެ.